ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 13:52
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ފޭދޫ މެޖިސްޓްރޭޓް ކޯޓުން އެދިފައިވަނީ ޕީޖީ އޮފީހަށް ލިބިފައިވާ މައުލޫމާތެއް ނޫން - ޕީޖީ އޮފީސް
 
އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައިވޭ
 
ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މަޢުލޫމާތެއް ނުހޯދޭ ޙާލަތުގައި އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯއްދެވޭނެ

އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުން އެދިފައިވަނީ ޕީޖީ އޮފީހަށް ލިބިފައިވާ މައުލޫމާތެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ މިއޮފީހަށް މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ނުވާތީ ކަމަށެވެ. އަދި އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާނެކަމަށް ކޯޓުގައި ދެންނެވުން އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާތީ ކަމަށް ބުނެފައިވެއެވެ.

ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މަޢުލޫމާތެއް ނުހޯދޭ ޙާލަތުގައި އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯއްދެވޭނެކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި އެމަޢުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެމަޢުލޫމާތު ހޯއްދެވޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެން ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ

ޕީޖީ އޮފީހުން ބުނީ އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައި އޮތްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއްގައި، އެއޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުވެދާނެތީ،  އެއަމުރު މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެއޮފީހުގައި ހުރި މަޢުލޫމަތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ އެއޮފީހުން ދުވަހަކުވެސް ކުރި ނުވަތަ ކުރާނެވެސް ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. ޕީޖީ އޮފީހުން ބުނީ އެއޮފީހުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، އެއޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރާ ކަމަށާއި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

އަދި ޤާނޫނީ ސަބަބަކާހުރެ އެއްވެސް މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަން ކުރަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް، ތަޙުޤީޤުން ނުލިބޭ، އެއޮފީހުގައި ނުވެސް ނެތް މަޢުލޫމަތެއް ހާމަކުރަން ކޯޓުން އެދޭނަމަ، އެމަޢުލޫމާތެއް ހޯއްދެވޭނީ، އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް ލިޔުއްވައިގެން ކަމަށް ޕީޖީއޮފީހުން ބުނެއެވެ.

ނަމަވެސް، އެއޮފީހުގައި ނެތް މަޢުލޫމާތެއް، ކޯޓަށް ހުށަނާޅައިގެން ހިނގި ކަމެއްގައި، އަމުދުން އެކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ (ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުން) ގައި، އެމާއްދާގެ ދަށުން އަދަބެއް ކަނޑައެޅޭނީ "ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާ ކަމެއްގައި ކަމަށް ސާފުކޮށް އޮއްވާ، މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް