raajjemv logo
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުން
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
 
މި މަޝްރޫއަކީ 39.6 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 75 ދުވަހުގެ ތެރޭގައި
ޝުރުފާ މުހައްމަދު
1,481
ކ. މާލެ |
8 އޭޕްރިލް 2021 | ބުރާސްފަތި 08:39
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޯބަލައިޒް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެއްޖެއެވެ.

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރައްޔިތުންނަށް އެންމެ ހިތްފަސޭހަވާނެ ގޮތަށް ގޮނޑުދޮށް ހެދިގެން ދާނެ ކަމަށެވެ. އަދި ހޯރަފުށީގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ އިންތިހާބެއް ބޯމަތި ވެގެނެއް ނޫންކަމަށާއި މީގެ ކުރިންވެސް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާނެ ކަމަށެވެ. މި މަސައްކަތްތައް ހޯރަފުށީގެ އިތުރުން އެހެން ރަށްރަށުގައި ހިންގަމުންދަނީ ވައުދުތައް ފުއްދުމަށާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިފަދަ އެތައް މަޝްރޫއުތައް ހިންގަމުންދާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ވެސް 10 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ އިތުރުންވެސް ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ތައްޔާރު ވަމުން ދާ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއު ކުރިއަށް ދާނެ ގޮތް ރައްޔިތުންނާ ހިއްސާ ކުރެއްވިއެވެ. އަދި މިފަދަ މަޝްރޫއުތައް ހިންގުމަށް އެކި ކުންފުނިތަކާއި ރައްޔިތުންނާއި ސަރުކާރުން ދެމުންގެންދާ އެއްބާރުލުމަށް މެންބަރު ޝުކުރުއަދާ ކުރެއްވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާ ވިދާޅުވީ މި މަޝްރޫއުއަކީ ހޯރަފުއްޓަށް ވަރަށް މުހިއްމު އެއް މަޝްރޫއު ކަމަށެވެ. އާޒިމް ވިދާޅުވީ ހޯރަފުށީ ކައުންސިލަކީ އެންމެ ބާރަށް އެންމެ ހަލުވި މިނެއްގައި މަސައްކަތް ކުރަމުން އަންނަ އެއް ކައުންސިލް ކަމަށެވެ. އަދި އެމްޓީސީސީން މިހާރު ހިންގާ ހުރިހާ މަޝްރޫއުތަކެއް ވެސް ހިނގަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ އެއްބާރުލުމާއެކު ރައީސް އެންމެ ބޭނުންވާ، އަވަސް ހަލުވި މިނުގައި ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ ތާރިހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެމްޓީސީސީގެ ސައިޓެއް އޮންނާނެ ކަމަށެވެ. އަދި އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދަދު 406 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން އާޒިމް ވަނީ އެމްޓީސީސީގެ މަސައްކަތްތައް ހިންގުމުގައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 50 މީޓަރުގެ 5 ގްރޮއިން ޖެހުމާއި 30 މީޓަރުގެ 1 ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ކުންފުންޏާއި ޙަވާލުކުރި އެ މަޝްރޫޢު އަކީ 39.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ކަމަށާއި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 75 ދުވަހުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް