ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 17:58
އޮސްޓްރޭލިޔާގެ އެއާޕޯޓެއް
އޮސްޓްރޭލިޔާގެ އެއާޕޯޓެއް
ގެޓީ އިމޭޖަސް
އޮސްޓްރޭލިޔާއަށް އަހަރަކު ހިޖުރަކުރެވޭ މިންވަރު
އޮސްޓްރޭލިޔާއަށް އަހަރަކު ހިޖުރަކުރެވޭ އަދަދު ވަރަށް ބޮޑަށް މަދުކުރަނީ
 
ގިނަ ބަޔަކު ހިޖުރަކުރަމުން ދިޔަނަމަވެސް ތަމްރީނުވެފައިވާ މަސައްކަތްތެރިން ލިބުން އަދިވެސް ވަރަށް ދަތިކަމަށްވޭ
 
ރަސްމީ ތަފާސްހިސާބު ދައްކާގޮތުން، އޮސްޓްރޭލިޔާގައި މިވަގުތު 650،000 ބިދޭސީ ކިޔަވާކުދިން އެބަތިބި

އޮސްޓްރޭލިޔާގެ އިމިގްރޭޝަން ސިސްޓަމް މިހާރުވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައި ކަމަށާއި، މިކަން ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެގައުމަށް އަހަރަކު ހިޖުރަކުރެވޭ މިންވަރު ވަރަށް ބޮޑަށް މަދުކުރަން ގަސްތުކުރާކަން އެ ގައުމުން އިއުލާން ކޮށްފިއެވެ. މިގޮތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މި ބަދަލު ގެނެސް، އަހަރަކު ހިޖުރަކުރެވޭ މިންވަރު 250،000ށް ދަށްކުރާނެ ކަމަށް ބުނެފައިވެއެވެ.

މި އައު ޕްލޭންގެ ދަށުން، ތަމްރީން ލިބިފައި ނެތް މަސައްކަތް ތެރިންނަށް ޚާއްސަ ވިސާގެ ގަވާއިދުތައްވެސް ހަރުކަށިކުރެވޭނެއެވެ.

އޮސްޓްރޭލިޔާއަށް ހިޖުރަކުރާ މީހުންގެ އަދަދު ފާއިތުވި ދެތިން އަހަރުތެރޭގައި ވަނީ އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ގެދޮރު ލިބުމާއި އަދި އެހެންވެސް އަސާސީ ޚިދުމަތްތައް ލިބުމަށް ވަނީ ދަތިވެފައެވެ.

ގިނަ ބަޔަކު ހިޖުރަކުރަމުން ދިޔަނަމަވެސް، ތަމްރީނުވެފައިވާ މަސައްކަތްތެރިން ލިބުން އަދިވެސް ވަރަށް ދަތިކަމަށްވެއެވެ. އެހެން ކަމުން އެފަދަ މީހުން ހޯދުމަށް ދަނީ ޚާއްސަ މަސައްކަތްތައް ކުރަމުންނެވެ.  

10 އަހަރަށް އެކުލަވާލާފައިވާ ޚާއްސަ އިމިގްރޭޝަން ސްޓްރެޓެޖީ ހޯމަ ދުވަހު ހާމަކޮށްދެއްވަމުން، ހޯމްއެފެއަރޒް މިނިސްޓަރު، ކްލެޔަރ އޯނެއިލް ވިދާޅުވީ އެގައުމުގެ މައިގްރޭޝަން ސިސްޓަމްވަނީ ކުރީގެ ސަރުކާރުން ހަލާކުކޮށްލާފައި ކަމަށެވެ. ޖޫން 2023ގެ ނިޔަލަށް ހިނގި އެއް އަހަރުދުވަހުގެ ތެރޭގައި 510،000 މީހުން އެގައުމަށް ހިޖުރަކޮށްފައި ވާކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން މިކަން ކޮންޓްރޯލްކޮށް، މި އަދަދު ދެބައިކުޅަ އެއްބަޔަށް ތިރިކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އިސްލާހުކުރެވޭ އިމިގްރޭޝަން ގަވާއިދުގެ ދަށުން، އިންޓަރނޭޝަނަލް ސްޓޫޑަންޓުންނަށް އިނގިރޭސި ބަސް އެނގެންޖެހޭ މިންވަރު މަތިކުރުމާއި، ދެވަނަ ވިސާއަކަށް އެދޭނަމަ އިތުރު ޝަރުތުތައް ފުރިހަމަވާންޖެހުން ހިމެނޭނެއެވެ.

ރަސްމީ ތަފާސްހިސާބު ދައްކާގޮތުން، އޮސްޓްރޭލިޔާގައި މިވަގުތު 650،000 ބިދޭސީ ކިޔަވާކުދިން އެބަތިއްބެވެ.

ސްޕެޝަލިސްޓުންނާއި ޒަރޫރީ ފަންނުތަކުން ތަމްރީނުވެފައިވާ ފަރާތްތަކަށް ދާއިމީ ރެޒިޑެންސީ ދިނުން ފަސޭހަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ބުނެފައިވެއެވެ.

އަނެއްކޮޅުން، ކޮވިޑް 19އިން އަރައިގަތުމަށް ހުޅުވާލި އޮސްޓްރޭލިޔާގެ މައިގްރޭޝަން ޕޮލިސީ ހަމަޔަކަށް އެޅުވުމުގައި ސަރުކާރުން ގެންގުޅެނީ މާ "ތަތް" ގޮތްތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ސޯޝަލް ހައުސިންގއަށް އިތުރު އިންވެސްޓްމަންޓްތައް ނުކޮށް ތިބެ، ގެދޮރު ލިބުން ދަތިވުމުން އެކަން ދިމާވަނީ ހިޖުރަކުރާ މީހުން ގިނަކަމުން ކަމަށް ބުނެ ދައްކަނީ ބަހަނާއެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް