ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 20:26
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ، މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ، މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)
މަޖިލިސް
ލޯކަލް ކައުންސިލްތަކުގެ އިންތިޙާބު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭ ހާއްސަ ބިލު މަޖިލީހަށް ފޮނުވައިފި
 
ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެ
 
އިންތިހާބު ކުރެވޭ ކައުންސިލަތުން މަގާމާ ހަވާލުވުމާއެކު މިގާނޫނު އުވިގެންދާނެ
 
އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން އިންތިހާބު ބާއްވަންޖެހޭ

މި މަހުގެ ހަތަރު ވަނަ ދުވަހަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން، ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ، ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުޞޫލުތަކެއް އެކަށައެޅުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. އެގޮތުން "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެންބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާގޮތަށެވެ.

ބިލުގައި ހިމެނިފައިވާ މުހިއްމު ކަންތައްތައް :

• ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020، އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވުނީއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.

• ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަޤާމާ ޙަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެންބަރުންނާއެކުގައެވެ.

• ބިލަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. ސަސްޕެންޝަން ބާޠިލުވުމާއެކު އެ މީހުން ކުރިން ތިބި މަޤާމަށް އަނބުރާ ރުޖޫޢަވާނެއެވެ. ނަމަވެސް އެ މީހުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެއެވެ.

• ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރީލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް