ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 16:43
އޮޕަރާޝަނެއްގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
އޮޕަރާޝަނެއްގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
ވަން އޮންލައިން
ރިޕޯޓް
ކުށްކުރުން މަދުކުރެވޭނީ، ކުށުގެ އަގު ބޮޑުވެގެން!
 
އަދުލްވެރި ފަނޑިޔާރުންނަށް ފައިސާ ހުށަހަޅަން ކުށްވެރިން ޖެހިލުންވާނެ
 
އިހުލާސްތެރިކަމާއެކު ދައުލަތުގެ ކަމާބެހޭ އިދާރާތުގެ ބޭފުޅުން މަސައްކަތް ކޮށްފިނަމަ ކުށްކުރުން މަދު ކުރެވިދާނެ
 
ކުށްކުރުން މަދުކުރުމުގައި ތަހުގީގު އިދާރާތަކުގެ ބޭފުޅުންނާއި ޕްރޮސެކިއުޓަރުންނާއި އަދި ފަނޑިޔާރުންގެ ދައުރު ވަރަށް ބޮޑު

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކުށްކުރާ މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން އުޅެއެވެ. އަޅުގަނޑުމެންގެ މި ކުޑަ ގައުމުގައި ވެސް ތަފާތު އެކިއެކި ކުށްތައް ކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އުޅެއެވެ.

ވައްކަމާއި ޚިޔާނާތާއި، އަދި ޚާއްސަކޮށް ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަމާއި ޚިޔާނާތްވުމުގެ އިތުރުން މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަކީ މިހާރު ރާއްޖޭގައި އާންމުވެފައިވާ ކުށްތަކެއްކަމަށް ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަން އެގޮތަށް ވާން ދިމާވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ކަންކަމާ ހަވާލުވެގެން ތިއްބަވާ ދައުލަތުގެ ކަމާބެހޭ އިދާރާތުގައި އިޚުލާސްތެރި ވެރިންނާއި، މުވައްޒަފުން މަދުވުމެވެ. ކުށްކުރުން އިތުރުވަނީ އެކަންކަމަށް ބޭނުންވާ ޤާނޫނުތައް ނެތިގެން ނޫނެވެ. އަދި ޤާނޫނުތައް ނެތިގެންނޭ ބުނެ ބޯދަމައިގަނެވޭނެ ޖާގައެއްވެސް ނެތެވެ.

ރާއްޖެއަކީ ކޮރަޕްޝަނުގެ އިންޑެކްސްގައި، އެފްރިކާގެ ފަގީރު ގައުމުތަކަށްވުރެވެސް ފަހަތުގައި އުޅޭ ގައުމެކެވެ. މިއީ ދިވެހިންނަށް ހުރި ވަރަށް ބޮޑު ހުތުރެކެވެ.

ސިޔާސީ ވާދަވެރިކަމާއި، ސިޔާސީ ދެކޮޅުވެރިކަން އިންތިހާއަށް ރާއްޖޭގައި އޮތްއިރު، ދައުލަތުގެ ފައިސާއިން ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ވަނީ ގައުމީ ބޮޑު މައްސަލައަކަށް ވެފައެވެ. ތަކުރާރުކޮށް ކުށްކުރާ ބައެއް ފަރާތްތަކުން ގަބޫލު ކުރާގޮތުގައި، ތަންފީޒީ އިދާރާތަކަށް ކުށް ކުރާތަން ފެނުމަށްވުރެ، ގާތީ ނުފެނުމެވެ. ނުފެނިޖިއްޔާ ކުށުގެ އަދަބުން ސަލާމަތްވީ އެވެ. އަދި ފެނުނަސް އަޅާ ނުލާދާ ފަހަރު ވެސް އާދެ އެވެ.

އޭގެ އެއް މިސާލަކީ، ރާއްޖޭގައި ދިރިއުޅޭ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނެވެ. މާލޭ މަގުތަކުން ބިދޭސީއަކު ނުފެންނަ އިރެއް ނުދާނެ އެވެ. ގިނަ ފަހަރަށް ދިވެހިންނަށް ވުރެ މާލޭގެ މަގުތަކުން ދިމާވާ ބިދޭސީން މާގިނަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިންތިހާއައެވެ. ވޯޓް ޕާމިޓެއް، އެއީ ކޮންގައުމެއްގެ، ކާކުން އެނގޭނެ ފަދަ ލިޔުމެއްވެސް އެއިން މީހެއްގެ އަތުގައެއް ނޯވެއެވެ. ނަމަވެސް އެމީހުން މާލޭގެ މަގުތަކުގަ އާއި ވިޔަފާރުތަކުގައި އުޅެނީ ދިވެހިނަށްވުރެވެސް މާ މިނިވަން ކޮށެވެ.

ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން -- ފޮޓޯ: ރާއްޖެ.އެމްވީ

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭންސީ ހޯދަން ކަމާބެހޭ އެއްވެސް އިދާރާއަކުން މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. ހަމައެކަނި މަދީޖީ މަގު އެއްކޮޅުން އަނެއް ކޮޅަށް ހިނގާލިޔަސް ގަވާއިދާ ޚިލާފަށް އުޅޭ ލައްކަ ބިދޭސީން ދިމާވާނެ އެވެ. ގަވާއިދާއި ގާނޫނާ ޚިލާފަށް ބިދޭސީން ރާއްޖޭގައި އުޅުމަކީ ގާނޫނީ ކުށެކެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކަށް އެއީ ކުށަކަށް ނުވާކަހަލަ އެވެ. އެމީހުންނަށް އަދަބު ދެވޭތަނެއް ނުފެނެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދެއް ވެސް ނުކުރެވުނެވެ. މިހާރު ރާއްޖޭގެ މަސައްކަތް ތެރިންނަށް ވުރެ ބިދޭސީ މަސައްކަތް ތެރިންގެ އާބާދީ މާބޮޑުތަނުން އިތުރުވެއްޖެ އެވެ. ތަންފީޒީ އިދާރާތަށް ފެއިލްވެފައިވާ މިންވަރު، ހަމައެކަނި މިކަމުން ވެސް އެނގެއެވެ.

އެއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ އެވެ. ދެން އޮތީ ދިވެހިންގެ ތެރޭގައި ހުރި ބައެއް ކަންކަމުގެ ވާހަކަތަކެވެ. އަދުލު އިންސާފެއް މިގައުމުގަ ނެތެވެ. އިންސާފުން ތަހުގީގެއް، އިންސާފުން ދައުވާއެއް، އިންސާފުން ޝަރީއަތެއް ލިބުމަކީ ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި މާވަހަރެއް ހޯދަން އުޅުން ކަހަލަ ކަމެކެވެ.

މީހަކު ކުށެއް ކުރުމުން، އެންމެ ފުރަތަމަ ކުރަނީ ތަހުގީގެވެ. ތަހުގީގު ކުރާ ފުލުހުންގެ މުއައްސަސާގައި ނުފޫޒާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާނަމަ ފުރިހަމަ ތަހުގީގެއް ހިންގިދާނެތޯ އެވެ. ފުލުހުންގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން މީގެކުރިން ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ވެސް ވަނީ ވިދާޅުވެފަ އެވެ. ކުށެއްގެ ތުހުމަތު ކުރެވިގެން ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރަން ފޮނުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލަކީ ތައައްސުބުން އެއްކިބާވެގެން ހުރެ، މިނިވަންކަމާއެކު ޕީޖީގެ ޒިންމާ އަދާކުރަންޖެހޭ ފަރާތެއް ކަމަށް ގާނޫނުއަސާސީގައާއި ގާނޫނުތަކުގައި ބަޔާންކޮށްފައި އޮތަސް، އެކަމެއް މިރާއްޖެއިން ނުފެނެ އެވެ. ދައުލަތުގެ އިދާރާތަކަށް ކަނޑައެޅިގެން ދޮގު މައުލޫމާތު ފޯރުކޮދީފައިވާ ޕީޖީން ވެސް އުޅުނުތަން ދުށީމެވެ.

ދެން އޮތީ ޝަރުއީ މަރުހަލާ އެވެ. ފައިސާއަށް ހުކުމް ޖަހާދޭ ފަނޑިޔާރުންގެ ވާހަކަ އެއީ އާވާހަކައެއް ނޫނެވެ. އެންމެ ގިނައިން ކޯޓުތަކުގެ ފަނޑިޔާރުން ފައިސާ ހޯދަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަތުން ކަމަށް ވެއެވެ. ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ 75 ޕަސެންޓް މައްސަލަތަކަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ދެން މިބަލާލަނީ މި ރިޕޯޓްގެ އަސްލު މައުލޫއަށެވެ. ކުށްކުރުމަކީ ވަރަށް އަގު ބޮޑުކޮށް ކުރެވޭ ކަމެއްކަމަށްވާންވީ އެވެ. ބައެއް ފަރާތްތަކަށް މިހެން ބުނުމުން އޮޅުން އަރާދާނެ ކަމަށްޓަކައި، މިސާލަކާއެކު މިބުނަން އުޅޭ އެއްޗެއް ތަންކޮޅެ ތިލަކޮށްލަދެވޭތޯ ބަލާލާނަމެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ރާއްޖެޓީވީއަށް އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ކުށްކުރުމަކީ ވަރަށް އަގުބޮޑު ކަމެއްކަމަށް އާއްމުންނަށް ގަބޫލުކުރެވޭގޮތަށް ދައުލަތުގެ ކަންކަން ހަމަޖެހިއްޖެނަމަ، ކުށްކުރުން މަދުކުރެވިދާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވެސް ވަނީ ވިދާޅުވެފަ އެވެ.

ހުސައިން ޝަމީމަކީ، ޖިނާއީ އަދުލްގެ ނިޒާމު ވަރަށް ރަނގަޅަށް ދަންނަ ފަރިތަ ބޭފުޅެކެވެ. ޝަމީމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތަށް ފަރިތަ، އަދި ޖިނާއީ އަދުލްގެ ނިޒާމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުމަށް ހިންގި ޕްރޮގްރާމްވެސް ހިންގެވި ބޭފުޅާ އެވެ. މިހާރު ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ފެނިވަޑައިގެންނެވި ޝަމީމުގެ ނަންފުޅު މިހާރު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވެސް ވަނީ ރުހުންދިނުމަށް ފާސްކޮށްފަ އެވެ.

ޝަމީމު ވިދާޅުވަނީ، ކުށްކުރާ މީހުންނަށް އެކުށުގެ ބާވަތުން އެކަށީގެންވާ އަދަބެއް ލިބި، އަދި ތަހުގީގުކުރާ އިދާރާތަކުގެ ބޭފުޅުންނާއި ޕްރޮސެކިޓަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނަކީ ވެސް ނުފޫޒުން އެއްކިބާވެގެންތިއްބަވާ، ބައެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ، ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރެވިދާނެ ކަށެވެ.

އާންމުންނަށް ފެންނަންވީ، އާންމުންނަށް ގަބޫލުކުރެވެންވީ، ކޮރަޕްޝަންގެ ކަމެއް ހިނގައިފިއްޔާ ތިމަންނާއަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ނުފޫޒެއްވެސް ނުފޯރުވޭނޭ، ކޯޓަކަށް ލާރިއެއްވެސް ނުދެވޭނޭ، ތިމަންނަ އެކަންކޮށްފިއްޔާ އެކަމުގެ އަދަބު ލިބޭނޭ. މާނައަކީ އެހެންގޮތަކަށް ދަންނަވަންޏާ، އެއީ އަގުބޮޑު ކަމަކަށް ވާންވީ. ކުށްކުރުމަކީ ވަރަށް އަގުބޮޑުކަމަކަށް ވާންވީ، އޭރުން އެމައްސަލަ ހައްލުކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.

ކުށްކުރުމަކީ ވަރަށް އަގުބޮޑު ކަމެއްކަމަށް ވާންވީއޭ ޝަމީމު އެވިދާޅުވަނީ ބޮޑެތި ފައިސާ މުއާމަލާތްތަކުގެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށްފަހު، ނުވަތަ ކުށް ކޮށްގެން އެމީހަކަށް ލިބޭ ފައިދާއަށް ވުރެ، އަދަބު ލުއިވުން ފަދަ ކަންކަމަށެވެ.

މިސާލަކަށް، ރަށެއްގެ ގޮނޑުދޮށުން މީހަކު ވެލިނަގައި، ޕިކަޕެއްގެ ވެލިން އޭނާއަށް 3000ރ ލިބޭނަމަ، އަދި އޭނާ އެކުރަނީ ކުށެއްކަން އެނގިހުރެ، ތަންފީޒީ އިދާރާތުން އަޅާނުލިނަމަވެސް އެއީ އޭނާ ކުށްކޮށްގެން ހޯދާ ފައިސާ އެވެ. އަދި އޭނާ އެފައިސާ ހޯދަމުންދާއިރު، ތަންފީޒީ އިދާރާތަކުން އެކަމަށް މާބޮޑު އަޅާލުމެއް ދޭތަނެއް ނެފެނުމާއި، ނަމަވެސް އޭނާ އެކުށް ކުރާތަން ތަކުރާރުކޮށް ފެނިގެން 150ރ އިން ޖޫރިމަނާ ކުރުމަކީ، އެކުށް ކުރުމުގައި އޭނާ ދެމިހުންނާނެ ކަމެކެވެ. ސަބަބަކީ، ކޮންމެ ޕިކަޕެއްގެ ވެލިން އޭނާއަށް 3000ރ ރުފިޔާ ލިބޭއިރު، އެކަން ތަންފީޒީ އިދާރާއެއްގެ މީހަކަށް ފެނިއްޖެނަމަ، އޭނާ ޖޫރިމަނާ ކުރާއިރު ކުރަނީ 150ރ ރުފިޔާ ކަމަށްވާނަމަ، އެ 150ރ ޖޫރިމަނާގެ ގޮތުގައި ދައްކާލުމަކީ އޭނާއަށް ލިބޭ ފައިދާއަށް ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.

ނަމަވެސް ގޮނޑުދޮށުން ވެލިނަގައިފިނަމަ، 6 މަސްދުވަހަށް ޖަލަށް ދާންޖެހޭނެކަން، ގަބޫލުކުރާ މީހަކު އެކުށް ނުކުރުން ވަރަށް ގާތެވެ.

އަނެއްކަމަކީ، ފައިސާއިން ކޯޓުގައިވާ މައްސަލަ، ނިންމޭނެކަމުގެ ޔަގީންކަން އޮންނަމީހާ ކުށްކުރުމުގައި ދެމިހުރުމެވެ. އެކަން ރަނގަޅު ކުރެވޭނީ އަދުލްވެރި ފަނޑިޔާރުން ކޯޓުތަކުގައި ތިއްބަވާނަމަ އެވެ. އަދުވެރި ފަނޑިޔާރުން ކޯޓުތަކުގައި ތިއްބަވާނަމަ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފައިސާ ހިފައިގެންދާން ވެސް ކުށްކުރާ މީހާ ޖެހިލުންވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް