ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 22:13
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ސޯޝަލް މީޑިއާ
ފުވައްމުލަކުގެ ތަރައްގީ
އާރުޓީއެލު ފެރީ އާއެކު ފުވައްމުލަކުގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ: ފުވައްމުލަކު މޭޔަރ
 
ފުވައްމުލަކުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ރަފީގު ވިދާޅުވި

ދެކުނުގެ ހަތަރު އަތޮޅުކަމުގައިވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ އަތޮޅު އާރުޓީއެލު ފެރީގެ ނިޒާމުން ގުޅާލުމުގެ ސަބަބުން ފުވައްމުލަކުގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް އެސިޓީގެ މޭޔަރ އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ކުރިޔަށްދާ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރަފީގު ވިދާޅުވީ މީގެކުރިން ހުވަދު އަތޮޅާއި ފުވައްމުލަކާއި ދެމެދު އެކި ބޭނުންތަކުގައި ދަތުރުކުރަމުންދާކަމަށެވެ. އެގޮތުން ތައުލީމު ހާސިލުކުރުމަށާއި، ސިއްހީ އެކި ބޭނުންތަކާއި ވިޔަފާރި އާއި ޗުއްޓީއަށްވެސް އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރަމުންދިޔަކަމަށެވެ. ނަމަވެސް މިހާރު ވަކި ޝެޑިޔުލަކާއެކު ދަތުރުތައް ފެށުމުން އެކަން ފަސޭހަވެގެންގޮސްފައިވާކަމަށެވެ.

ރަފީގު އިތުރަށް ވިދާޅުވީ އާރުޓީއެލު ފެރީގެ ނިޒާމުގެ ސަބަބުން ފުވައްމުލަކުގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދިޔުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ފުވައްމުލަކުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ރަފީގު ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކުގެ ވެޓް ލޭންޑްތައް ތަރައްގީކުރުމުގެ މަޝްރޫޢެއް ކުރިޔަށްގެންދިޔުމަށް މިހާރު އިއުލާންކޮށްފައިވާކަމަށް ރަފީގު ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ތެރެއިން ވެޓް ލޭންޑް އޭރިއާ އިތުރަށް ފަތުރުވެރިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ. އިތުރު ވޯކްއޭރިއާ ހަދާ ފަތުރުވެރިންނަށް މައުލޫމާތު ލިބޭގޮތަށް ހުންނާނެ. އަދި ކުދިކުދި އިވެންޓްތައް އެއޭރިއާތަކުގައި ބޭއްވޭނެ ގޮތަށް މިމަޝްރޫޢު ހިންގާނީ
ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގު

ރަފީގު ވިދާޅުވީ ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ ދައުރުގައި 50 ރޫމްގެ ހޮޓަލެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގަންނަވާފައިވާކަމަށެވެ. އަދި ފުވައްމުލަކަށް އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާވާނެ ގިނަ މަޝްރޫޢުތަކެއް މި ފަސް އަހަރު ސަރުކާރުން ހިންގާފައިވާއިރު ކުރިޔަށްވެސް އެފަދަ މަޝްރޫޢުތައް ހިންގަވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާކަމަށް ރަފީގު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް