ކ. މާލެ
|
13 މާރޗް 2024 | ބުދަ 12:09
މެެއި 6 ޙަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަން
މެެއި 6 ޙަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަން
ރާއްޖެއެމްވީ
މެއި 6 ޙަމަލާ
މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި
 
ހެކިވެރިޔާ ވަނީ ސީނުން ނެގުނު މާއްދީ ހެކިތަކުގެ ތަފްސީލުވެސް ޝަރީއަތުގައި ހިއްސާކޮށްފައި
 
ސައިކަލު ވެއްޓިފައި އޮތް ދިމާލުންވެސް އެއްޗެއް ގޮވައިގެން އުޅޭއިރު ފެންނާނެ ފަދަ އަސަރުތައް ފެނިފައިވާކަމަށް ބުނި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ހާޒިރުކުރި ހެކިވެރިޔާއަކީ މި މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި ފަރާތެކެވެ.

ދައުލަތާއި ދިފާއުން ވަނީ ހެކިވެރިޔާއާ ސުވާލުތައް އަމާޒުކޮށްފައެވެ.

ހެކިބަސްދެމުން އޭނާ ބުނީ، މި މައްސަލައިގެ ސީންއަށް އޭނާ ދިޔައީ ޙާދިސާ ހިނގި ސަރަަޙައްދުގައި އެއްޗެއް ގޮއްވާލައިގެން އުޅޭކަމަށް ލިބުނު މައުލޫމާތަކާއެކު ކަމަށެވެ.

އޭރު އެ ސަރަޙައްދު އޮތީ ކޯޑަން ކޮށްފައި ކަމަށާއި، އޭރުވެސް ސިފައިން އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދިޔަކަމަށް އޭނާ ބުންޏެވެ.

އޭނާ ވަނީ އޭރު ސީނުން ފެނުނު ކަންކަން ސިފަކޮށްދީފައެވެ. އެގޮތުން އެތަނުން ލޭޒަރ ފުއްތަކެއް ފެނިފައިވާ ކަމަށާއި، ސައިކަލު ވެއްޓިފައި އޮތް ދިމާލުންވެސް އެއްޗެއް ގޮވައިގެން އުޅޭއިރު ފެންނާނެ ފަދަ އަސަރުތައް ފެނިފައިވާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އޭނާގެ ބެލުމުގެ ދަށުން ޓީމެއް އެކުލަވާލައި، ސީން ޕްރޮސެސް ކޮށްފައިވާނެ ކަމަށެވެ. ސީންގެ ސީދާ މަސައްކަތްތައް ފަށާފައިވަނީ ސިފައިން އެތަނުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުންކަމަށްވެސް އޭނާ ބުންޏެވެ.

ހެކިވެރިޔާ ވަނީ ސީނުން ނެގުނު މާއްދީ ހެކިތަކުގެ ތަފްސީލުވެސް ޝަރީއަތުގައި ހިއްސާކޮށްފައެވެ. އޭގެ ތަފްސީލުތައް ސީން އޮފް ކްރައިމް ރިޕޯޓުގައި އޭނާ ވަނީ ހިމަނާފައެވެ. އެގޮތުން 35 މާއްދީ ހެއްކެއް ނަގާފައިވެއެވެ.

އޭގެ ތެރޭގައި ޕްލާސްޓިކް އެތިކޮޅުތަކާއި، ބޯލް ބެއަރިންގ (ލޭޒަރ ފުއްތަކާއި)، ސައިކަލު ކައިރިން ފެނުނު ޑިވައިސަކާއި، އިތުރު ބައެއް ތަކެތި ހިމެނޭކަމަށް އޭނާ ބުންޏެވެ.

އެއަށްފަހު ހެކިވެރިޔާ ވަނީ މާއްދީ ހެކިތައް ނެގުމަށްފަހު ދެން އެއާމެދު އަމަލުކޮށްފައިވާ ގޮތްވެސް ޝަރީއަތުގައި ކިޔާދީފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައާ ގުޅޭ ޙާދިސާގައި ގޮއްވާލި ބޮމުގެ ފިޒިކަލް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަސް ނަގާފައެވެ. އެ އަޑުއެހުން ކުރިއަށް ގެންދިޔައީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތު ހިމެނިދާނެކަމަށް ބަލައި ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ. ގާޒީ ވިދާޅުވީ، އަންނަ މަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް