ކ. މާލެ
|
6 ސެޕްޓެންބަރ 2021 | ހޯމަ 19:04
ރައީސް ގަމަށް ކުރެއްވި ދަތުރުފުޅުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހޮސްޕިޓަލުގެ ކަންކަން ބައްލަވާލައްވަނީ
ރައީސް ގަމަށް ކުރެއްވި ދަތުރުފުޅުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހޮސްޕިޓަލުގެ ކަންކަން ބައްލަވާލައްވަނީ
ރައީސް އޮފީސް
ގަމު ކެންސަރު ހޮސްޕިޓަލް
ކެންސަރު ހޮސްޕިޓަލާއެކު، ބަލިތައް ތަހުލީލު ކުރުމުގެ އިތުރުން މެޑިކަލް ޓުއަރިޒަމް ފުޅާކުރެވިގެންދާނެ – އިންޑިއަން ހައިކޮމިޝަން
 
ތަމްރީނު ދިނުމުގައި، ކެންސަރު ބަލީގެ އެކިއެކި ދާއިރާ ތަކުން ދިވެހިން ކުރިއެރުވުމަށް އިސްކަންދެވޭނެ
 
އެގޮތުން ދިވެހި ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނުކުރެވޭނެ

އިންޑިއާ ސަރުކާރުގެ އެހީއާއެކު ލ. ގަމުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލާއެކު، ކެންސަރުބަލީގެ އެކިއެކި ތަހުލީލުތައް ކުރުމާއި، ބަލި ދެނެގަނެ ފަރުވާ ދިނުމުގެ އިތުރުން މެޑިކަލް ޓުއަރިޒަމް ތައާރަފު ވެގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތާއި ގުޅޭގޮތުން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރ (ޓީއެމްސީ)ގެ މަންދޫބުންގެ ޓީމެއް ސެޕްޓެމްބަރު 2ން 5ށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. އަދި މި ޓީމުގައި ދެ އޮންކޮލޮޖިސްޓުން ވެސް ހިމެނެއެވެ. ދިވެހި ސަރުކާރުން, ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް އެދުމުން އިންޑިއާއިން ޓީއެމްސީގެ ވަފްދެއް ފޮނުވައި އެތަނުގެ ޕްރިލިމިނަރީ ސަރވޭ ހަދައި, ލިބެން ހުރި ވަސީލަތްތަކާއި ޚިދުމަތްތައް ބަލާފައިވާ ކަމަށް އިންޑިއާ އެމްބަސީން ބުނެއެވެ.

މި މަޝްރޫގެ ދަށުން ލ. ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އެޅިގެންދާނެއެވެ. ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވި، ބަލި ދެނެގަނެވި، ފަރުވާ ދެވި އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ވެސް ފޯރުކޮށްދެވޭނެއެވެ. އަދި ހޮސްޕިޓަލު ހުޅުވި ހިނގަން ފެށުމުން މެޑިކަލް ޓުއަރިޒަމް ވެސް ތައާރަފު ވެގެންދާނެއެވެ. އަދި ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓަރީއެއް އެކުލެވިގެން ދާނެއެވެ.

މި މަޝްރޫގެ ދަށުން, ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ ބޭފުޅުންގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ. އެގޮތުން ދިވެހި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 250 މުވައްޒަފުން (ނަރުހުންނާއި، ޑޮކްޓަރުން އަދި ޓެކްނީޝަނުންނާއި އިދާރީ މުވައްޒަފުން އަދި ކެންސަރު ފަރުވާއާއި ގުޅޭ އިތުރު ދާއިރާ ތަކަށް) ތަމްރީނުކުރެވޭނެއެވެ. މި ތަމްރީނު ދިނުމުގައި ހޮސްޕިޓަލަށް ބޭނުންވާ ކެންސަރު ބަލީގެ އެކިއެކި ދާއިރާ ތަކުން ދިވެހިން ކުރިއެރުވުމަށް އިސްކަންދެވޭނެކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެއެވެ.

ލ. ގަން ކެންސަރު ހޮސްޕިޓަލް މަޝްރޫޢު އިޢުލާން ކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބޮޑުވަޒީރު މޯދީ ޑިސެމްބަރ 2019ގައި ކުރެއްވި ވީޑިއޯ ކޮންފަރެންސް ކޯލަކުންނެވެ.

ކެންސަރު ބަލީގައި އަހަރަކު 400 ވުރެން ގިނަ މީހުންގެ ގައިން ކެންސަރު ބަލި އަލަށް ދެނެގަނެވެއެވެ. ރާއްޖޭގެ 3ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ވެސް ކެންސަރު ބައްޔެވެ. ބޮޑެތި ތަހުލީލުތައް އަދި ބަލީގެ ތަފްސީލު ދެނެގަނެ، ރޭޑިއޭޝަންދީ، ބައެއް އޮޕަރޭޝަން ކުރަން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ.

ޓީއެމްސީއަކީ އިންޑިޔާގައި ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތްކޮށް ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިންގާ އަދި ކެންސަރު ރިސާރޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ. އަހަރަކު 30,000 އާ ބަލިމީހުން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދައެވެ. 8500 ބޮޑެތި އޮޕަރޭޝަން ކުރެވި، 5000 ބަލިމީހުންނަށް ރޭޑިއޭޝަން އަދި ކީމޯތެރަޕީ ދެވެއެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ ކުރިއެރުވުމާއި ފެންވަރު އިތުރުކުރުމުގެ ދެބައި ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މި ގުޅުމުގެ ދަށުން ހަމައެކަނި ހަރުމުދާ އުފެއްދުމުގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެސް އިސްކަންދެއެވެ. ޓީއެމްސީއާއި ރާއްޖޭގެ ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ކެންސަރު ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަޝްވަރާ ދަނީ ކުރެވެމުންނެވެ. އަދި ހޮސްޕިޓަލް ބިނާކޮށް ނިމެންވާއިރަށް ހޮސްޕިޓަލް ހިންގަން ފެށޭނެ ގޮތަށް ރޭވިގެންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓް ވެސް މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކާ އެއްގޮތަށް 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު ދައްކަން ފަށަން 5 އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް