ކ. މާލެ
|
19 ޖޫން 2019 | ބުދަ 00:05
ރާޅުގުޑި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާޅުގުޑި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައްޑޫ ސިޓީ ކައުންސިލް
ރާޅުގުޑި
ރާޅުގުޑީގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި، ދަތުރު ފަށާނީ މާދަމާ
 
ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑު ސިޓީގައި

ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ ރާޅުގުޑި ހަރަކާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައި، ބުދަ ދުވަހު ދަތުރު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މި ހަރަކާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު އައްޑޫ ސިޓީގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގުއެވެ.

ޔޫތު މިނިސްޓްރީގެ ނައިބު މުހައްމަދު އަޒްމީލްވެސް ބައިވެރިވެވަޑައިގެންނެވި ހުޅުވުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއްގައި ސާފުކުރުމުގެ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ސާފުކުރުމުގެ ހަރަކާތުގައި އައްޑޫ ސިޓީގެ ގިނަ ޖަމިއްޔާތަކުން ބައިވެރިވެފައިވާއިރު، ހަރަކާތް އިންތިޒާމުކުރުމުގައި އެހީތެރިވެދިން ޑިސްކަވަރ އައްޑޫއަށް ރާޅުގުޑިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާޅުގުޑި ހަރަކާތަކީ ރާއްޖޭގެ ދެކުނުން އުތުރަށް ހަތަރު ކައިޓް ސާފަރުން ކުރާ ދަތުރެކެވެ. މި ދަތުރު އަންގާރަ ދުވަހު ފަށަން އޮތް ނަމަވެސް، ވައި ނުލިބުމުގެ ސަބަބުން ބުދަ ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިވެންޓްގައި ވާދަކުރާ ހަތަރު ކައިޓް ސާފަރުން މިވަގުތު އައްޑޫ ސިޓީގައި ތިބިއިރު، އެ ހަތަރު އެތުލީޓުން ފުރަތަމަ ދާނީ އައްޑޫއިން ފުރައިގެން ފުވައްމުލަކަށެވެ.

ރާޅުގުޑި އިވެންޓު އިންތިޒާމު ކުރަނީ މާފުށި ޑައިވް، ސްލޯޓޭޕް، ޔޫތު މިނިސްޓްރީ އަދި ޕާލޭ މޯލްޑިވްސްއެވެ.

އައްޑު އަތޮޅުގެ އެންމެ ދެކުނު ބިތުން ތުރާކުނުގެ އެންމެ އުތުރު ބިތަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަސް ކަމަށާއި، މި މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
29%
71%
ކޮމެންޓް