ކ. މާލެ
|
21 ސެޕްޓެންބަރ 2021 | އަންގާރަ 08:42
އިންޑިއާ ހައިކޮމިޝަނުގައި ވިސާއަށް އެދުމަކީ ތަކުލީފުބޮޑު ކަމެއް
އިންޑިއާ ހައިކޮމިޝަނުގައި ވިސާއަށް އެދުމަކީ ތަކުލީފުބޮޑު ކަމެއް
ރާއްޖެއެމްވީ
ވިސާއަށް އެދުމުގައި ހުރި ދަތިތައް
ވިސާ ކިޔޫގެ ކޮޅެއް ނުފެނުނު
 
ރައްޔިތުންނަށް ވަނީ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިފައި
 
އޮންލައިންކޮށް ވިސާއަށް އެދެވޭ ތަނެއް ނުފެނުނު
 
އޮންލައިންކޮށް ވިސާއަށް އެދެވޭނެ ކަމަށް ހައި ކޮމިޝަނުން އިއުލާނުކުރި

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ 2020 ވަނަ އަހަރުގެ ޖުލައި 15 ގައި ހުޅުވާލި ހިސާބުން ގިނަ ބަޔަކު އަވަސްވެގަތީ ރާއްޖެއިން ބޭރަށް ދިއުމަށް ދަތުރުފެށުމަށެވެ. އެއްބައިމީހުން ބަލި ހާލަތު ހުރި ގޮތުންނެވެ. އަނެއްބަޔަކު ބޯ ހަމަޖައްސާލުމަށް ބޭރަށް ގޮސްލުމަށެވެ. އެ ދުވަސްވަރު އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ކުރިއާ ޚިލާފަށް ވިސާ ހޯދުމުގައި ހުރި ދަތިތަކެވެ. ކުޑަ ދުވަސްކޮޅަކަށް އަވައްޓެރި އިންޑިއާއަށް ގޮސްލަންވިޔަސް ވިސާ ހޯދަންޖެހުމެވެ.

އެހެންނަމަވެސް ކުރިއާ ޚިލާފަށް މިކަން ކުރުމަކީ އުނދަގޫ ކަމަކަށްވެސް ވިއެވެ. ވިސާ ފޯމު ފުރުމަށްފަހު ފޯމު ބަލައިގަތުމުގެ އެތައް ގަޑިއިރެއް ކުރިން އިންޑިއާ ހައި ކޮމިޝަން ކުރިމަތީގައި ކިޔޫގައި ޖެހެން ޖެހެއެވެ. ވިސާ ފޯމް ބަލައިގަންނަން ފަށަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނެވެ. މެންދަމުން ފެށިގެން ކިޔޫގައި ޖެހުނަސް ފޯމު ބަލައިގަންނާނެ ކަމުގެ ޔަގީންކަމެއް ނޯވެއެވެ. އަނެއްކާވެސް އަނެއް ދުވަހުގެ ކިޔޫއަށް އަރަން ޖެހެއެވެ. އަދި ފޯމު ބަލައިގަންނަނީވެސް ފޯމުގައި އެއްވެސް ކުށެއް ނުވަންޏާއެވެ. ފޯމުގައި ކުށެއް ވާނަމަ ހަމަ އެ ނިކަމެތި މީހާއަށް އަނެއްކާވެސް ޖެހެނީ އައު ފޯމެއް ފުރައި އަނެއްކާވެސް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރާށެވެ.

އެންމެ ފަހުން މި މައްސަލަ ހޫނުވެގެން ގޮސް ވިސާއަށް އެދުމުގެ ޚިދުމަތް އޮންލައިން ކޮށްފައިވާކަމަށް އިންޑިއާ ހައި ކޮމިޝަނުން އިއުލާނުކޮށްފައިވެއެވެ. އެހެންނަމަވެސް މިހާ ހިސާބުންވެސް ހައްލު ނުވި މައްސަލައަކީ "އޮންލައިންކޮށް" ވިސާއަށް އެދެވޭނެ ކަމަށް ބުނެ ގާއިމްކޮށްފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މިކަން ނުކުރެވުމެވެ. މިކަމުންވެސް ރައްޔިތުންނަށް އިތުރު ތަކުލީފުތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. މި ޕްލެޓްފޯމް ބޭނުންކުރަން ފެށުމުންވެސް އިންޑިއާ ހައި ކޮމިޝަން ކުރިމަތީ ހަދާފައި އޮންނަ ކިޔޫ ކުރެއް ނުވިއެވެ. މިއަދުގެވެސް ހާލަކީ މިއީއެވެ.

ވިސާއަށް އެދެން ބޭނުންވާ މީހުންނަށް އެންމެ ފުރަތަމަ ޖެހެނީ އޮންލައިންކޮށް ފޯމެއް ފުރިހަމަކުރާށެވެ. އަދި އެ ފޯމު ފުރިހަމަކުރާއިރު، ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއްގެ ސޮފްޓް ކޮޕީ އެޓޭޗް ކުރަންޖެހެއެވެ. މިކަމަކީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަމެކެވެ. މިހާ ހިސާބުން ފަސޭހަކަމާއެކު މި ފޯމު އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތީއެއް ނޫނެވެ. މި ފޯމު ޕްރިންޓުކުރުމަށްފަހު އަނެއްކާވެސް ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް މި ފޯމަށް އެޓޭޗް ކުރަން ޖެހެއެވެ.

އެއަށްފަހު އިންޑިއާގެ ހައި ކޮމިޝަނުން މި ފޯމު ހުށަހެޅުމަށް އެދި އެޕޮއިންޓްމެންޓެއް ހައްދަން ޖެހެއެވެ. ކޮންމެ ދުވަހަކުވެސް ބަލައިގަންނަނީ ވަކި އަދަދެއްގެ ފޯމެވެ. ފޯމު ހުށަނޭޅި، ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވި ގިނަ ދުވަސްތަކެއް މަޑުކުރަންޖެހިފައިވާ މީހުން ވަރަށް ގިނައެވެ. އެޕޮއިންޓްމެންޓް ލިބުމުން ދެންވެސް ހަމަ ފޯމު ބަލައިގަންނަނީ ފޯމުގައި ކުށެއް ނުވާނަމައެވެ. ކުށެއް ވާނަމަ އަނެއްކާވެސް އެތައް ދުވަސް ވަންދެން ވިސާ ނުލިބި މަޑުކުރަންޖެހެއެވެ. އަނެއްކާވެސް އުފުލަންޖެހެނީ އިތުރު ތަކުލީފުތަކެކެވެ.

މިއީ ޚިދުމަތް އޮންލައިން ކުރުންބާއޭ ހިތަށް އަރައެވެ. މިފަދަ ޚިދުމަތެއް ފުރިހަމައަށް އޮންލައިން ކުރެވިއްޖެ ކަމަށް ބެލެވޭނީ އެ ފޯމު ފުރައި އޮންލައިންކޮށް ފޯމު ހުށަހެޅޭ ހިސާބުންނެވެ. އެހެންނަމަވެސް އަދި މިކަމަށް މިވަނީ އެދެވޭ ހައްލެއް ނުލިބިފައެވެ. އަތޮޅުތެރޭގައި އިންޓަރނޭޝަނަލް އެއަރޕޯޓުތައް ހުރި އިރު، މި ޚިދުމަތް އޮންލައިންކޮށް ލިބޭނަމަ، މާލެ ނައިސް އަތޮޅުތެރޭގައި ތިބެގެން މި ޚިދުމަތަށް އެދެން ބޭނުންވާ މީހުންނަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެތައް ފަހަރު ހައިކޮމިޝަނަށް ފޯމު ހުށަހަޅަން ދާން ޖެހޭ ޖެހުމަށްވެސް ލުއި ވެގެން ދާނެއެވެ. މިކަމަށް އަވަސް ހައްލެއް ލިބުމަކީ ރައްޔިތުން ބޭނުންވާ ގޮތެވެ. މި ޚިދުމަތް މުޅިންހެން އޮންލައިން ކުރުމަކީ ރައްޔިތުން ބޭނުންވާ ހައްލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
50%
0%
0%
ކޮމެންޓް