ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 12:43
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި
ރާއްޖެއެމްވީ
ސީލައިފް މައްސަލަ
އައްމަޓީއަށް ކުރާ ދައުވާ: ހެއްކާ ގުޅޭގޮތުން އާ ކަމެއް ހުށަހަޅަން އޮތްނަަމަ، އެ ފުރުސަތު ދޭނެ
 
މި މައްސަލައިގައި ދިފާއުން އެއްވެސް ޝަފަހީ ހެއްކެއް ހުށައަޅާފައިނުވޭ
 
މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އާމިނަތު އަޒްލިފާ

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ޙަސަން ސައީދެވެ. ނަމަވެސް ގާޒީ ޙަސަން ސައީދު ރިޓަޔަރ ކުރައްވާފައިވާތީ މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އާމިނަތު އަޒްލިފާއެވެ.

ގާޒީ ވަނީ ފަނޑިޔާރު ބަދަލުވިކަން ދެފަރާތަށް އަންގަވައި، މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދިފާއުން އެއްވެސް ޝަފަހީ ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި، މައްސަލައިގައި މިހާރު އޮތީ ދައުލަތުގެ ހެކިން ހާޒިރުކުރަން ބޭނުންވާ ގޮތް ޝަރީއަތާ ހިއްސާކޮށް ހެކިބަސް ނަގަން ފެށުން ކަމަށެވެ.

އައްމަޓީގެ ފަރާތުން ވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާއި، ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިމި މިހާރު ހެކިބަސް ނެގުމުގެ މަރުޙަލާގައިވާއިރު، މިހާރު ހެއްކާބެހޭ ޤާނޫނަށް އަމަލުކުރަން ފަށާފައިވާކަން ފާހަގަކޮށްފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، 42 ދައުވާއާ ގުޅިގެން މައިގަނޑު ގޮތެއްގައި ހިމެނެނީ އެއް ހެކިތަކެއް ކަމަށެވެ. ވުމާއެކު، ދައުވާތަކާއި ގުޅިގެން އެކުއެކީގައި ހެކިބަސްތައް ނެގުމަށް ދައުލަތުން އެދެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، 42 ދައުވާ ހިމެނޭއިރު، ފަހަރަކު ދައުވާއަކާއި ގުޅިގެން ކޮންމެ ފަހަރަކު ހެކިވެރިން ހާޒިރުކުރަން ޖެހުމަކީ ޝަރީއަތުގެ ވަގުތުތައްވެސް ބޭކާރުވެގެންދާނެކަމެއް ކަމަށެވެ. އެއީ އިންސާފު ލިބުމަށް ހުރަސްއެޅި، މައްސަލަ ލަސްވެގެންދާނެ ކަމެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން އެދިފައިވަނީ ކޮންމެ ހެކިވެރިއަކުވެސް ހާޒިރު ކުރުމަށްފަހު، 42 ދައުވާއާ ގުޅިގެން ކުރަންޖެހޭ ސުވާލުތައް އެ ހެކިވެރިޔާއާ ކުރުމަށެވެ.

އަދި ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ހެކިބަސް ނެގުމުގެ މަރުޙަލާގައިވެސް އަލިއަޅުވާލަން ޖެހޭ ކަންކަމަށް އަލިއަޅުވާލުމުގެ ފުރުސަތު އޮންނާކެން ދައުލަތުން ފާހަގަކުރިއެވެ. ހެއްކާބެހޭ ޤާނޫނުން ދިފާއަށް ފަހިވާން ހުރި ކަންކަން ބޭނުން ކުރުމުގެ ދޮރު ބަންދުނުވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ހެކިތައް ވަކިން ނަގައި، މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ އަލުން ބާއްވައިދިނުމަށް ދިފާއުން އެދިފައިވެއެވެ.

ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ނިންމެވީ، މި މައްސަލަ ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށެވެ.

އަދި ވަކިވަކިން ކޮންމެ ދައުވާއަކާ ގުޅިގެން ހެކިބަސް ނެގުމުގެ ބަދަލުގައި، ދައުލަތުން އެދުނުގޮތަށް ހެކިބަސް ނެގުން ކުރިއަށް ގެންދަވަން ގާޒީ ނިންމެވިއެވެ.

އޭގެ އިތުރުން، ހެއްކާ ގުޅޭގޮތުން އާ ކަމެއް ހުށަހަޅުއްވަން އޮތްނަަމަ، ދިފާއަށް އެ ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް