ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 18:34
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ހެލްތު މިނިސްޓްރީ
ވެކްސިނޭޝަން
ވެކްސިން ޕާސްޕޯޓެއް ހަދައި ދެ ޑޯޒު ޖެހުމަށް ފަހު ކަރަންޓީނާ ނުލާ ދަތުރުކުރެވޭނެ: ހެލްތް މިނިސްޓަރ
 
ދެ ޑޯޒު ވެކްސިން ޖެހުމަށްފަހު އަތޮޅުތެރެއަށްވެސް ކަރަންޓީނަކާ ނުލާ ދަތުރު ކުރެވޭނެ
 
ވެކްސިން ޕާސްޕޯޓު ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ދޫކުރަން ފަށާނެ
 
ދުނިޔޭގެ އެހެން ގައުމުތަކުން ވެކްސިން ނުޖަހާ ދަތުރު ނުކުރެވޭ ގޮތަށް އަޅާފާނެ ފިޔަވަޅަކަށް ސަމާލުވާން ޖެހޭ

ކޮވިޑް-19އިން ދިފާއުވާން ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު ކަރަންޓީނަކާ ނުލާ ދަތުރުކުރުމަށް ރާއްޖެއިންވެސް ވެކްސިން ޕާސްޕޯޓެއް އުފައްދަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާއިރު ވެކްސިން އުފައްދައި ވެކްސިން ޖަހަން ފެށުމާއެކު ބައެއް ގައުމުތަކުން ވަނީ ވެކްސިންގެ ދެ ޑޯޒު ހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ގްރީން ކާޑެއް އުފައްދާފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ގައުމުތަކުން އެ އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހާފައިވާކަމުގެ ޔަގީންކަމަށް ގައުމުތަކުން އެދި، ދަތުރުފަތުރުގައި އިތުރު ދަތިތައް ދިމާވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ ސަރުކާރުގެ ވިސްނުން ހުރީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ރާއްޖެއިން ވެކްސިން ޕާސްޕޯޓެއް ތައާރަފްކޮށް ދޫކުރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ ލިބޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށާއި، ދެ ޑޯޒު ފުރިހަމަކޮށް ޕާސްޕޯޓު ލިބުމުން ރާއްޖެއިން ބޭރުގެ އިތުރަށް ރާއްޖޭގެ އަތޮޅުތެރޭގައިވެސް ކަރަންޓީނާ ނުލާ ދަތުރުކުރެވޭނެ ކަމަށެވެ.

ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ، ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ
މިނިސްޓަރ ނަސީމް

ކުރިއަށް އޮތް ތަނުގައި ގައުމުތަކުން އަޅާފާނެ އެފަދަ ފިޔަވަޅުތަކަށް ބަލައި އަދި ރާއްޖޭގައިވެސް ދަތުރުކުރުމުގެ ފަސޭހަކަމަށް ވިސްނައި ހުރިހާ އެންމެންވެސް ވެކްސިން ޖެހުމަށް މިނިސްޓަރ ނަސީމް އިލްތިމާސްކުރެއްވިއެވެ.

މި އަހަރުގެ ފެބްރުއަރީ އެކެއްގައި މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު، ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އޮތީ 8 ހަފްތާ ފަހުންނެވެ، އެހެންކަމުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށާނީ އަންނަ މޭ މަހުގެ ތެރޭގައެވެ.

ރާއްޖޭގައި މިހާތަނަށް 145,768 މީހުން ވެކްސިން ޖަހާފައިވާއިރު، އުމުރުން 18 އަހަރުން މަތީގެ އެންމެނަށްވެސް މިހާރު ވަނީ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންނަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ދިނުމުގެ ސިޔާސަތެއް ސަރުކާރުން ކަނޑައަޅާފައިވާއިރު، ވެކްސިން ޕްރޮގްރާމަށް އަދިވެސް އެކަށީގެންވާ ތަރުހީބެއް ނުލިބޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުން މިހާތަނަށް 87،045 މީހުން ވެކްސިން ޖަހާފައިވާއިރު އަތޮޅުތެރެއިން ވެކްސިން ޖެހީ 58،723 މީހުންނެވެ. އެޗްޕީއޭއިން ވަނީ ފްރަންޓްލައިން މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މީހުން ހާއްސަ އިސްކަމެއް ދީގެން ވެކްސިން ޖަހަން އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
11%
44%
0%
22%
0%
22%
ކޮމެންޓް