ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 16:08
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި
ރާއްޖެއެމްވީ
ސީ ލައިފް މައްސަލަ
އައްމަޓީއަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ
 
3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައި
 
މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 13:00ށް
 
އޭނާގެ މައްޗަށް ޚިޔާނަތްތެރިވުމުގެ 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި އުފުލާފާއިވޭ

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށެވެ.

އޭނާގެ މައްޗަށް ޚިޔާނަތްތެރިވުމުގެ 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި އުފުލާފާއިވާއިރު، އޭނާ ވަނީ ދައުލަތުން ހުށައަޅާފައިވާ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކޮށްފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގާފައެވެ.

މި މައްސަލައިގެ ހެކިންގެ ގޮތުގައި، އެ ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ދައުލަތުން ހުށަހަޅާފައިވެއެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އައްމަޓީ ބުނެފައިވަނީ، ޝަރީއަތުގައި މައްސަލަތައް ކުރިއަށް ދާތީ އާއްމުންނަށް ބުނެދޭން ބޭނުންވާ އެތައް ވާހަކައެއް ބުނެ ނުދެވޭ ކަމަށާއި ދޮގު އެތައް ތުހުމަތެއް ކުރަމުންދާ ކަމަށެވެ.  

އޭނާ ވަނީ ދައުލަތުން ކުރާ ބައެއް ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި މީޑިއާ މެދުވެރިކޮށް އާއްމުންނަށް ދޮގު މަންޒަރެއް ދައްކާ ކަަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. 

އަދި ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމަކީ އޭނާގެ އަމިއްލަ ނަމުގައި ވެފައިވާ އެއްބަސްވުމަކަށް ނުވާ އިރު އެކަމާއި އޭނާ އެކަނި ޒިންމާ ވާންޖެހެނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ސީލައިފް ގްލޯބަލް އަކީ ރާއްޖެއިން ބޭރު ބަޔަކު ހިއްސާވާ ކުންފުންޏެއް ކަަަމަށާއި އޭނާ އެ ކުންފުނީގައި ހުރީ އައްޔަންކޮށްފައިވާ މަޤާމެއްގައިކަމަށްވުމާ އެކު ކުންފުނިން ކުރި މަދަނީ މުއާމަލާތަކަށް އޭނާ ޒިންމާވާން ޖެހެނީ ކޮން ހަމައަކުންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.އަދި ދައުލަތުން މައްސަލައިގެ ހަގީގަތް އޮޅުވާލާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

އޭގެ އިތުރުން އައްމަޓީގެ ވަކީލު ވަނީ ދައުލަތުން އެ މައްސަލައިގައި އައްމަޓީ އަށް ދައުވާ ކުރަނީ ރަނގަޅަށް ނޫން ކަމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފްލެޓް ގަންނަން ވެފައިވާ އެއްބަސްވުމަކީ ސީލައިފް މޯލްޑިވްސް އާއި އެޗްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމަކަށްވާ އިރު އެ މައްސަލައިގައި ދައުލަތުން އައްމަޓީގެ މައްޗަށް ދައުވާ ކުރަން ނިންމީ ކޮން ހަމައަކުންތޯ ވަކީލު ސުވާލު އުފެއްދެވިއެވެ.

އަދި ކުންފުނީގެ އިސް އެހެން ފަރާތްތަކަށް ދައުވާ ނުކޮށް ހަމައެކަނި އައްމަޓީ އަށް ދައުވާކުރަން ނިންމީ ކީއްވެތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ކުންފުނިތަކާއި ބެހޭ ޤާނޫނު ބުނާ ގޮތުން ކުންފުނިތަކުން ހިންގާ ކަންކަމަށް ވަކި ފަރުދަކު ޒިންމާ ނަގަން ޖެހެނީ އެ މީހެއްގެ ހިއްސާ އެއް ކުންފުނީގައި އޮތް ނަމަ އެ މިންވަރަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ގާނޫނުގައި ކުންފުންޏަކީ "މެމްބަރުންނާއި ވަކިން އުފެދިފައިވާ ވަކި ޤަނޫނީ ޝަހުސެއް" ކަމަށް ބަޔާންކޮށްފައި ވާއިރު އެ މައްސަލައިގައި ކުންފުނީގެ މައްޗަށް ދައުވާ ނުކުރި ސަބަބާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން މި ފަދަ މައްސަލަތަކުގައި ކުރިން ވެސް ދައުވާކޮށްފައި ވަނީ ކުންފުނިތަކުގެ މައްޗަށް ކަމަށާއި ކުންފުނީގެ އެމްޑީ ނުވަތަ ޗެއަރމަންއަށް ދައުވާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގާފައި ވާއިރު ކުންފުނީގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އައްމަޓީ އަށް ދައުވާކުރަން ނިންމީ ކުންފުނީގެ މައްޗަށް ދައުވާ ސާބިތު ނުވާނެ ކަމަށް ފެންނާތީތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ. އައްމަޓީގެ ވަކީލު ވަނީ މި މައްސަލަ އަކީ މަދަނީ މައްސަލަ އެއް ކަމަށާއި މި މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ އެ މަގުން ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް