ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 09:09
ވޫހާން އަލުން ހުޅުވާލުން ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައި
ވޫހާން އަލުން ހުޅުވާލުން ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައި
ސްކައި ނިއުސް
ކޮވިޑް-19: ވޫހާންގެ ލޮކްޑައުން އުވާލުން
76 ދުވަސް ފަހުން ވޫހާން ގެ ލޮކްޑައުން އުވާލައިފި
 
ލޮކްޑައުން އުވާލި ނަމަވެސް، ވައިރަސް ފެތުރުނަ ނުދިނުމަށް ފިޔަވަޅުތައް ވަނީ އަޅާފައި
 
ވައިރަސް އެންމެ ފުރަތަމަ ފެނުނީ ވޫހާން ސިޓީ އިން
 
ވޫހާން ލޮކްޑައުން ކޮށްފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީ ލޮކްޑައުން ކުރިތާ 76 ދުވަސް ފަހުން، ލޮކްޑައުން އުވާލާ އެ އަވަށް ހުޅުވާލައިފި އެވެ.

ވޫހާން ލޮކްޑައުން ކުރަން ޗައިނާ ސަރުކާރުން ނިންމީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގަ އެވެ. ލޮކްޑައުން ހާލަތު އުވާލަން ޗައިނާ ސަރުކާރުން ނިންމާފައި ވަނީ އައު އިންފެކްޝަންތައް އެ ސިޓީން ފެނުން މަދުވާ މިންވަރަށް ބެލުމަށް ފަހުގަ އެވެ. ފާއިތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ވޫހާން އިން އަލަށް އިންފެކްޓެ ވެގެން ރިޕޯޓްކޮށްފައިވަނީ އެންމެ ތިން މީހުންނެވެ.

ލޮކްޑައުން އުވާލުމުން ވޫހާން އިން ބޭރުވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފަ އެވެ. ނަމަވެސް، އަވަށުން ބޭރަށް ދާން ބޭނުންވާ ފަރާތްތަކުން ކަމާބެހޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ހާއްސަ ފޯން އެޕެއް ބޭނުންކުރަން ޖެހެ އެވެ. މި އެޕުން އެ މީހަކު ދިރިއުޅޭ ގޭގެ އެޑްރެހާއި، ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލު އަދި މެޑިކަލް ހިސްޓްރީ މައުލޫމާތު ފެންނަން ހުންނާނެ އެވެ.

ޗައިނާ ގަޑިން މެންދަމު 12 ޖެހިއިރު ރަސްމީކޮށް ލޮކްޑައުން އުވާލުމާއެކު، ގިނަ އަދަދެއްގެ ކާރުތަކެއް ޓޯލް ސްޓޭޝަންތައް ކައިރިއަށް އެއްވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޗައިނާ ގެ މީޑިއާތަކުން ވަނީ އާންމުކޮށްފަ އެވެ. އަދި ބުދަ ދުވަހު އެކަނި ވެސް، 55،000 އަށް ވުރެ ގިނަ މީހުން ރޭލުން ދަތުރުކުރަން ބުކިންގ ހައްދާފައިވާ ކަމަށް ޗައިނާގެ ގައުމީ ރޭލު އޮޕަރޭޓަރާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ލޮކްޑައުން އުވާލި ނަމަވެސް، ދެވަނަ ފަހަރަކަށް ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އަދިވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އަދި މި ހާލަތުގައި ވެސް އޮފިޝަލުން އަންނަނީ ގޭގައި ތިބުމަށް އިލްތިމާސްކުރަމުންނެވެ. ބައެއް ވިޔަފާރިތަކާއި އިދާރާތައް ހުޅުވާލަން ނިންމި ނަމަވެސް، ސްކޫލްތައް އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން، ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް ވަނީ މަނާކުރެވިފަ އެވެ. އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ނިކުމެ އުޅޭއިރު ފޭސް މާސްކު އަޅައިގެން އުޅުމަށް ރައްޔިތުންނަށް ވަނީ އަންގާފަ އެވެ. މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

ވޫހާން ސިޓީގެ އޮފިޝަލުން ވަނީ ވޫހާން ގެ ލޮކްޑައުން އުވާލާ، އަލުން އެ އަވަށް ހުޅުވާލުން ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އެގޮތުން ވޫހާން ގެ އިމާރާތްތަކާއި ގިމަތަތަކާއި ބްރިޖުތައް ވަނީ ދިއްލާލާފައެވެ. އަދި "ހެލޯ ވޫހާން" ފަދި އިބާރާތްތަކާއި، ސިއްހީ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރުމުގެ މެސެޖުތައް ލައިޓް ޝޯ ގައި ހިމަނާފައިވެ އެވެ.

ވޫހާން ގެ ލޮކްޑައުން އުވާލުން ފާހަގަކުރަން އިމާރާތްތައް ދިއްލާލާފައި. ފޮޓޯ: ޒިންވާ/ޝަޓަރސްޓޮކް

ބަލި ފުރަތަމަ ފެނުނު ވޫހާން ލޮކްޑައުން ކުރަން ނިންމުމުން ޗައިނާ ގެ ސަރުކާރަށް ގިނަ ބައެއްގެ، ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގެ، ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް، ގިނަ ގައުމުތަކަކުން ވަނީ މިއީ މިހާރު އޮތް ހަމައެކަނި ހައްލު ކަމުގައި ބަލައިގަނެ ފިޔަވަޅު އަޅަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
11%
67%
0%
11%
0%
11%
ކޮމެންޓް