ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 14:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
މަޖިލިސް 2019
މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމުގައި އަމަލުކުރާނެ ގޮތް އާ ގަވާއިދުގެ ތެރެެއިން އެކުލަވާލެވިގެންދާނެ : ރައީސް ނަޝީދު
 
ޖަވާބުދާރީ ކުރުވަނިވި، ދައުލަތެއް ހިނގާނީ މިނިވަން މުސްތަގިއްލު ކޮމިޝަންތައް މެދުވެރިވެގެން
 
މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމުގެ ކަންތައް ފުޅާ ދާއިރާއެއްގައި ކުރުމަށް، ކޮމިޓީތަކުގެ މުގައްރިރުން އެދޭ
 
ސުޕަރ ކޮމިޓީއަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތާއީދު ނުލިބުނު

މަޖިލީހުގެ ގަވާއިދު އެކުލަވާލަމުން އަންނައިރު، މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީންނެވެ. ނަމަވެސް މިކަން އެ ކޮމިޓީން އެކަނި ކުރުމުގެ ބަދަލުގައި، މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގެ މުގައްރިރުން ހިމެނޭ ގޮތަށް އެކުލަވާލެވޭ ވަކި ކޮމިޓީ އަކުން ކުރުމުގެ ބަހުސް މިހާރު މަޖިލީހުގައި ވަނީ ފެށިފައެވެ. މި މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.

މިނިވަން މުއައްސަސާތަކައް މީހުން އައްޔަންކުރުމާއި ވަކި ކުރުމަށް މަޖިލީހުގައި "ސުޕަރ ކޮމިޓީ" އެއް އެކުލަވާލުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅި، ހުށަހެޅުމަށް އެ ޕާޓީގެ މެމްބަރުންގެ ތާއީދެއް ނުލިބުނެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަފްތާއަކު އެއްފަހަރު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި، އެ މަނިކުފާނު ބައްދަލުކުރައްވާ ކަމަށެވެ. އެ ގޮތުން މިނިވަން މުއައްސަސާތަކައް ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ހިންގުމަކީ ބުއްދިވެރިކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މުގައްރިރުން ވިދާޅުވެފައިވާ ކަމަށެވެ. މަޖިލީހުގެ އެއް ކޮމިޓީއެއްގެ މައްޗަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި މުޅި މަޖިލިސް އޭގައި ޝާމިލްވުން ބޭނުންތެރިކަން ބޮޑު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މުގައްރިރުން، އެ މަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މުގައްރިރުންގެ ޚިޔާލާއި އެއްގޮތަށް މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމާއި ވަކި ކުރުމަށް، ހުރިހާ ކޮމިޓީއެއްގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ގޮތަށް ވަކި ކޮމިޓީއެއް އެކުލަވާލެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ .އެފަދަ ކޮމިޓީއެއް އެކުލަވާލެވުނު ނަމަވެސް މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމާއި، ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނާނީ މިހާރުވެސް ކުރަމުން އަންނަ ގޮތަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަމަށެވެ. އާ ކޮމިޓީގެ އެކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން، އެ ކޮމިޓީގެ ތެރޭގައި އިތުރަށް މަޝްވަރާ ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

”މި ހުށަހެޅުނު ގޮތުގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ހިންގާ މަސައްކަތް ހިނގާނެ ، އެ މަސައްކަތަށް ފަހުގައި އިތުރު ވަގުތުކޮޅެއް އެބައާދޭ މި ދަންނަވާހެން މުޅި މަޖިލިސް ޝާމިލްވާ ކޮމިޓީއެއްގައި އެކަމާއި ގުޅޭ ގޮތުން ވިސްނާލުން. އެއަށްފަހުގައި އެ މަސައްކަތް ތަޅުމަށް ގެނައުމަށް"
ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ނަޒާހަތްތެރިކަން ބެލެހެއްޓުމަކީ އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެ މަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ. ރައްޔިތުން އެދޭ އަދި ބޭނުންވާ ބަދަލަކީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ހިންގުން ކަމަށާއި، އެފަދަ ދައުލަތެއް ހިނގާނީ މިނިވަން މުސްތަގިއްލު ކޮމިޝަންތައް މެދުވެރިވެގެން ކަމަށެވެ.

އެ މަސައްކަތް ކުރަން ގެނެވެން އޮތް ރަނގަޅު އިސްލާހެއް ގެނައުމުގެ ބޭނުންތެރިކަން ދެކިވަޑައިގެން، ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާއި މަޝްވަރާކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދަ އިސްލާހެއް މަޖިލީހަށް ގެނެވޭނީ ،އެ އިސްލާހަށް ޕާލަމެންޓްރީ ގްރޫޕްގެ ތާއީދު ލިބިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މި އިސްލާހު ހުށަހެޅުއްވި ކަމަށާއި، ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މިފަދަ ކޮމިޓީއެއް އޮތުމަށް ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިނުގަތް ކަމަށެވެ. އެހެންކަމުން، މިކަން މަޖިލީހަށް ގެނެވުމަކީ ކުރެވެން އޮތް ކަމަށް ކަމަށް މިހާރު ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދުގެ ތެރެއިން ، މި ކަމަށް ހައްލެއް ގެނައުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަކީ އަވަހަށް ކުރަންޖެހިފައި އޮތް މުހިއްމު ކަމެއް ކަމަށާއި، އާ ގަވާއިދު އެކުލަވާލެވި އެ ގަވާއިދަށް އަވަހަށް އަމަލުކުރަން ފެށިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް