ކ. މާލެ
|
9 މެއި 2022 | ހޯމަ 16:11
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ
އެއްވެސް އިރެއްގައި ފިލައިގެން އުޅެފައެއް ނުވާނެ: އައްމަޓީ
 
ދިފާއުން ވަނީ އިސްތިއުނާފަށް ރައްދު ދީފައި
 
ގާނޫނުގައި ފަނޑިޔާރަށް ދޫކޮށްފައިވާ އިޚްތިޔާރަކީ މުތުލަގަށް ދޫކޮށްލާފައިވާ އިޚުތިޔާރެއް ނޫން
 
ދައުލަތުން އިސްތިއުނާފުގެ ގޮތުގައި މައިގަނޑު ދެ ނުކުތާއެއް ވަނީ ހުށައަޅާފައި

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަދި ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމުން ދައުލަތުން ހުށައެޅި އިސްތިއުނާފުގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އައްމަޓީއަށް ކުރާ ދައުވާއާއި ގުޅިގެން 20 މާރޗުގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރުކުރެވޭ ވަރަށް އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮތްކަމަށް ވިދާޅުވެ އޭނާ ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލި ނަމަވެސް، އެ ގޮތަށް ހައިކޯޓުން ނިންމީ ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުން ވަނީ އަލުން މި މައްސަލަ ހައިކޯޓުގައި ކުރިއަށްގެންދިއުމަށް އަންގާފައެވެ. އެގޮތުން މިއީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅުއްވާފައެވެ.

ހައިކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ވުމާއެކު، ހައިކޯޓުގައި ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފު ހުށައަޅާފައެވެ. އެގޮތުން ދައުލަތުން އިސްތިއުނާފުގެ ގޮތުގައި މައިގަނޑު ދެ ނުކުތާއެއް ވަނީ ހުށައަޅާފައެވެ.

ދައުލަތުން ބުނާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަނޑިޔާރަށް ދޫކޮށްފައިވާ އިޚްތިޔާރަކީ މުތުލަގަށް ދޫކޮށްލާފައިވާ އިޚުތިޔާރެއް ނޫންކަމަށް ވުމާއެކު، ކުށުގެ ބާވަތާއި، ކުޑަބޮޑު މިނަށް ވެސް ރިއާޔަތް ކުރައްވަންޖެހޭކަން ގާނޫނީ ނައްސުތަކުން އެނގެއެވެ.

ވަކީލު ވިދާޅުވީ، އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން މިއީ ޖިނާއީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށެވެ.

އަދި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއްކަން ވަކީލު ފާހަގަކުރެއްވިއެވެ. މީގެ ކުރިންވެސް ޗެކް ބައުންސް މައްސަލަތައް އޭނާއާ ގުޅިގެން ފެންމަތިވެފައިވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އަދި ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި އޮތްކަމުގައި ވީނަމަވެސް، ވަލުދޮރޯށިން ނޫނީ އެހެން ގޮތަކުން ދައުލަތުގެ ނިޒާމަށް ނޭނގި ފިލައިގެން ދިއުމުގެ އިހްތިމާލް އެބައޮތްކަމަށް ދައުލަތުން ބުނެއެވެ. އޭނާއަކީ މީގެ ކުރިން އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި ފިލައިގެން އުޅެފައިވާ ފަރާތެއްކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ.

ދެން ހުށައެޅި ނުކުތާއަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެކެވެ. އެގޮތުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށާއި، އައްމަޓީ އަލުން ބަންދު ކުރުމަށް 15 ނޮވެމްބަރު 2021 ގައި ހައިކޯޓުން ކުރި ޙުކުމަށް ދައުލަތުން އަލިއަޅުވާލެއްވިއެވެ.

ދައުލަތުން ބުނާ ގޮތުގައި އޭގެ ފަހުން ކްރިމިނަލް ކޯޓުން ބަންދާމެދު ނިންމި ނިންމުމުގައި އަމަލުކޮށްފައިވަނީ އެ ގަޒިއްޔާގައި ސީދާ ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫނެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނިންމީ އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރުކުރެވޭ ވަރަށް އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮތްކަމަށް ކަމުގައިވީނަމަވެސް، އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

ދައުލަތުން ވަނީ އައްމަޓީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ.

އެއަށްފަހު ދިފާއުން ވަނީ އިސްތިއުނާފަށް ރައްދު ދީފައެވެ.

އެހެންނަމަވެސް، ހައިކޯޓުގެ ހުކުމުގައި އޮންނަނީ"ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރުން ކަފާލާތުގެ ދަށުން ނުވަތަ ކަނޑައެޅޭ ވަކި ތަނަކަށް ގަވާއިދުން ހާޒިރުވުމަށް އެންގުން ފަދަ ޝަރީއަތަށް ނުފިލާނެކަން ކަށަވަރު ކުރެވޭ ފަދަ އިތުރު ހަރުދަނާ ފިޔަވަޅުތައް އެޅުމަށްފަހު މެނުވީ އަހުމަދު މޫސާ މުހައްމަދު ބަންދުން ދޫކޮށްލެވިގެން ވާނެކަމަށް ނުދެކެމެވެ."މި ގޮތަށް ކަމަށްވާއިރު، އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅު އެޅުމަށްފަހު ދޫކޮށްލެވިދާނެކަމަށް ދިފާއުން ދެކެއެވެ.

މި އަޑުއެހުމުގައި އައްމަޓީވެސް ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއަކީ ފިލައިގެން އުޅެފައިވާ މީހެއްކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ އަބަދުވެސް އިދާރާތަކަށް އެއްބާރުލުން ދީފައިވާނެއެވެ.

އޭނާ ބުނާ ގޮތުގައި އޭނާ ފިލައިގެން ގޮސްދާނެ ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކައެކެވެ.

އެއަށްފަހު ފަނޑިޔާރުން ވަނީ ބައެއް ކަންކަން އިތުރަށް ސާފު ކުރައްވާފައެވެ. އެއަށްފަހު ޚުލާސާ ގޮތެއްގައި ވަނީ ވާހަކަ ދައްކާފައެވެ. އެއަށްފަހު ހޯމަ ދުވަހުގެ އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް