ކ. މާލެ
|
26 މާރޗް 2024 | އަންގާރަ 10:32
އިރުފާން ތަޤިއްޔު
އިރުފާން ތަޤިއްޔު
ރާއްޖެއެމްވީ
72 ކިލޯ މަސްތުވާތަކެތި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
 
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާން
 
ނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް ބަދަލު އައިސްފައިވޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދު ކުުރުމަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް އަމުރުކޮށްފިއެވެ.

އިރުފާން ތަގިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށްކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ވަނީބާތިލުކޮށްފައެވެ.

އަދި ސުޕްރީމް ކޯޓުން އެ މައުޟޫއާ ގުޅޭގޮތުން ޙުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، އޭނާގެ ބަންދާމެދު 7 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށްވެސް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

އެގޮތުގެ މަތިން އޭނާގެ ބަންދާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖައާކޮށް ގޮތެއް ނިންމުމަށް ގޮތް ކަނޑައަޅާއިރު، މައްސަލައިގެ މައުޟޫއީ ޝަރީއަތުގައި ހިނގާ ކަންކަމަށް ރިއާޔަތް ކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އިރުފާން ތަޤިއްޔުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި އޮތީ ބަންދު މުރާޖައާ ކުރުމުގައި އަސްލު މައްސަލައިގެ ޝަރީއަތުގައި ހިނގަމުންދާ ކަންކަމަށް ބަލައިގެން ނުވާނެ ކަމަށާއި، އެ ޙާލަތުގައި ބަލާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް ބަދަލު އައިސްފައިވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.  

އަދި އެކަން ކުރާނީ އެންމެ ފުރަތަމަ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީ ހޯދި ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ.

މިސާލަކަށް، އެމީހަކު އެންމެ ފުރަތަމަ ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބިރު އޮތުމުންކަމަށްވާނަމަ  އެ ބިރު މިހާރު ފިލައިގެން ގޮސްފައިވޭތޯ ފުލުހުންނާއި ޕްރޮސެކިއުޝަނުން ސާފު ކުރެވިދާނެ ކަމަށާއި، އެމީހަކު ބަންދު ކުރީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލަށް ބަލާފައިކަމަށްވާނަމަ، އެ ނުރައްކާ މިހާރު ފިލާފައިވޭތޯ ސާފު ކުރުމަށްފަހު ބަންދު މުރާޖައާކޮށް ގޮތެއް ކަނޑައެޅިދާނެކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައިވާ އުސޫލުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ގާޒީ ވިދާޅުވީ، އިރުފާންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.

އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށުގައި ބައިވެރިވެފައިވާކަމަށް ބެލެވޭ މިންވަރަށް ބަލާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން ދަމަހައްޓަވަން ފެނިވަޑައިގަންނަވާކަމަށް ގާޒީ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ދިފާއުން ވަނީ ވީހާވެސް އަވަހަށް ބާކީ ހުރި ހެކިބަސްތައް ނަގައި ނިންމުމަށް އެދިފައެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ވިދާޅުވީ، ކޯޓުގެ ޖާގަ ލިބޭ މިންވަރަކުން ވީހާވެސް އަވަހަށް މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ކޮންމެ ސެކްޝަނަކަށްވެސް މަހެއްގެ ތެރޭގައި އަޑުއެހުން ބޭއްވުމަށް ލިބެނީ 2 ދުވަސްކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް އިޙްސާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް