raajjemv logo
ކައުންސިލް އިންތިޚާބުގެ ވޯޓު
ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
 
އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން ފާހަގަ ޖެހުމަކުން ވޯޓު ބާތިލެއް ނުވާނެ
 
ރަގަޅު ފާހަގަޖެހުން ފިޔަވައި އިތުރު އެހެން ފާހަގައެއް، ލިޔުމެއް، ކުރެހުމެއް ކުރަހާފައިވާނަމަ އެކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާތިލްވާނެ
 
ވޯޓު ކަރުދާހުގައި އެއްވެސް ކެންޑިޑޭޓަކަށް ރަގަޅު ފާހަގަ ޖަހާފައިނުވާ ވޯޓު ކަރުދާސް ބާތިލްވާނެ
 
ވޯޓުދޭ ވަކި ކެންޑިޑޭޓަކު ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު ބާތިލްވާނެ
 
އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެމްބަރުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާނަމަ އެވޯޓެއް ބާތިލްވާނެ
 
އިންތިޚާބުކުރަންޖެހޭ އެއްވެސް މަގާމަކަށް މެމްބަރަކު ހޮވަން ވޯޓުނުދޭނަމަ އެވޯޓެއް ބާތިލްވާނެ
އާއިޝަތު ޝިއުރާ
29,097
ކ. މާލެ |
8 އޭޕްރިލް 2021 | ބުރާސްފަތި 08:52
އިންތިޚާބެއްގައި ވޯޓު ގުނުން ކުރިޔަށްދަނީ
ރާއްޖެ އެމްވީ

ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން ބޯމަތިވަމުން އަންނައިރު ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލަކީ މިފަހަރު ވޯޓުލާން ޖެހެނީ ކިހިނެއްހެއްޔެވެ؟

އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު އޮންނަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ. ދެ އިންތިޚާބެއް އޮންނައިރު އެންމެ ފަހުން ގާނޫނަށް ގެނައި ބަދަލުތަކާއެކު އަތޮޅު ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބެއެވެ. އަނެއްކޮޅުން ފުރަތަމަ ފަހަރަށް ރަށު ކައުންސިލަށް އަންހެން މެމްބަރުން އިންތިޚާބު ކުރެވިގެންދާނެއެވެ.

އެހެންކަމުން އިންތިޚާބުގެ ވޯޓު ކަރުދާހަކީ އޮޅުންތަކެއް އަރާނެ ވޯޓު ކަރުދާހެކެވެ. އަނެއްކޮޅުން ބާތިލްނުވާނެ ގޮތަކަށް ވޯޓުލާންވެސް ބޭނުންވާނެއެވެ. އެހެންކަމުން އެހެން އިންތިޚާބުތަކާއި ޚިލާފަށް ގިނަ ފާހަގަތަކެއް ޖަހަންޖެހޭއިރު ވޯޓު ބާތިލްނުވެ ސަލާމަތްވާނެ ގޮތްތައް އެނގެން އެބަޖެހެއެވެ.

އިލެކްޝަންސް ކޮމިޝުން ވަނީ މިކަމާއި ގުޅޭގޮތުން ވޯޓުލުމަށް މަގެއްގެ ނަމުގައި އަތްމަތީ ފޮތެއްވެސް ނެރެފައެވެ.

ބާތިލް ވޯޓު

އެންމެ ފުރަތަމަ މިބަލާލަނީ ވޯޓު ބާތިލްވާ ގޮތްތަކަށެވެ. ލިބޭ ވޯޓު ކަރުދާސް އެއްކޮށް ބާތިލްނުވެ އެމީހަކު ވޯޓުލާ ގޮތަކުން އެލާ ވޯޓެއް ބާތިލްވާ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ބަލާއިރު އެމީހަކަށް ލިބޭ ވޯޓުކަރުދާހުގައި އިންތިޚާބުކުރަންޖެހޭ އެއްވެސް މަގާމަކަށް މެމްބަރަކު ހޮވަން ވޯޓު ނުދޭނަމަ އެވޯޓެއް ބާތިލްވާނެއެވެ. ނުވަތަ އިންތިޚާބުކުރަންޖެހޭ މީހަކާ ދިމާލުގައި ރަނގަޅު އެއްވެސް ފާހަގައެއް ޖަހާފައިނުވާނަމަ އެވޯޓެއް ބާތިލްވާނެއެވެ. މިހާލަތުގައި ބާތިލްވާނީ އެމީހަކު ވޯޓު ނުލާ އޮތް މަގާމަށް ދޭންޖެހޭ ވޯޓު އެކަންޏެވެ. އެވޯޓު ކަރުދާހުގައި ހުރި އެހެން ވޯޓުތަކަކީ ރަގަޅަށް ލާފައިވާ ވޯޓުތަކެއްނަމަ އެވޯޓުތައް ގުނާނީ ސައްހަ ވޯޓުގެ ގޮތުގައެވެ.

ވޯޓު ކަރުދާހުގައި ލާފައި އިންނަ ވޯޓެއް ބާތިލްވާ ގޮތް އަންގައިދޭ ސާމްޕަލް ވޯޓު ކަރުދާހެއް

ދެން ވޯޓު ބާތިލްވާނީ އެ މަގާމަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެމްބަރުންގެ ނަމާ ދިމާލުގައި ރަގަޅު ފާހަގަ ޖަހާފައިވާނަމަ އެވޯޓެކެވެ. މިހާލަތުގައިވެސް ބާތިލްވާނީ އެވޯޓެއް އެކަންޏެވެ.

ވޯޓު ކަރުދާހުގައި ލާފައި އިންނަ ވޯޓެއް ބާތިލްވާ ގޮތް އަންގައިދޭ ސާމްޕަލް ވޯޓު ކަރުދާހެއް

ވޯޓުދޭ ވަކި ކެންޑިޑޭޓަކު ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓުވެސް ގުނާނީ ބާތިލް ވޯޓުގެ ގޮތުގައެވެ. މިފަދަ ވޯޓު ބާތިލްވާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޖަހާފައި އިން ރަނގަޅު ފާހަގައަކީ ކާކަށް ލާފައި އިން ފާހަގައެއް ކަން ނޭނގޭ ވޯޓު ބާތިލްވާނެ ކަމަށެވެ. މިސާލަކަށް ރަގަޅު ފާހަގަ ޖަހަންޖެހޭ ގޮޅީގައި ފާހަގަނުޖަހާ ޕާޓީއާ ދިމާލުގައިވެސް ރަގަޅު ފާހަގަ ޖަހާފައިވާނަމަ އެއީ ކާކަށްލީ ވޯޓެއްކަން އެނގޭނަމަ އެއީ ޞައްހަ ވޯޓަކަށްވާނެ ކަމަށެވެ.

ކާކަށް ދިން ވޯޓެއްކަން ނޭނގޭ ގޮތަށް ލާ ވޯޓު މިސާލަކަށް ގޮޅީގައި ފާހަގަނުޖަހާ ވޯޓު ދިން މީހަކީ ކާކުކަން އެނގޭނަމަ ސައްހަ ވާނެ ވޯޓު. މިސާލަކަށް އަލީ އާއި އިބްރާހީމް ކިޔާ މީހެއް އިންނައިރު އަލީ އާ ދިމާލުގައި ރަގަޅު ފާހަގައެއް ގޮޅީގައި ނޫން ނުވަތަ ޕާޓީ ދިމާލުގައި ރަގަޅު ފާހަގަ ޖަހާފައި އިނިއްޔާ މިސާލަކަށް ފޮޓޯ އާ ދިމާލުގައި ރަގަޅު ފާހަގަ ޖަހާފައި އިނީ އެއީ އޭނާއަށް ލީ ވޯޓެއް ކަން އެނގެންޏާ އެކައުންޓް ކުރާނެ. ކޮންމެހެން ގޮޅީގައި ޖަހަން ލާޒިމެއްވެސް ނޫން. އެހެންނަމަވެސް އެންމެ ރަގަޅީ ގޮޅީތެރޭގައި ފަހަގަޖެހުން. ގޮޅީ ތެރެގައިވެސް އެހެންތާކުވެސް އޭނަ ލާފައި އިން ވޯޓަކީ ކާކަށް ލާފައި އިން ވޯޓެއްކަން ނޭނގޭނަމަ އެވޯޓު ބާތިލްވާނެ.
އަހުމަދު ޝަރީފް/ އިލެކްޝަންސް ކޮމިޝަނުގެ ރައީސް

ބާތިލް ވޯޓު ކަރުދާސް

އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން ވޯޓު ކަރުދާހެއްގައި ދީފައިވާ ވޯޓު ބާތިލްވާނެއެވެ. މީގެއިތުރުން ގާނޫނާއި ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު ކަރުދާސްވެސް ބާތިލްވާނެއެވެ.

މީގެއިތުރުން ދެން ވޯޓު ކަރުދާސް ބާތިލްވާނީ ވޯޓު ކަރުދާހުގައި އެއްވެސް ކެންޑިޑޭޓަކަށް ރަގަޅު ފާހަގަ ޖަހާފައިނުވާ ވޯޓު ކަރުދާހެވެ. އެކަރުދާހެއްގައިވާ ހުރިހާ ވޯޓެއް ބާތިލް ވޯޓުގެ ގޮތުގައި ގުނިގެންދާނެއެވެ.

ވޯޓު ކަރުދާސް ބާތިލްވާ ގޮތް އަންގައިދޭ ސާމްޕަލް ވޯޓު ކަރުދާހެއް

ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓަކާ ދިމާގައި ރަގަޅު ފާހަގަ ޖެހުން ފިޔަވައި އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ އެކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާތިލްވާނެއެވެ.

ވޯޓު ކަރުދާސް ބާތިލްވާ ގޮތް އަންގައިދޭ ސާމްޕަލް ވޯޓު ކަރުދާހެއް

ޞައްހަ ވޯޓު

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށް ބަލާއިރު މާލެ ސިޓީގައި 18 އިންތިޚާބީ ދާއިރާއެއް އޮވެއެވެ. އެހެންކަމުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި 18 މެމްބަރުން ތިބޭނެއެވެ. މާލެ ސިޓީ ކައުންސިލްގައި މޭޔަރ ހިމެނޭ ގޮތަށް 19 މެމްބަރުން ތިބޭނެއެވެ. އަދި މާލެ ސިޓީ ކައުންސިލްގައި އަންހެން 6 މެމްބަރުން ތިބޭނެއެވެ.

އައްޑޫ ސިޓީއަށް ބަލާއިރު 12 އިންތިޚާބީ ދާއިރާއެއް އޮވެއެވެ. އެހެންކަމުން މޭޔަރ ހިމެނޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލްގައި ތިބޭނީ 13 މެމްބަރުންނެވެ. މީގެތެރެއިން 4 މެމްބަރުންނަކީ އަންހެން މެމްބަރުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި 10 މެމްބަރުން ތިބޭނެއެވެ.

ފުވައްމުލައް ސިޓީއަށް ބަލާއިރު 6 އިންތިޚާބީ ދާއިރާއެއް އޮވެއެވެ. އެހެންކަމުން މޭޔަރ ހިމެނޭ ގޮތަށް ކައުންސިލްގައި 7 މެމްބަރުން ތިބޭނެއެވެ. އޭގެތެރެއިން 2 މެމްބަރުންނަކީ އަންހެނުންނެވެ. ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ތިބޭނީ 6 މެމްބަރުންނެވެ.

ކުޅުދުއްފުށި ސިޓީގައިވެސް އޮންނަނީ 6 އިންތިޚާބީ ދާއިރާއެކެވެ. އެހެންކަމުން މޭޔަރ ހިމެނޭގޮތަށް ކައުންސިލްގައި ތިބޭނީ 7 މެމްބަރުންނެވެ. މީގެތެރެއިން 2 މެމްބަރުންނަކީ އަންހެނުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ތިބޭނީ 6 މެމްބަރުންނެވެ.

އެހެންކަމުން ސިޓީ ކައުންސިލްތަކުގައި މެމްބަރުންނަށް ވޯޓުލުމަށް ލިބޭ ކަރުދާހުގައި އޮންނާނީ މޭޔަރ ހޮވުމަށް ލާ ވޯޓާއި ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމަށް ލާ ވޯޓެވެ.

މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ލާންޖެހޭ ވޯޓުގެ ވޯޓު ކަރުދާހުގެ ސާމްޕަލެއް

ސިޓީތަކަށް ބަލާއިރު ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސް އެހެން ސިޓީތަކާއި ތަފާތެވެ. އެއީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އެއަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށްވެސް ވޯޓު ދޭންޖެހޭތީއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވޯޓު ކަރުދާހުގެ ސާމްޕަލެއް

ރަށު ކައުންސިލްތަކަށް ބަލާލާއިރު 3000ށް ވުރެ އާބާދީ މަދު ރަށްރަށުގައި ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންނެވެ. އެއީ ރަށު ކައުންސިލްގެ ރައީސާއި ކައުންސިލްގެ 2 މެމްބަރުންގެ އިތުރުން ކައުންސިލުން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ 2 ގޮނޑިއަށް 2 މެމްބަރުންނެވެ. ރަށުގެ އާބާދީ 3000ށް ވުރެ ގިނަ ނަމަ އެކައުންސިލެއްގައި 7 މެމްބަރުން ތިބޭނެއެވެ. އެއީ ކައުންސިލްގެ ރައީސާއި އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ 3 ގޮނޑިއަށް 3 މެމްބަރުންނާއި ރަށު ކައުންސިލްގެ 3 މެމްބަރުންނެވެ. ރަށު ކައުންސިލްތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ތިބޭނީ 5 މެމްބަރުންނެވެ.

އަތޮޅު ކައުންސިލްގައި ތިބޭނީ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސެވެ. އެހެންކަމުން ރަށު ކައުންސިލްތައް އިންތިޚާބުކުރުމަށް ލިބޭ ވޯޓު ކަރުދާހުގައި 4 ބައެއް ހިމެނޭނެއެވެ. އެއީ ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ރައީސާއި ކައުންސިލަށް ހޮވާ އަންހެން މެމްބަރުންގެ ބަޔާއި ކައުންސިލަށް ހޮވަންޖެހޭ މެމްބަރުންގެ ބަޔެވެ.

ރަށުގެ އާބާދީ 3000ށް ވުރެ ގިނަ ރަށްރަށުގެ ވޯޓު ކަރުދާހުގެ ސާމްޕަލެއް
ރަށުގެ އާބާދީ 3000ށް ވުރެ މަދު ރަށްރަށުގެ ވޯޓު ކަރުދާހުގެ ސާމްޕަލެއް

މިކަރުދާސްތަކުގައި ކުރިން ވޯޓު ބާތިލްވާ ގޮތާއި ވޯޓުކަރުދާސް ބާތިލްވާ ގޮތްކަމަށް ބަޔާންކުރި ގޮތްތަކަށް ސަމާލުކަންދީގެން ވޯޓުލައިފިނަމަ އެމީހަކު ލީ ވޯޓު ސައްހަވާނެއެވެ. އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ވޯޓުދިންނަމަވެސް ބާތިލެއް ނުވާނެއެވެ. އެހެންނަމަވެސް އެއަށްވުރެ ގިނައިން ވޯޓު ލައިފިނަމަ ބާތިލްވާނެއެވެ.

އެކަމާއި ގުޅިގެން އީސީން ބުނެފައިވަނީ "އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ މަދުން ރަގަޅު ފާހަގަ ޖެހުމަކުން އެވޯޓު ބާތިލެއް ނުވާނެ." މިހެންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ކަރުދާސްކޮޅު އޮންނާނީ ސިޓީއަށް ވިޔަސް އަތޮޅަށް ވިޔަސް ވަކިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
11%
އަންތަރީސް ވެއްޖެ
21%
އުފާ ވެއްޖެ
11%
ދެރަ ވެއްޖެ
18%
ރުޅި ގަދަ ވެއްޖެ
25%
މޮޔަވެއްޖެ
14%
ލިޔުން ރަނގަޅު
ކޮމެންޓް