ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 13:29
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ގޫގުލް
ސީލައިފް މައްސަލަ
ސީލައިފް މައްސަލަ: އައްމަޓީ އަށް އެކަނި ދައުވާކުރާތީ ދައުލަތާ މެދު ދިފާއީ ވަކީލުގެ ގިނަ ސުވާލުތަކެއް!
 
މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ 16 ނޮވެމްބަރު 2022ގައެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ފްލެޓްތަކުގެ ހައްގުވެރި ފަރާތްތަކަށް ދޭން ޖެހޭ ފްލެޓް ނުދީވާ މައްސަލައިގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އެ ދައުވާތައް ކުރެވިދާނެ ކަމާ މެދު އޭނާގެ ފަރާތުން ސުވާލު އުފައްދައިފިއެވެ.

ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑު އެހުމުގައި ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާތައް އަޑުއިއްވުމުގެ މަރުހަލާ ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޚިޔާނާތުގެ ކުށުގެ ދައުވާތަކެވެ. އެ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް އަޑު އިއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއުން ފާހަގަކުރަން ބޭނުންވާ ކަމެއް އޮތްތޯ ސާފުކުރުމަށް ފުރުސަތު އަރުވާފައެވެ.

އެ ފުރުސަތުގައި އައްމަޓީގެ ވަކީލު ވަނީ ދައުލަތުން އެ މައްސަލައިގައި އައްމަޓީ އަށް ދައުވާ ކުރަނީ ރަނގަޅަށް ނޫން ކަމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފްލެޓް ގަންނަން ވެފައިވާ އެއްބަސްވުމަކީ ސީލައިފް މޯލްޑިވްސް އާއި އެޗްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމަކަށްވާ އިރު އެ މައްސަލައިގައި ދައުލަތުން އައްމަޓީގެ މައްޗަށް ދައުވާ ކުރަން ނިންމީ ކޮން ހަމައަކުންތޯ ވަކީލު ސުވާލު އުފެއްދެވިއެވެ. އަދި ކުންފުނީގެ އިސް އެހެން ފަރާތްތަކަށް ދައުވާ ނުކޮށް ހަމައެކަނި އައްމަޓީ އަށް ދައުވާކުރަން ނިންމީ ކީއްވެތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ކުންފުނިތަކާއި ބެހޭ ޤާނޫނު ބުނާ ގޮތުން ކުންފުނިތަކުން ހިންގާ ކަންކަމަށް ވަކި ފަރުދަކު ޒިންމާ ނަގަން ޖެހެނީ އެ މީހެއްގެ ހިއްސާ އެއް ކުންފުނީގައި އޮތް ނަމަ އެ މިންވަރަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ގާނޫނުގައި ކުންފުންޏަކީ "މެމްބަރުންނާއި ވަކިން އުފެދިފައިވާ ވަކި ޤަނޫނީ ޝަހުސެއް" ކަމަށް ބަޔާންކޮށްފައި ވާއިރު އެ މައްސަލައިގައި ކުންފުނީގެ މައްޗަށް ދައުވާ ނުކުރި ސަބަބާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން މި ފަދަ މައްސަލަތަކުގައި ކުރިން ވެސް ދައުވާކޮށްފައި ވަނީ ކުންފުނިތަކުގެ މައްޗަށް ކަމަށާއި ކުންފުނީގެ އެމްޑީ ނުވަތަ ޗެއަރމަންއަށް ދައުވާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް "ސަން"ގެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވުނު ނަމަވެސް ދައުވާ ކުރީ އެ ކުންފުނީގެ މައްޗަށް ކަމަށާއި ސީލައިފްގެ މައްސަލައިގައި އެކަން ތަފާތު ކުރާ ސަބަބަކީ ކޮބާތޯ ވަކީލު ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގާފައި ވާއިރު ކުންފުނީގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އައްމަޓީ އަށް ދައުވާކުރަން ނިންމީ ކުންފުނީގެ މައްޗަށް ދައުވާ ސާބިތު ނުވާނެ ކަމަށް ފެންނާތީތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ. އައްމަޓީގެ ވަކީލު ވަނީ މި މައްސަލަ އަކީ މަދަނީ މައްސަލަ އެއް ކަމަށާއި މި މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ އެ މަގުން ކަމަށް ވިދާޅުވެފައެވެ. އަދި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދަންވާނީ އެއީ މަދަނީ މިންގަނޑުން ސިވިލް ކޯޓުގައި ބެލޭނެ މައްސަލަ އެއް ނޫން ކަމަށް ކަނޑައެޅުމުން ކަމަށާއި އެއީ ދައުލަތަށް ނިންމޭނެ ނިންމުމެއް ނޫން ކަަމަށް ވެސް ވަކީލު ވިދާޅުވިއެވެ. އަދި އެއީ ޝަރީއަތުގެ މަރުހަލާ ކުރުގަޅުވާލުން ކަަމަށާއި ދައުލަތުން މަސައްކަތް ކުރަނީ ފަސޭހަ ގޮތް ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން އިސްވެ އޮވެގެން މި މަރުހަލާގައި ކޯޓުން ބޭރުން ބައެއް މުއާމަލާތުތައް ހިންގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ އެޗްޑީސީ އަށް ފޮނުއްވާފައިވާ ސިޓީއަކަށް އިޝާރާތްކުރައްވާ އައްމަޓީގެ ވަކީލު ވިދާޅުވީ އެ ސީޓި އަށް ބަލާލުމުން އެ މައްސަލަ އާ ގުޅިގެން ސީލައިފުން ރައީސް އޮފީހަށް ފޮނުވި ސިޓީތަކަކާއި ގުޅިގެން، ރައީސް އޮފީހުން އިސްވެ މި މައްސަލައިގައި މަސައްކަތްތަކެއް ކުރިކަން އެނގޭ ކަމަށެވެ.

އެ ސިޓީ އިން ސީލައިފުން ފްލެޓް ގަތް މީހުންނަށް އަނބުރާ ފައިސާ ދިން ކަން އެނގޭ ކަމަށާއި ދައުލަތުން އެއް ކޮޅުން އެ މައްސަލައިގައި ހައްލުތަކެއް ހޯދާދިނުމަށް މަސައްކަތް ކުރާ އިރު އަނެއްކޮޅުން އެ މައްސަލައިގައި ދައުވާ ކުރުމަކީ ބަލަައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާއި ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގާފައެވެ. މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ 16 ނޮވެމްބަރު 2022ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް