ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 17:55
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އައްމަޓީގެ ބަންދާއި މެދު ގޮތެއް ނިންމުން
އައްމަޓީގެ ބަންދާއި މެދު ދައުލަތާއި ދިފާއުގެ ބަހުސެއް: ދިފާއުން ބުނީ އައްމަޓީ ނުފިލާނެ ކަަމަށް
 
ދައުލަތުން ބުނަނީ އައްމަޓީ ފިލާފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް
 
މައްސަލައިގެ އަޑު އެހުމެއް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފިލާފާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދައުލަތުން އެދެމުން ދާތީ އޭނާގެ ދިފާއީ ވަކީލުން ދައުލަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފިއެވެ.

ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުން އައްމަޓީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެދިފައިވާތީ އެ ކަން ހުށަހެޅުމަށް ފުރުސަތު ދެއްވާފައެވެ. އެންމެ ފުރަތަމަ އޭނާ ބަންދުގައި ބަހަައްޓާ ދިނުމަށް އެދި ދައުލަތުން ހުށަހަޅާފައި ވަނީ މައްސަލަ ހުށަހަޅާ ފޯމުންނެވެ. އެހެންނަމަވެސް އާއްމު އުސޫލެއްގެ ގޮތުން ބަލާއިރު އެފަދަ މައްސަލަތަކުގައި ފޯމު މެދުވެރިކޮށް މީހަކު ބަންދުގައި ބަހައްޓާ ދިނުމަށް އެދެނީ ބަންދުގައި ހުރި މީހަކާއި މެދުގައި ކަމަށް ވާތީ އެ ފޯމު ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމަވާފައެވެ. އެކަމާއި ގުޅިގެން ދައުލަތުން ވަނީ އައްމަޓީގެ ބަންދުގެ މައްސަލަ ސިޓީ އަކުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލަ އާއި މެދު ދައުލަތުގެ ވަކީލް ވިދާޅުވީ އައްމަޓީ ބަންދުގައި ބަހައްޓަން ބޭނުން ވަނީ އޭނާ ފިލާފާނެ ކަަމަށް ބެލެވޭތީ ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް އެގޮތަށް އެދުނު ކަމަށާއި އޭރު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ޝަރުތުތަކަކާއި އެކު އޭނާ ދޫކޮށްލާފައި ބެހެއްޓުމަށް ކަން ދައުލަތުން ފާހަގަކުރެއްވިއެވެ. އެ ޝަރުތުތަކުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ވާއިރު އެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އަދި ލަންކާގައި ތިބި އައްމަޓީގެ އާއިލާ އިން އޭނާ އެ ގައުމަށް ދިއުމަށް ހުރަހެއް އޮތްތޯ ސާފުކުރުމަށް ފޮރިން މިނިސްޓްރީގައި އެދިފައިވާކަން ދައުލަތުގެ ސަމާލުކަމަށް އައިސްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.

އެވާހަކަތަކަށް ރައްދު ދީ އައްމަޓީގެ ދިފާއީ ވަކީލް ވިދާޅުވީ އައްމަޓީ އަށް ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ޕާސްޕޯޓަށް ނޭދުން ހިމެނޭ ކަމަށާއި އޭނާގެ އަތުގައި ޕާސްޕޯޓެއް ނެތް ކަމަށެވެ. އެހެންކަމުން ޕާސްޕޯޓަކާއި ނުލާ އޭނާ ދަތުރުކުރާނީ ކިހިނެތްތޯ ވަކީލް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އާއިލާ އިން އޭނާ ލަންކާ އަށް ދިއުމުގައި ހުރަހެއް އޮތްތޯ ސާފު ކުރަން އެދުނީ، ލަންކާގައި ހުރި އޭނާގެ އަނބިމީހާ ކަމަށާއި އެގޮތަށް އެދުނީ އޭނާ އަށް ބޭންކް އެކައުންޓްތަކަށް އެކްސެސް ނުވެވިގެން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. ވަކީލް ވަނީ އައްމަޓީ އަށް އަމިއްލަ ރަށަށް ދިއުމުގެ ފުރުސަތުވެސް ދައުލަތުން ނުދިން ކަމަށާއި އޭނާ މާލޭ ބަންދެއްގައި ހުރީ މައްސަލައިގައި ޝަރީއަތުގައި ކުރިމަތިކުރުވަފާނެ ސުވާލަކާއި މެދު ވިސްނުމަށް ފަހުގައި ކަަމަށް ފާހަގަކުރައްވާފައެެވެ. އަދި ދައުލަތުން މައްސަލައިގެ ހަގީގަތް އޮޅުވާލާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގާފައެވެ. މި މައްސަަލައިގެ ދެން އޮންނަ އަޑު އެހުމެއްގައި އައްމަޓީގެ ބަންދާއި މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. ދެން މި މައްސަލައިގެ އަޑު އެހުމެއް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް