ކ. މާލެ
|
15 މެއި 2022 | އާދީއްތަ 13:29
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އައްމަޓީ ދޫކޮށްލި މައްސަލަ
ޝަރުތުތަކާއެކު އައްމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް: ހައިކޯޓު
 
މައްސަލަ ނިންމެވީ 3 ފަނޑިޔާރުންގެ އިއްތިފާޤުން
 
އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮތްކަމަށް ވިދާޅުވެ އޭނާ ދޫކޮށްލެއްވުމަށް ދަށު ކޯޓުން ނިންމި
 
ދައުލަތުން އިސްތިއުނާފުގެ ގޮތުގައި މައިގަނޑު ދެ ނުކުތާއެއް ވަނީ ހުށައަޅާފައި

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ) ބަންދު ކުރެވެން ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

އައްމަޓީއަށް ކުރާ ދައުވާއާއި ގުޅިގެން 20 މާރޗުގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރުކުރެވޭ ވަރަށް އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮތްކަމަށް ވިދާޅުވެ އޭނާ ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން ފުރަތަމަ އެ މައްސަލަ ބޭރުކޮށްލިއެވެ. އެހެންނަމަވެސް، އެ ނިންމުން ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުން ވަނީ އަލުން އެ މައްސަލަ ހައިކޯޓުގައި ކުރިއަށްގެންދިއުމަށް އަންގާފައެވެ. އެގޮތުން މިއީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން އޭރު ކަނޑައެޅުއްވުމުން، މި މައްސަލައިގެ އަޑުއެހުން އަލުން ހައިކޯޓުގައި ކުރިއަށް ގެންދިޔައެވެ.

ހައިކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފުގެ ގޮތުގައި މައިގަނޑު ދެ ނުކުތާއެއް ހުށައަޅާފައެވެ.

ދައުލަތުން ބުނާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަނޑިޔާރަށް ދޫކޮށްފައިވާ އިޚްތިޔާރަކީ މުތުލަގަށް ދޫކޮށްލާފައިވާ އިޚުތިޔާރެއް ނޫންކަމަށް ވުމާއެކު، ކުށުގެ ބާވަތާއި، ކުޑަބޮޑު މިނަށް ވެސް ރިއާޔަތް ކުރައްވަންޖެހޭކަން ގާނޫނީ ނައްސުތަކުން އެނގެއެވެ.

ވަކީލު ވިދާޅުވީ، އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން މިއީ ޖިނާއީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށެވެ.

އަދި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއްކަން ވަކީލު ފާހަގަކުރެއްވިއެވެ. މީގެ ކުރިންވެސް ޗެކް ބައުންސް މައްސަލަތައް އޭނާއާ ގުޅިގެން ފެންމަތިވެފައިވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ދެން ހުށައެޅި ނުކުތާއަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެކެވެ. އެގޮތުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށާއި، އައްމަޓީ އަލުން ބަންދު ކުރުމަށް 15 ނޮވެމްބަރު 2021 ގައި ހައިކޯޓުން ކުރި ޙުކުމަށް ދައުލަތުން އަލިއަޅުވާލެއްވިއެވެ.

ދައުލަތުން ބުނާ ގޮތުގައި އޭގެ ފަހުން ކްރިމިނަލް ކޯޓުން ބަންދާމެދު ނިންމި ނިންމުމުގައި އަމަލުކޮށްފައިވަނީ އެ ގަޒިއްޔާގައި ސީދާ ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫނެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނިންމީ އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރުކުރެވޭ ވަރަށް އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮތްކަމަށް ކަމުގައިވީނަމަވެސް، އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ދައުލަތުން ދެކުނެވެ.

އައްމަޓީ ފިލާފާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ބުރަވެވެނީ އައްމަޓީ އަލުން ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވާ ގޮތުން، އޭނާގެ އަތުގައި މިހާރު އޮތީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެކެވެ.

ހަމައެއާއެކު، އޭނާ ޕާސްޕޯޓު އައުކުރުމަށް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ހޯދުމަށް އެދި ހުށަހަޅައިފިނަމަ އެކަން ކޯޓަށް އެންގުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ސިޓީއަކުން ދެންނެވުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަން ހައިކޯޓުން ފާހަގަކުރެއެވެ.

އޭގެ އިތުރުން، ކޮންމެ ދުވަހަކު އެއް ފަހަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހާޟިރުވެ އެ ހާޟިރީ ރެކޯޑު ހަފްތާއަކު 3 ފަހަރު ކޯޓަށް ފޮނުވުމަށް އަންގަންޖެހޭ ގޮތަށް ފިޔަވަޅު އަޅާފައިވާއިރު، އޭނާ ފިލާފާނެ ކަމަށް ބަޔާންކޮށް، ދައުލަތުން ފާހަގަކުރި ޙާލަތާއި އޭނާގެ މިހާރުގެ ޙާލަތު ތަފާތު ވެފައިވާކަމަށް ބަލަންޖެހޭކަމަށް ފަނޑިޔާރުން ދެކިލައްވައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް