ކ. މާލެ
|
4 މާރޗް 2024 | ހޯމަ 05:52
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ސަޕޯޓަރުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރަން: ޕޮޗެޓީނޯ
 
އެކަމާ ރުޅި އައިސްގެން ނުވަތަ ހިތްހަމަ ނުޖެހިގެން ވެސް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވޭ

ޗެލްސީގެ ސަޕޯޓަރުންގެ އިޙުސާސްތަކަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށް، އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެެ. ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ. މި ސީޒަންގައި ވެސް ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާތީ، އެ ޓީމުގެ ސަޕޯޓަރުންގެ ނުރުހުން ޕޮޗެޓީނޯ އަށް ދޭތެރެއަކުން އަމާޒުވެ އެވެ. ބްރެންޓްފޯޑު މެޗަށްފަހު ވެސް، ޗެލްސީގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅު ކުރުމުގެ ގޮތުން ދަނޑުގައި އަޑު ގަދަ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، ސަޕޯޓަރުންގެ އިޙުސާސް އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، ސަޕޯޓަރުންގެ އިޙުސާސްތަކަށް އޭނާ ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށެވެ. އަދި އެކަމާ ރުޅި އައިސްގެން ނުވަތަ ހިތްހަމަ ނުޖެހިގެން ވެސް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމުގައި ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

އިތުރަށް ޕޮޗެޓީނޯ ބުނީ، އޭނާގެ ހުރިހާ މަސައްކަތެއް ވެސް ބިނާ ކުރަމުން އަންނަނީ ޗެލްސީ އަށް އެންމެ ފައިދާވާނެ މަގުން ކަމަށެވެ. ޓީމަށް އެންމެ ބޭނުންތެރި ގޮތްތައް ހޯދައި، އެގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް މެޗުތަކުގައި ލަނޑު ޖަހައި، މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމުގައި އޭނާ ބުންޏެވެ. އެހެންކަމުން ކުރިއަށް ދާނީ އެންމެން ގުޅިގެން ކަމަށާއި، ކުލަބެއްގެ ގޮތުގައި އޮވެވޭނީ އޭރުން ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީން ވަނީ 26 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ 10 މެޗުންނެވެ. 10 މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް ލިބުނު 36 ޕޮއިންޓާއެކު ޗެލްސީ އޮތީ ވެސް ލީގު ތާވަލްގެ 11 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް