ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 10:00
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ރާއްޖެއެމްވީ
އައްމަޓީއަށް ކުރާ ދައުވާ
މައިބަދައިގެ އޮޕަރޭޝަނަކަށް އައްމަޓީއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފި
 
ފުރުމުގެ ހުއްދައަކަށް އެދިފައިވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި
 
2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 23:00 ނިޔަލަށް ހުއްދަ ދޫކުރުމަށް ވަނީ ނިންމާފައި

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވާ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފިއެވެ.

އައްމަޓީ ބޭސްފަރުވާއަށް ފުރުމުގެ ހުއްދައަކަށް އެދިފައިވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައަޑުއެހުމުގައެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ބުނީ، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކަށް ބަލާއިރު، މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮންނަކަމަށެވެ.

ކޯޓުން ބުނީ އެގޮތަށް ނިންމާފައިވަނީ މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއްކަމަށް ބެލެވޭތީއާއި، އަޙްމަދު މޫސާ މުޙައްމަދުގެ ޢާއިލާ ދިރިއުޅެނީވެސް ސްރީލަންކާގައިކަމަށް ފާހަގަ ކޮށްފައިވާތީ، އޭނާއަށް ޢާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އޭގެ އިތުރުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ކޯޓަށާއި ޝަރީޢަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ، ކުރީގެ ޙާލަތު ބަދަލުވެފައިވާކަމަށް ޝަރީޢަތަށް ބުރަވެވޭތީކަމަށްވެސް ކޯޓުން މައުލޫމާތު ދެއެވެ.

ވުމާއެކު، ކްރިމިނަލް ކޯޓުން 16 ޖޫން 2021 ގައި ނެރެފައިވާ "ފުރުން މަނާކުރުމުގެ" އަމުރު ބާތިލްކުރުމުގެ ބަދަލުގައި، އެ އަމުރު ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ޝަރީޢަތަށް ފެންނާތީ، އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް 2023 ޑިސެމްބަރު 6 ވަނަ ދުވަހުގެ 17:00 އިން ފެށިގެން 2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 23:00 ނިޔަލަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް