ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 14:40
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުކުރެވޭ
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުކުރެވޭ
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ ލިބިފައިވާ މެމްބަރުންގެ ނަން ހާމަނުކުރަނީ ކީއްވެކަން އެނގޭތޯ؟
 
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ
 
ދައުވާ ކުރެވޭ ފަދަ ހެއްކެއް ނުލިބޭ ނަމަ އެކަން ނުކުރާނެ
 
ރަނގަޅު މުއާމަލާތް ކޮށްފައި ތިބި ފަރާތްތައް އެބަހުރި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޝާމިލްވާ ފަރާތްތައް ދެނެގަނެ ރައްޔިތުންގެ ފައިސާއިން ހިޔާނާތްތެރިވި މީހުން ގާނޫނޫގެ ކުރިމައްޗަށް ގެންނާނެކަމުގެ ވައުދަކީ އިންތިހާބު ދުވަސްވަރުގައި އެންމެ އަޑުހަރުކޮށް ދެކެވެނު އެއް ވާހަކައެވެ. ސަރުކާރަށް ދެ އަހަރު ވާން ކާރިވެފައިވާއިރު، މި މައްސަލަތަކުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވާކަމަށް ގަބޫލު ކުރަން ދައްޗެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ވިދާޅުވި ގޮތަށް، ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތެއް ހިންގި ޖަލަށް ލެވުމަކުން އިންސާފު ލިބުނު ކަމުގައި ނުބެލެވޭނެއެވެ. ހަމަ ޔަގީނުން ވެސް އެ ހުރިހާ ފައިސާއެއް ލިބުނީ ރައީސް ޔާމީންއަށް އެކަނި ނޫންކަން ކަށަވަރެވެ. މިކަމާއި ގުޅިގެން ދުރުނޫން މާޒިގައި ދެކެވިފައި ހުރި ވާހަކަތަކުން ފަށަމާ ހިނގާށެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭރު ވެސް ބުނަމުން އައީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އިންސާފުގެ ވާހަކަ ދެކެވޭއިރަށް ރައްޔިތުން ސުވާލު އުފައްދަނީ މިހުންނަ ކަންތައްތަކާއި ގުޅިގެންނެވެ. ރައްޔިތުން ދެކޭ ގޮތުގައި އެ މައުލޫމާތު ހާމަކުރެވެން ވާނެއެވެ. ތަހުގީގު ފުރިހަމަކުރުމަށް ފަހު ނޫނީ މި މައުލޫމާތު ހާމަކުރެވެން ނެތީ، މި ފައިސާ ދައުރުވީ ގޮތަށް ބަލާއިރު އޭގެ ތެރޭގައި ސައްހަ މުއާމަލާތްތަކެއް ކޮށްފައިވާ ފަރާތްތަކެއް ހިމެނޭތީ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މެމްބަރުން ކޮށްފައިވަނީ ކޮންކަހަލަ މުއާމަލާތެއްތޯ ބަލާއިރު، މި ބުނާ ސައްހަ މުއާމަލާތްތަކުގެ ތެރޭގައި ވިޔަފާރީގެ ބޭނުންތަކަށް އެ ފައިސާއިން ރަނގަޅު މުއާމަލާތް ކުރުމަށް ފަހު، ދައްކަންޖެހޭ ޓެކްސްގެ ފައިސާ ދައްކާފައިވާ ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި އެ ފައިސާއިން ޑޮލަރު މާރުކޮށް ކުރި ވިޔަފާރީގެ މުއާމަލާތްތަކާއި އެ ފައިސާއިން ކުރި ކަންތައްތަކާއި އެ ފައިސާ މާރުކޮށް ކުރި ވިޔަފާރިއަށް ބާރުދޭ ލިޔެކިޔުން އެބަހުރި ކަމަށްވެއެވެ. މިއީ ކަމާބެހޭ އިދާރާތަކުން ފާހަގަކުރާ، "ހެޔޮ ނިޔަތުގައި" އެމްއެމްޕީއާރްސީގެ ފައިސާއިން މުއާމަލާތް ކޮށްފައިވާ ފަރާތްތަކެވެ.

ހިޔާނާތުގެ ލިސްޓުގައި ތަފާތު ސިޔާސީ ވެރިން ހިމެނޭ އިރު އޭގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޑީއާރްޕީ އަދި ތަފާތު ސިޔާސީ ވިސްނުމަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނޭ ކަމަށް މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މިހާރުގެ މެމްބަރުންނާއި ކުރީގެ މެމްބަރުންވެސް ހިމެނޭ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވާއިރު، ސާބިތުކުރެވޭ ވަރަށް ހެކިހުރެ އަދި އެކަމުގައި ގޯހެއް އޮތްކަން ގަބޫލުކުރެވޭ ކަމުގައި ވާނަމަ، މިހާރުގެ މިނިސްޓަރަކަސް، މަޖިލިސް މެމްބަރަކަސް ދައުވާ ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމުގައި ކުރީގެ ސަރުކާރުގެ ބަޔަކަށް ވިޔަސް އަދި މި ސަރުކާރުގެ ބަޔަކަށް ވިޔަސް އިސްތިސްނާ ކުރުމެއް ނޯންނާނެ ކަމަށާއި، ދައުވާ ކޯޓަށް ހުށަހެޅުމަށް ޖެހިލުން ނުވާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. އަދި މައްސަލައިގައި ސަރުކާރުން ނުވަތަ އެހެންވެސް ގޮތަކުން އެއްވެސް ނުފޯޒެއް ފޯރުވާނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޕީޖީ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

މިކަމުގައި ބަޔަކު ނުރުހުނަސް އެއިރު ކަންތައް ކުރި ގޮތާއި މިހާރާއި ހާސްބައި ތަފާތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރައީސް ޔާމީންގެ ދައުރުގައި ހިންގި ގިނަ ކަންތައްތަކެއް ފޮރުވުމުގައި އަދި ދައުވާ ކުރުމުގައި ވަކި ކޮޅަކަށް ޖެހޭކަމަށް ތުހުމަތު ކުރެވުނު ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތް ބިޝާމްގެ ސިޔާސަތުތައް އެހާމެ ތަފާތެވެ. ހެއްކަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކުރެވޭ ވަރަށްވެސް މަސައްކަތް ނުކުރެވުން ހިމެނެއެވެ.

މިހާރު މި މައްސަލައިގެ ތަހުގީގުތައް ބާރު ސްޕީޑުގައި ކުރިއަށް ނުދާނަމަ، ރައްޔިތުން ކަންބޮޑުވާނެއެވެ. ހިޔާނާތްތެރިވީ ރައްޔިތުންގެ ފައިސާއަށެވެ. ހިޔާނާތްތެރިވީ އެތައް ދިވެހި ދަރިންނެއްގެ މުސްތަގުބަލުގެ ތަރައްގީއަށް ހަރަދުކުރަން ހުރި، ދިވެހި ދައުލަތުގެ ފައިސާއަށެވެ. ސައްހަ މުއާމަލާތްތަކެއް ކުރެވިގެން އެއް ބަޔެއްގެ ނަން ހާމަނުކުރެވެނީނަމަ، އެ ބަޔަކު ދެނެގަނެ ވަކި ކުރުމަށް ފަހު، ސައްހަ ނޫން މުއާމަލާތް ކުރި ބަޔަކު ވަކިކުރަން ވެއްޖެއެވެ. ރައްޔިތުންގެ އެއަކަށް އަމަލުކުރުން ލާޒިމް ގާނޫނުތައް ހަދާ މަޖިލިހުގައި، ރައްޔިތުންނަށް އެވަރުގެ ބޮޑު ހިޔާނާތެއް ވެފައި ތިބި ހަމަ އެކަކުވެސް، އެ މަޖިލިހުގައި އިތުރު އެންމެ ހިނދުކޮޅަކު ވެސް ހުންނަން ހަމަ އެކަކުވެސް ބޭނުން ނުވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
4%
13%
0%
75%
8%
0%
ކޮމެންޓް
5 ޖުލައި 2020 | އާދީއްތަ 22:05
ޢަހާނަމަ
ޙެޔޮނިޔަތާއި ގަވައިދުވެސް އޮޅިއްޖެ. ޑޮލަރު މާރުކުރީ އެކަމަށް ހުއްދައޮތް ފަރާތަކުންބާ ؟؟؟ ކުއްވެރިވަނީ ނިޔަތް ގޯސްވީމަބާ؟؟؟ ނޫނީ ކުރާ ކަމަކުންބާ؟؟؟؟ އެމްޑީޕީގެ ތެދުވެރިކަން މިފަހަރު ފެންނާނެ... މިހާރު ކުޑަކޮށް ފެންނަންވެސް ފަށައިފި... މިސާލަކަށް ސަފާރީގެ ރޭޕްކޭސް...