ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 10:11
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޑޯޓްމަންޑު ބަލިކޮށް ޕީއެސްޖީ އަށް ރަނގަޅު ފެށުމެއް
 
ޕީއެސްޖީގެ ދެ ލަނޑު ވެސް އެ ޓީމުން ޖަހާފައި ވަނީ ދެ ވަނަ ހާފުގައި

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޕީއެސްޖީގެ ދެ ލަނޑު ވެސް އެ ޓީމުން ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްްދާލައިގެން އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ޕީއެެސްޖީގެ ދެ ވަނަ ލަނޑު ޖެހީ ޑިފެންޑަރު އަޝްރަފް ހަކީމީ އެވެ. އޭނާ އެ ލަނޑު ޖެހީ ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ ވެސް ވިޓީނިއާ އެވެ.

މި ގްރޫޕްގައި ދެން ހިމެނެނީ އިޓަލީގެ އޭސީ މިލާން އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑެވެ. މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، އެއްވަރުވެގެންނެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ތިން ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާން އަދި ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ޑޯޓްމަންޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް