ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 14:55
އައްޑޫސިޓީއަށް ގެނެސްފައިވާ އަސްތައް - މި އަސްތައް ބައިތިއްބުމަށް ޚާއްސަ ޖާގަތަކެއް ވަނީ ކަނޑައަޅާފައި
އައްޑޫސިޓީއަށް ގެނެސްފައިވާ އަސްތައް - މި އަސްތައް ބައިތިއްބުމަށް ޚާއްސަ ޖާގަތަކެއް ވަނީ ކަނޑައަޅާފައި
ރާއްޖެއެމްވީ
އައްޑޫސިޓީއަށް އަސްތަކެއް ގެނައުން
އަހަރު ދުވަހުގެ މަސައްކަތަށްފަހު އައްޑޫސިޓީއަށް އަސްތަކެއް، ކައިވެނި ޙަފްލާތަކަށް ވެސް ބޭނުން ކުރެވޭނެ!
 
އަސްތައް ބެލެހެއްޓުމަށް ޚާއްސަ ވެޓެއްވެސް ވަނީ ގެނެސްފައި
 
މިއީ އައްޑޫސިޓީ ފޭދޫއަށް ނިސްބަތްވާ 2 ޒުވާނެއްގެ މަސައްކަތް
 
ހުރިހާވެސް ބޭނުމަކީ ރައްޔިތުންނަށް ތަފާތު ތަޖުރިބާއެއް ކުރުމުގެ މަގުފަހި ކޮށްދިނުން

ފާއިތުވި ހަފްތާއެއްހާ ދުވަހު ދިވެހި މީސްމީޑިއާގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ އައްޑޫސިޓީއަށް އަސްތަކެއް ގެންނަންއުޅޭ ވާހަކައެވެ. އެހިސާބުން އާންމު ރައްޔިތުންގެ ތަފާތު އެކި ޝުއޫރުތައް ބަންޑުން ކުރަމުން ދިޔައިރު، އެއް ބަޔަކު ބުނަމުންދިޔައީ އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ. ރާއްޖެފަދަ ތަނެއްގައި އަސްތަކެއް ގެންގުޅޭނީ ކިހިނެއްހޭ ސުވާލު އުފެއްދި މީހުންވެސް މަދެއް ނޫނެވެ. އަނެއް ބައެއްގެ ކަންބޮޑުވުމަކަށްވީ، ރާއްޖެއަށް އަސްތަކެއް ގެނެސް ގެންގުޅޭނީ ކިހިނެއްތޯއެވެ. އެސޮރުމެންނަށް ބޭނުންވާ ފަރުވާއާއި ވެޓެރިނަރީ ޚިދުމަތް ފޯރުކޮށްދޭނީ ކިހިނެއްތޯއެވެ. ހަމަ އެއާއެކު، އަސްތައް ގެންނަނީ ދައުލަތުގެ އިދާރާތަކުގެ ހުއްދައާއެކުތޯ މީވެސް އެތައް ބަޔަކު އުފައްދަމުން ގެންދިޔަ ސުވާލެކެވެ. ޔަޤީންވާ އެއް ކަމަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ އުޅަނދެއްގައި ރާއްޖެ ގެނައި 3 އަސް އައްޑޫސިޓީއާ ހަމައަށް ހޮނިހިރު ދުވަހުގެ ވަގުތެއްގައި ފޯރާނެ ކަމެވެ. އަދި އާދިއްތަ ދުވަހު އެތަކެތި ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އައްޑޫސިޓީއަށް އަސްތަކެއް ގެނައުމަކީ އަހަރެއްގެ ދިގު މަޝްވަރާއާއި މަސައްކަތުގެ ފޮނި ނަތީޖާއެވެ. އައްޑޫސިޓީ ފޭދޫއަށް ނިސްބަތްވާ 2 ޒުވާނެއްގެ މަސައްކަތެވެ. އައު ކަމެއް ފެށުމުގެ ވިސްނުމާއި ޙިޔާލާއެކު މުޙައްމަދު އަދްލީލް މޫސާ އަދި އަހުމަދު އަޤްލީލް ފެށި މި މަސައްކަތުގައި އެންމެ ފުރަތަމަ ވެސް ވަނީ އަސް ބެލުމާއި، އެ ގެންގުޅުމަށް ޚާއްސަ ވެޓެއް އިނގިރޭސިވިލާތުން ހަމަޖައްސާފައެވެ. އަދި އޭނާ މިހާރު އައްޑޫސިޓީގައި އެބަހުއްޓެވެ.

އެ ދެ ޒުވާނުން ވަނީ "ސަދަރން ސްޓެލިއަންސް" ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކޮށްގެން ސަރުކާރުގެ އެކި އިދާރާތަކާއި މަޝްވަރާކޮށް މިކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް ވެސް ކުރީބައިގައި ނަގާފައެވެ.

އޭގެ އިތުރުން، އަސްތައް ބެއިތިއްބުމަށް ޚާއްސަ ސަރަޙައްދެއް ވެސް ތައްޔާރު ކޮށްފައިވާއިރު، 14000 އަކަފޫޓުގެ މި ތަނުގައި އަސްތައް ދުއްވަން ފަރިތަކުރާނެ ހޯރްސް ރިންގ އަކާއި، އަސްތައް ނިދާނެ ކޮށްޓާއި (ސްޓޭބަލްސް) ގެ އިތުރުން، އެސޮރުމެން ބައިތިއްބަން ޚާއްސަ ޖާގަތަކެއް (ބާރންތައް) ވަނީ ހަދާފައެވެ. އަދި ވިނަ ކެއުމާއި، އެކި ކަންކަމަށް އަސްތައް ދޫކޮށްލާފައި ބާއްވާނެ ޚާއްސަ ސަރަޙައްދެއްވެސް ވަނީ ކަނޑައަޅާފައެވެ. ވިޔަފާރީގެ އުސޫލުން އެކި ޙަރަކާތްތަކަށް އަސްތައް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އާންމުންނަށް ހުޅުވާލުމާއި، އަސް ދުއްވަން ދަސްކޮށްދިނުމާއި، ފޮޓޯ ޝޫޓުތަކުގެ އިތުރުން، ކައިވެނި ޙަފްލާތަކާއި، ރޭސިންގ ފަދަ ކަންކަމަށް ބޭނުން ކުރާނެއެވެ. އަދި އެކަންކަމަށް ޚާއްސަ އަގުތަކެއް ކަނޑައެޅުމަށް ނިންމާފައިވާއިރު، ހުރިހާވެސް ބޭނުމަކީ ރައްޔިތުންނަށް ތަފާތު ތަޖުރިބާއެއް ކުރުމުގެ މަގުފަހި ކޮށްދިނުމާއި، އައްޑޫސިޓީގެ ލޯކަލް ޓޫރިޒަމަށްވެސް އެކަމުގެ ސަބަބުން މަންފާ ކުރުވުމެވެ.

އަސްލު މި އައިޑިއާއަކީ މުޙައްމަދު އަދްލީލް މޫސާގެ އައިޑިއާއެއް، އެހިސާބުން އަހަރުމެން އެކަމުގެ މަޝްވަރާ ފެށީ، މއަހަރެއްވެއްޖެ މިކަމުގެ މަޝްވަރާތައް ކުރާތާ، އަދި އެތައް ބައެއްގެ ޙިޔާލާއި މަޝްވަރާ ހޯދައި، ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެގެން މިކަން ކުރަނީ، އަސްތައް ބެލުމަށް އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން ތިބޭނެ، އަދި އެކަމަށް ޚާއްސަ ވެޓެއްވެސް ހުންނާނެ، އޭނާއަކީ ސަރޓިފައިޑް ހޯރސް ސްޕެޝަލިސްޓެއް،
އަހުމަދު އަޤްލީލް
ސަދަރން ސްޓެލިއަންސް އިން އައްޑޫސިޓީއަށް ގެނެސްފައިވާ އަސް - ރާއްޖެއެމްވީ

މިކަމުގައި އިސްކޮށް ޙަރަކާތްތެރިވާ އެކަކު ކަމަށްވާ އަޤްލީލް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ، މައިގަނޑު އަމާޒަކީ އާންމު ރައްޔިތުންނަށް އަސްތައް ދައްކާލައި، އާންމު ރައްޔިތުންނަށް ވެސް ހުޅުވާލައިގެން މިކަމާ ގުޅޭ ޙަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މިވަގުތު 3 އަސް ގެނައި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު އަސްތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ މައުލޫމާތު ދެއެވެ. އެގޮތުން މިހާރު ގެނެސްފައިވާ އަސްތަަކަށް ދީފައިވާ ނަމަކީ "އަސްލަން" ، "ޖިއާ" އަދި "ސޯފީ" އެވެ.

އައްޑޫސިޓީ ރައްޔިތުންނަށް ތަފާތު ތަޖުރިބާއެއް ކޮށްލައި، ސިޓީއަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ފަށާފައިވާ މި މަސައްކަތުގެ ދަށުން، ސަދަރން ސްޓެލިއަންސްއިން ގެންދަނީ ކުރިއަށް އޮތް ތަނުގައި އައްޑޫގައި ވެޓެރިނަރީ ކްލިނިކެއް ހުޅުވުމަށްވެސް މަޝްވަރާ ކުރަމުންނެވެ. އޭގެ ސަބަބުން ތަފާތު އެކި އޮޅު ޖަނަވާރު ގެންގުޅޭ ފަރާތްތަަކަށްވެސް އެތަނުން ޚިދުމަތް ލިބިގެންދާނެ މަގުފަހިވެގެން ދިއުމަކީ އެ ކުންފުނީގެ އަމާޒެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
15%
67%
2%
7%
7%
2%
ކޮމެންޓް
7 މާރޗް 2021 | އާދީއްތަ 16:22
އަލްކޮ
ތި އަސްތަކަށް ދިވެހި ނަން ނަން ކިޔާލިނަމަ......
7 މާރޗް 2021 | އާދީއްތަ 15:41
އަސް ތަކުގެ މަންމަ
މަގޭ ދަރިންނަށް ރަނގަޅަށް ކާންދީ އެކުދިންނަށް އޯގާތެރިވާތި!
6 މާރޗް 2021 | ހޮނިހިރު 23:53
gA
މާލެއަށް ނުކުރެވި އޮތް ކަމެއް ފުރަތަމަ ފަހަރު އައްޑޫ ސިޓީއަށް ކުރެވިއްޖެ. މިހާރު މާލޭ މީހުން ވވވވވ ޖޭ ވާނެ.
6 މާރޗް 2021 | ހޮނިހިރު 19:08
އައްޑޫޕޫރަމް
އިންޑިޔާގެ އަވަށެއް، ކައިވެނި ހަފްލާތަކުގައި އަsސްގާޑިޔާ ދުއްވަންޖެހޭނެ!