ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 16:09
ވުހާން ސިޓީ ލޮކްޑައުންކޮށްފައި އޮތްއޮތުން ނިމުމަކަށް އައުމުން މީހުން ވަނީ ދަތުރުކުރަން ފަށާފައި
ވުހާން ސިޓީ ލޮކްޑައުންކޮށްފައި އޮތްއޮތުން ނިމުމަކަށް އައުމުން މީހުން ވަނީ ދަތުރުކުރަން ފަށާފައި
ނިއުޔޯކް ޓައިމްސް
ކޮވިޑް-19
ވުހާން ލޮކްޑައުންކޮށްފައި އޮތްއޮތުން ނިމުމަކަށް އައުމާއެކު ފުރަތަމަ ދުވަހުވެސް 620,000 މީހުން އެކިތަންތަނަށް ދަތުރުކުރި
 
52،000 މީހުން ބުދަ ދުވަހު ވުހާން ސިޓީން ބޭރަށް ގޮސްފައިވޭ
 
336،300 މީހުން ސަބްވޭތަކުން ދަތުރުކޮށްފައިވޭ
 
އެސިޓީގެ 624،300 މީހުން ވަނީ ދަތުރުފަތުރުގެ އެކި ނިޒާމުތައް ބޭނުންކޮށްގެން އެކިތަންތަނަށް ދަތުރުކޮށްފައި

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީ ލޮކްޑައުން ކޮށްފައި އޮތްއޮތުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ނިމުމަކަށް ގެނައުމާއެކު އެދުވަހު އެކަނިވެސް އެގައުމުގެ 620،000 ށް ވުރެ ގިނަ މީހުން އެއް ތަނުން އަނެއްތަނަށް ދަތުރުކޮށްފައިވާކަމަށް އެސިޓީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ވުހާން ސިޓީ ލޮކްޑައުން ކޮށްފައިވާއިރު އެސިޓީ ހުޅުވާލާފައިވަނީ 76 ދުވަސް ފަހުންނެވެ. އެއާއެކު އެސިޓީގެ 624،300 މީހުން ވަނީ ދަތުރުފަތުރުގެ އެކި ނިޒާމުތައް ބޭނުންކޮށްގެން އެކިތަންތަނަށް ދަތުރުކޮށްފަ އެވެ. ވުހާން ސިޓީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނެފައިވަނީ 346 ބަހާއި ބޯޓު އަދި 7 ސަބްވޭ ލައިން އާއި ޓެކްސީތައްވެސް ބުދަ ދުވަހު އަލުން ޚިދުމަތްތައްދޭން ފަށާފައިވާކަމަށެވެ.

އެސިޓީގެ ޕަބްލިކް ޓްރާންސްޕޯޓް ބުދަ ދުވަހުގެ މެންދަމު 5 ން ފެށިގެން ހަލައްކައަށް ވުރެ ގިނަ މީހުން ބޭނުންކޮށްފައިވާއިރު 184،000 މީހުން ބޭނުންކޮށްފައިވަނީ ދަތުރުކުރުމަށް ބަހެވެ. އަދި 336،300 މީހުން ސަބްވޭތަކުން ދަތުރުކޮށްފައިވާއިރު 104،000 މީހުން ޓެކްސީގެ ޚިދުމަތް ހޯދާފައިވާކަމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނެއެވެ.

މީގެއިތުރުން ވުހާން ސިޓީ ބަންދުކޮށްފައި އޮތްއޮތުން ބުދަ ދުވަހު ނިމުމަކަށް ގެނައުމުން އެސިޓީއަށް މީހުން ވަދެ ނިކުމެފައިވެސް ވެއެވެ. އެގޮތުން 52،000 މީހުން ބުދަ ދުވަހު ވުހާން ސިޓީން ބޭރަށް ޓްރެއިންގަޔާއި ބަހުގައި އަދި ވައިގެ މަގުން ދަތުރުކޮށްފައިވެ އެވެ. އަދި 31،000 މީހުން ވަނީ ވުހާން ސިޓީއަށް އެދުވަހު ވަދެފަ އެވެ.

ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވުހާން ސިޓީ ލޮކްޑައުންކުރިއިރު ޗައިނާއިން ވައިރަސް ކޮންޓްރޯލްކޮށްފައިވަނީ ވުހާން ސިޓީ ނިސްބަތްވާ ހޫބޭ ޕްރޮވިންސް އެއްކޮށް ލޮކްޑައުންކޮށްގެންނެވެ. މީގެކުރިން ހޫބޭ ޕްރޮވިންސްގެ ލޮކްޑައުން ނިމުމަކަށް ވަނީ ގެނެސްފަ އެވެ. ނަމަވެސް ވުހާން ސިޓީގެ ލޮކްޑައުން ނިމުމަކަށް ގެނައީ އޭގެ ދުވަސްތަކެއް ފަހުން ނަމަވެސް އަދިވެސް ޗައިނާގައި އަންނަނީ ވައިރަސް އިން ރައްކާތެރިވުމަށް މާސްކް ފަދަ ތަކެތި މީހުން ބޭނުންކުރަމުންނެވެ.

ޗައިނާގައި މިވަގުތު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަދިވެސް ކޮންމެސް ވަރަކަށް ޗައިނާއަށް އެތެރެވާ މީހުންގެ ފުށުން ވައިރަސްއަށް ޕޮޒިޓިވްވެގެން އަންނަނީ ރިޕޯޓްތައް ކުރަމުންނެވެ. އެގޮތުން ރަޝިޔާއިން އަންނަ އެގައުމުގެ ރައްޔިތުންގެ ގައިން ވައިރަސް ފެންނަމުންދާކަމަށް އެގައުމުން ބުނެއެވެ. އަނެއްކޮޅުން ވައިރަސް ހަށިގަނޑުގައި ހުރިކަން ނޭންގި ވައިރަސްއަށް ޕޮޒިޓިވް ވާ މީހުންވެސް ޗައިނާއިން އަންނަނީ ފެންނަމުންނެވެ. އެހެންކަމުން ޗައިނާއިން އަންނަނީ އެކަންކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް