ކ. މާލެ
|
12 ނޮވެންބަރ 2021 | ހުކުރު 19:04
ޖަރުމަނުގެ ޗާންސެލަރ އަންޖެލާ މާރކެލް
ޖަރުމަނުގެ ޗާންސެލަރ އަންޖެލާ މާރކެލް
-
ޖަރުމަނުގައި ކޮވިޑްގެ ހާލަތު
ޖަރމަނީގައި ވެކްސިން ނުޖަހާ މީހުން ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައިފި
 
ވެކްސިން ނުޖަހާ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޒުވާނުން
 
ހޮސްޕިޓަލުތަކަށް ނުކަތާ ވަރަށް ބަލި ޖެހެމުންދާ މީހުންގެ އަދަދު ދަނީ ގިނަ ވަމުން

ޖަރމަނީގައި ކޮވިޑް-19ގެ ހަތަރުވަނަ ރާޅެއް ނަގާފައި ވާއިރު، ވެކްސިން ނުޖަހާ ތިބި މީހުން، އެމީހުންގެ ފަރުދީ ޒިންމާ އޮތްކަން ހަނަދާކޮށް ވެކްސިން ޖެހުމަށް އެގައުމުގެ ޗާންސެލަރ އަންޖެލާ މާރކެލް އެދިވަޑައިގެންފިއެވެ.

އޭޝިއާ ޕެސިފިކް ސަމިޓްގައި ވާހަކަ ދައްކަވަމުން އަންޖެލާ ވިދާޅުވީ ވެކްސިން ނުޖަހާ ތިބި މީހުން ވެކްސިން ޖަހައިގެން ގައުމުގައި ދެންތިބި މީހުންގެ ފުރާނަ ސަލާމަތް ކުރެވެން އެބައޮތް ކަމަށެވެ. އެހެންކަމުން އެމީހުން ވެކްސިން ޖެހުމަކީ މިވަގުތު އެގައުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

އަދި މިދަނޑިވަޅުގައި އިޚްލާސްތެރިކަމާއެކު ރައްޔިތުންނާއި ހަމައަށް ތެދު މައުލޫމާތު ފޯރުކޮށްދީގެން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ހެދުމަށް ލީޑަރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އަންޖެލާ މާރކެލް ވިދާޅުވިއެވެ.

ޖަރމަނީގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެ ހޮސްޕިޓަލުތަކަށް ނުކަތާ ވަރަށް ބަލި ޖެހެމުންދާ މީހުންގެ އަދަދު ދަނީ ގިނަ ވަމުންނެވެ. އެހެންކަމުން ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ބޮޑެތި ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ވެކްސިން ނުޖަހާ މީހުންނަށް ނުވަދެވޭ ގޮތަށް މިހާރު ވަނީ ނިންމާފައެވެ.

ފާއިތުވި ދެތިން ހަފްތާގައި ޔޫރަޕް ސަރަހައްދުގައި އަނެއްކާވެސް ވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށާފައެވެ. މިއާއެކު އަނެއްކާވެސް ޔޫރަޕްގެ ގައުމުތަކުގެ ސިއްހީ ނިޒާމު ނުރައްކަލުގެ ތެރެއަށް ވެއްޓުމަކީ އެކަށިގެންވާ ކަމެއްކަމުގައި ސިއްހީ މާހިރުން އަންނަނީ ލަފާ ކުރަމުންނެވެ. ޖަރުމަނުގައި ވެކްސިން ނުޖަހާ މީހުންގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ ނިޒާމު ބަލިކަށި މީހުންނަށް ބަލި ފެތުރެމުން އަންނަކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ޖަރުމަނުގައި ވެކްސިން ނުޖަހާ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޒުވާން އުމުރުފުރައިގެ ދިފާއީ ނިޒާމު ވަރުގަދަ މީހުންނެވެ. މީގެ ސަބަބުން އެމީހުންނަށް ނުރައްކާވުމުގެ ފުރުސަތު ކުޑަ ނަމަވެސް އެމީހުންގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނާއި ދިފާއި ނިޒާމު ބަލިކަށި މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމީ ބަދަލުތަކުގެ މައްސަލައަކީ ދާދީ އެއްގޮތް ދެމައްސަލަ ކަމަށް އެންޖެލާ ފާހަގަކުރެއްވިއެވެ. އެއީ މިދެކަންތަކަކީ ވެސް މީގެ ނުރައކާތެރިކަން ބޮޑުވާން ފެށުމާއެކު އެކަން ޙައްލުކުރަން ފިޔަވަޅުތަކެއް ނާޅައިފި ނަމަ ހީނުކުރާ ފަދަ ބޮޑު ގެއްލުންތަކެއް ލިބިދާނެ ދެމައްސަލަ ކަމަށް ވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
100%
0%
0%
0%
ކޮމެންޓް