ކ. މާލެ
|
7 ޖޫން 2023 | ބުދަ 13:43
މޫސުން
މޫސުން
ރާއްޖެއެމްވީ
ފުލުހުން
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރާއިރު ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި
 
ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައި
 
ފުލުހުން ވަނީ ސިނަމާލެ ބްރިޖާއި ލިންކްރޯޑުން ދަތުރު ކުރާ ފަރާތްތަކުން މި ދުވަސްވަރު ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސްކޮށްފައި

މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވައިގަދަ ދުވަސްވަރަކަށްވާތީ ދަތުރުފަތުރު ކުރާއިރު ސަމާލުކަން ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވަނީ ސިނަމާލެ ބްރިޖާއި ލިންކްރޯޑުން ދަތުރު ކުރާ ފަރާތްތަކުން މި ދުވަސްވަރު ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ބުރުގާ އަޅާ ފަރާތްތަކުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭކަމަށާއި އަދި ވިއްސާރަ ކޯޓު ބޭނުން ކުރާ ފަރާތްތަކުން ވަޔާއެކު ހަލާކުވެގެން ގޮސް އެހެންމީހުންގެ މޫނުމަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓު ބޭނުން ކުރުމަށާއި ވައި ގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭނެ މިންގަނޑެއްގައި ހިފެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ވައިގަދަވެ ބޯކޮށް ވިއްސާރަކުރުމުގެ ސަބަބުން ބްރިޖާއި ލިންކް ރޯޑުގައި އެކްސިޑެންޓުތައް ހިނގާފާނެ ކަމަށް ބެލެވޭތީއެވެ.

މީގެ އިތުރުން ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫދު ކުޅިވަރތަކާއި މޫދަށް އެރި އުޅުމުގެ ކުރިން މޫސުމަށާއި ކަނޑުގެ ހާލަތު ބެލުމަށާއި ސަލަމާތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތުގައި މިއަދުގެ ހަވީރު 6:00 އާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެއެވެ.

މީގެ އިތުރުން ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް ލަފާ ކުރެވޭއިރު ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
25%
25%
0%
0%
25%
ކޮމެންޓް