ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 05:31
މެޗުގައި ލަނޑު ޖެހުމަށްފަހު ޑޯޓްމަންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޑޯޓްމަންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޖަރުމަނު ލީގު
މޮޅާއެކު ޑޯޓަމަންޑު ހަތަރު ވަނައިގައި
 
މޮޅާއެކު ޑޯޓްމަންޑު ހަތަރު ވަނަ އަށް ޖެހިލީ، ކުޅުނު 12 މެޗުން 24 ޕޮއިންޓު ހޯދައިގެން

ޖަރުމަނު ލީގުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބު ކުރީ، 4-2 އިންނެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ރޮކޯ ރެއިޓްޒް އެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ކޯޑިއޯ ކޯން ވަނީ ޑޯޓްމަންޑުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ނަމަވެސް އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ތިން ލަނޑު ޖަހައި، މެޗުގެ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖެހީ މާސެލް ސަބިޓްޒާ އެވެ. އޭގެ ދެ މިނެޓު ފަހުން ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކްލަސް ފުލްކުރަގް އެވެ. ޑޯޓްމަންޑުގެ ތިން ވަނަ ލަނޑު ޖަހައި ޖެމީ ބިއޯން ގިޓެންސް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމުގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ޑޮންޔެލް މާލެން އެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު ޑޯޓްމަންޑު ހަތަރު ވަނަ އަށް ޖެހިލީ، ކުޅުނު 12 މެޗުން 24 ޕޮއިންޓު ހޯދައިގެންނެވެ. މިދިޔަ ސީޒަންގެ ޖަރުމަނު ލީގު ކާމިޔާބު ކުރުމާ ގާތަށް ޑޯޓްމަންޑު ޖެހިލި ނަމަވެސް، ލީގު ގެއްލުނީ ފަހު ވަގުތު އެވެ. މި ސީޒަންގެ މިހާތަނަށް އެ ޓީމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް ކުލަބުގެ ވެރިން އަދި ސަޕޯޓަރުން ވެސް ޤަބޫލު ކުރެ އެވެ. މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ހަތް މެޗުންނެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް