ހޯމަ 30 މާރޗް 2020
05 ރޭވަ
1441 ޝައުބާން 06
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:13
މަޣްރިބް 18:17
އިޝާ 19:28
ރިޕޯޓު - އައްޑޫ ރައްޔިތުން، ފޯރުކޮށްދިން އެހީގެ އަތް

ފަރުވާއަށް އައީ ކޮންރަށެއްގެ ކާކުތޯ ނާހައި މެހުމާންދާރީގައިހުރެ، ހިލޭ ބޭސްކޮށްގެންދާށެވެ!

  • "އައްޑޫ ސިޓީ"ގެ އޭރުގެ ރައްޔިތުންނަކީ، އެ ޒަމާނުގައި އެންމެ ތަނަވަހުގައި އުދުހުނު މީހުން
  • އެ ދުވަސްވަރު އައްޑޫ ރައްޔިތުން ބޭނުންކުރަނީ ޕައުންޑް
  • ކޮންމެ ރަށަކުން އައި މީހެއްކަމުގައި ވިއަސް އެމީހަކު އެ އައި ސިއްޙީ މުހުތާދެއް ފުއްދި

މުހައްމަދު އާދަމް ސަލީމް
adam_saleem

ކ. މާލެ 25 މާރޗް 2020 | ބުދަ 11:14 18,005

އައްޑޫ ގަމުގައި އިނގިރޭސިން ހިންގި އާރު.އޭ.އެފް މެޑިކަލް ސެންޓަރ - ރާއްޖެއެމްވީ

އިނގިރޭސިވިލާތުގައި ކިޔަވަންހުރި ދިވެއްސަކަށް، އެއްދުވަހަކު ލިބޭ ދަޢުވަތަކީ، ކޭބަލް އެންޑް ވަޔަރލެސް ކުންފުނީގައި، މެޑިކަލް އޮފިސަރެއްގެ މަޤާމުގައި ހުންނެވި، ޑރ. ސުލައިމާންގެ ގޭގައި އޮތް މެންދުރުގެ ކެއުމެއްގައި ބައިވެރި ވުމުގެ ދަޢުވަތެވެ.

މި ދަޢުވަތަށް އެގެއަށް އޭނާ ދިޔަހިނދު، ޑރ. ސުލައިމާނުގެ ގޭގެ ފެންޑާގައިހުރި ފޮތް ހަރުތަކުން، ދައްކައި އެލަނީ، އުފާވެރި ކޮންފަދަ މަންޒަރެއް ހެއްޔެވެ؟

މި ފެންޑާގެ ހަރުތަކުން ފެންނަމުން އެދަނީ، އައްޑޫ އަތޮޅުގެ ޗާޓު ކަނޑާނަގައި، ބިންވަޅު ނަގައިފައިހުރި ކާއްޓެވެ. ރާއްޖެއިން އެދުވަސްވަރު ފެންނާންހުރި ބޮލިތަކެވެ. ދިވެހީންގެ އަތު މަސައްކަތާއި އަތްތެރި މަސައްކަތް ދައްކުވައިދޭ ސާމާނެވެ. ލިޔެފެންކޮށްފައި ހުރި، އަސާތަކާއި ސަންގެވެ.

ދިވެހިރާއްޖޭގެ ހަނދާންތަކުން، ޑރ. ސުލައިމާނުގެ ފޮތް ހަރުގަނޑު ޒީނަތްތެރި ކޮށްފައި އެވަނީ، އޭނާގެ ޒުވާން ޙަޔާތުގެ ސަފުޙާއަކުންނޭ ދެންނެވިދާނެއެވެ. މި ފެންނަ ހުރިހާ ތަކެއްޗަކީވެސް، ޑރ. ސުލައިމާން، ގަމުގައި ކޮށްދިން، ސިއްޙީ ޚިދުމަތުގެ، ޝުކުރެއްގެ ގޮތުން، އޭނާ ފަރުވާދިން ދިވެހީން، އޭރު ހަދިޔާކޮށްފައި ހުރި ތަކެއްޗެވެ. އޭރު އެ ގޭގައި އެ މަންޒަރު ދެކެން އެ އިންނެވީވެސް، ސުލައިމާނާއެކު، ގަމުގެ ހަސްފަތާލުގައި ޚިދުމަތުގައި އުޅުއްވި ދިވެއްސެކެވެ.

ޑރ. ސުލައިމާނުގެ ފެންޑާއިން، ފެންނަމުން އެދާ، ދިވެހި އުފެއްދުންތަކާއި ރާއްޖޭގެ މަޝްހޫރު ބޮލިތަކަކީ، އައްޑޫ ގަމުގައި އިނގިރޭސިން ހިންގި، " އާރު.އޭ.އެފް މެޑިކަލް ސެންޓަރ" ގައި، އޭނާ އެތައް، ދިވެއްސަކު އޮޕަރޭޝަން ކޮށްދީ، ފުރާނަ ސަލާމަތް ކޮށްދިނީތީ، ދިވެހިން އެޒަމާނުގައި، ޝުކުރު އަދާކުރުމުގެ ގޮތުން ދީ އުޅުނު ހަދިޔާއެވެ. މިއީ، ސުލައިމާނަށް އޭނާގެ މާޒީން ހިތްހަމަ ޖެހުން ގެނުވާ ހަނދާން ތަކެކެވެ.

މިދެންނެވި ފެންޑާއިން އެ ފެންނަ މަންޒަރުގެ ތެރެއިން ސިފަކުރެވޭތޯ މި ބަލަނީ، އައްޑޫ އަތޮޅު ގަމުގައިހުރި، އިނގިރޭސިންގެ "އާރު.އޭ.އެފް މެޑިކަލްސެންޓަރ" ގެ ދުވަސްވަރެވެ. އެއީ، އެދުވަސްވަރު ދިވެހިރާއްޖޭގައި، ހޭނައްތައިގެން އޮޕަރޭޝަން ކުރެވެން އޮތް ހަމައެކަނި ހަސްފަތާލެވެ.

އާރު.އޭ.އެފް މެޑިކަލްސެންޓަރުގައި، ތިއޭޓަރަކާއި، އެކްސްރޭ ރޫމަކާއި، ލެބޯޓަރީއަކާއި, ޕާމަސީއެއް ހުރެއެވެ. ފުރިހަމަ ހޮސްޕިޓަލެއްގެ ޚިދުމަތް ދެވެންހުރި މި މަރުކަޒުގައި ސާޖަނުންނާއި ފިޒިޝަނުންނާއި، އަދި ހޭނައްތާ ޑޮކްޓަރުންވެސް އޭރު ތިބެއެވެ.

ޑޮކްޓަރުންތަކެއް އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ

ތިންސަތޭކަ ފޫޓާއި، ދުއިސައްތަ ފޫޓުގެ ބޮޑުމިނުގައި، ޓީއަކުރެއްގެ ބައްޓަމަށް ހަދައިފައިހުރި މި ހަސްފަތާލުގައި، އޮޕަރޭޝަނަށްފަހު، "ޕޭޝަންޓު" ނެރެ، ބާއްވާނެ "ރެސްޓު ރޫމް" އާއި "ވޯޑެއް" ހުރެއެވެ. އެހެން ކަމުން، ހއ.ން ފެށިގެން ސ. ގަމާއި ހަމައަށް، އެތުރިފައިވި ރަށްތަކުގެ ރައްޔިތުންނަށް، ސިއްޙީ ގޮތުން ބޮޑުކަމެއް ދިމާވެއްޖެނަމަ، އޭރު ދާން އޮތް ހަމައެކަނި ތަނަކީ މިއެވެ. ސުވާލަކީ، މިދެންނެވި ދުވަހު، ދިވެހި ރައްޔިތުންނަށް އައްޑޫ ރައްޔިތުން ދިއްކޮށްލި އެހީގެ އަތަކީ، ކިހައި ދީލަތި އަތެއް ތޯއެވެ؟

މިދެންނެވި ދުވަސްވަރުގައި ދިވެހީންގެ ތެރޭގައި ،ހަކުރު ބަލީގެ މީހުންވެސް ތިއްބެއްކަމަކު، އެއީ ހަކުރުބަލިކަން ކަށަވަރު ކުރާނެ ޓެސްޓެއް، މިބުނާ ތަނުގައި ނޫނީ ހެދޭކަށް ނެތެވެ. ފޫޅުމައިން ދިވެހި ކަނބަލުން ވިއްސުމުގެ ތެރޭގައި ލިބިފައިވި އެކިވަރުގެ އަނިޔާ ތަކަށް، ފަރުވާއެއް ލިބޭނެ، މިނޫން ތަނެއްވެސް ނެތެވެ. އަމްދުން "ސިޒޭރިއަން" ހެދޭނެ އެނޫން ތަނެއްވެސް ނެތެވެ.

އެހެންކަމުން ކިތަންމެ ދިވެއްސަކު، ހާނިއާ އޮފަރޭޝަނާއި، ކަށީގެ އޮޕަރޭޝަނާއި، އެޕެންޑިކްސް އޮޕަރޭޝަންފަދަ، ކިތަންމެ ޚިދުމަތެއް ބޭނުންވެފައި ތިއްބެއްކަމަކު، ދާން އޮތް ހަމައެކަނި ތަނަކީ މިއެވެ. އެކަމަކު އެތަނުން، ޑޮކްޓަރަށް ދައްކަން ދުވާލަކު ދޫކުރަނީ އެންމެ 18 ނަންބަރެވެ!

ސުވާލަކީ، ސިއްޙީ އެތައް މުހުތާދެއް އޮތް ދިވެހި ރައްޔިތުން، މި 18 ނަންބަރުގެ ނަސީބު ވެރިންގެ ގޮތުގައި ވެގެން ދިޔަ ގޮތެވެ. މުޅި ދިވެހިރާއްޖޭގެ އެތަންމިތަނުން، ބައްތެލި ފަހަރުގައި ދަތުރުކޮށް، އައްޑޫއަށް ސިއްޙީ ފަރުވާއަށް ފައިބަން މެދުވެރިވި ގޮތެވެ. އަދި އެ 18 ނަންބަރުގެ ތެރޭގައި، ހއ.ން ފެށިގެން، އައްޑޫއާއި ހަމައަށް އޮތް، އެތައް ރަށަކަށް ނިސްބަތްވި، ދިވެހިން ހިމެނިގެން އެދިޔަ ގޮތެވެ. މި ކަންކަމުގެ ފަހަތުގައި ފޮރުވިފައިވި ސިއްރަކީ، ކޮބައި ހެއްޔެވެ؟

މިއަދުގެ ޢިބާރާތުންނަމަ، "އައްޑޫ ސިޓީ"ގެ އޭރުގެ ރައްޔިތުންނަކީ، އެ ޒަމާނުގައި އެންމެ ތަނަވަހުގައި އުދުހުނު މީހުންނެވެ. މަޖާޒީ ގޮތެއްގައި ދެންނެވެން އޮތީ، މިދެންނެވި ޢިބާރާތުންނެވެ. އޭރުވެސް އެމީހުންނަކީ، އުފާވެރި ޙަޔާތެއްގައި ދިރިއުޅުމުގެ ނަސީބު ލިބިފައި އޮތް ރައްޔިތެކެވެ.

މުޅި އަތޮޅުގެ ގާތްގަނޑަކަށް 900 ރައްޔިތުންނަކީ، އިނގިރޭސިންގެ އެކިވަރުގެ ވަޒީފާތަކުގައި، އޭރު ތިބި މީހުންނެވެ. އެމީހުންނަށް މުސާރަ ލިބެނީ " ސްޓާރލިން ޕައުންޑު"ންނެވެ. އެހެންކަމުން، ރަށުތެރޭގެ ފިހާރަ ތަކުން ވިޔަފާރިކޮށް އުޅުމުގައިވެސް، އެ ދުވަސްވަރު އައްޑޫ ރައްޔިތުން ބޭނުންކުރަނީ ޕައުންޑެވެ! ހާފްކުރޯންއެވެ.ޕެންސެވެ. މިއީ ހައްތާވެސް އިނގިރޭސިންގެ ފައިސާއެވެ.

ބައެއް މީހުންނަށް ހަފްތާއަކު 50 ޕައުންޑުވެސް ލިބެމުންދިއަ، މި ދެންނެވި ރައްޔިތުންނަށް ޚާއްސަ ގޮތެއްގައި، ގަމުގައި ހުންނަ ފިހާރަތަކުން، ބޭނުން އެއްޗެއް ގަނެވެން އޮތެވެ.

އެމީހުންނަށް އޮރެންޖާއި އާފަލާއި،"ފިޒީޑްރިންކްސް"ގެ ބުއިންތަކާއި،މެޓާ އަދި ބިސްކޯދާއި، މީގެ އިތުރުން ޗޮކްލެޓާއި ، ގަލަމާއި ފޮތާއި، މިފަދަ ކިތަންމެ ތަކެއްޗެއް، ގަންނަން ލިބެއެވެ. އެހެން ކަމުން އެމީހުންގެ ދިރިއުޅުމުގައި ފެންނާން އެ އޮތް، އުސްއަކުރު ޒަމާނަކީ، ރާއްޖޭގެ އެހެން ބަޔަކަށް، އޭރު ލިބިފައިވި ޒަމާނެއް ނޫނެވެ. ނަސީބެއް ނޫނެވެ.

އައްޑޫ ރައްޔިތުން

ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ވިއްސަކަށް އަހަރު އައްޑޫ ރައްޔިތުން އިނގިރޭސިންގެ ވަޒީފާގައި ޙަޔާތް ވޭތުކުރިއެވެ. މިދެންނެވި ތިޔާގިކަމާއި ތަނަވަސްކަމާއި، ތަރައްޤީއާއި ކުރިއެރުން އޮތް ނަމަވެސް، އައްޑޫ ރައްޔިތުންގެ ކިބައިން ފެނުނީ ބޮޑާކަމާއި ކިބުރުވެރި ކަމެއް ނޫނެވެ. ހިތްހެޔޮކަމާއި އޯގާތެރި ކަމެވެ. މިހައިތަނުން، ކިއުންތެރިއާ ލިއުންތެރިއާއަށް، ކުރިމަތިކުރާނެ ސުވާލަކީ، އެ، ހެކި ތަކަކީ ކޮބައިހެއްޔެވެ؟

މިދެންނެވި ޒަމާނުގައި، ބޭސްފަރުވާއަށް، އައްޑޫ ރައްޔިތުންގެ މެހުމާންދާރީއަށްދިޔަ، ކޮންމެ ދިވެހި ރައްޔިތަކަށް، އެމީހުންގެ އަމިއްލަ ގެދޮރުގައި ދީފައިވި މެހުމާންދާރީ އަކީ، ކިއުންތެރިއާ އުފައްދާނެ ސުވާލުގެ ސާފު ޖަވާބެކެވެ. އެ ޢަޖައިބެއްފަދަ ލޯތްބާއި އޯގާތެރިކަމުގެ މިސާލަކީވެސް އަނެއް ޖަވާބެވެ.

އެއްވެސް ދިވެއްސެއްގެ އަތުން ޚިދުމަތުގެ އަގު ލިބިގަތުމަކާއި ނުލައި، ހިލޭސާބަހަށް ފޭދޫން ފެށިގެންގޮސް ހިތަދޫއާއި ހަމައަށް، ކޮންމެ ގެއެއްގައިވެސް، ދިވެހީން ބައިތިއްބައި ދިނެވެ. އެމީހުން އެ އައި، ސިއްޙީ ޚިދުމަތެއް ނިމިގެން އެނބުރި ރަށަށް ފުރުމާއި ހަމައަށެވެ.

އެހެން ކަމުން ކިއުންތެރިއާއަށް، ކުރަހައިދެމުން މިގެންދާ 1960ން ފެށިގެން ފަހަތަށް ހިނގަމުން އެ އަންނަ މާޒީގެ ތަސްވީރަކީ، ހަމައެކަނި ހިރަފުހާއެކުވެ ގޮސްފައިވި، ހަނދާންތަކެއް ނޫނެވެ. ކިތަންމެ ދިވެއްސެއްގެ ހިތުގައި، މިއަދުވެސް ބިންވަޅު ނެގިފައިވި ، ހަނދާން ތަކެކެވެ.

އައްޑޫ ގަމާއި ހިތަދޫގެ ބިމުން 110 އޭކަރުގެ ބިން، އިނގިރޭސިންނަށް، 100 އަހަރަށް ކުއްޔަށްދެއްވި، އެއްބަސްވުމުގެ ފުރަތަމަ ދެލިކޮޕީ، ލިއާން މެދުވެރިވި ފަރާތަކީ، އޭރު ރާއްޖޭގައި ހުންނެވި ބޮޑުވަޒީރު ފާމްދޭރި ކިލެގެފާނެވެ. ނަމަވެސް އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ރަސްމީކޮށް މި އެއްބަސްވުން ބަލައިގަންނަން ފާސްކުރަން ހުށަހެޅުވުނު ވަގުތަކީ، ޙައްސާސް ސުވާލުތަކެއް ކުރިމަތިވި ދަނޑިވަޅެކެވެ.

ފުރަތަމަ ކަމަކީ، އޭރު ހުންނެވި ރަދުންނަށް މިކަން އެނގިވަޑައިގެންފައި ނެތްކަމެވެ. ކޮންމެއަކަސް 1953ން ފެށިގެން އަމަލު ކުރުމަށް ލިއެވުނު މި އެއްބަސްވުން ފާސްވެގެން ދިއުމުގެ ނަތީޖާއަކަށްވީ ގަން އިނގިރޭސިންނަށް ކުއްޔަށް ދިނުމެވެ. 15 ޑިސެމްބަރު 1956 ގައި މި އެގްރިމަންޓުގައި ސޮއި ކުރުމާއި ހަމައިން، ގޭން އެއަރޕޯޓުގެ މަސައްކަތް ފެށުމެވެ. މިކަމަށްޓަކައި ގަމުގައި އޭރު ދިރިއުޅުނު މީހުން، ޖެހިގެން އޮތް ފޭދޫއަށް ބަދަލު ކުރުމާއި، ފޭދޫގައި ތިބި މީހުން މަރަދޫގެ ބަޔަކަށް ބަދަލުކުރި ގޮތީ، މި މައުޟޫގެ ވާހަކަ ތަކެއް ނޫނެވެ. އެހެން ކަމުން، އަނެއްކައިވެސް، ކިއުންތެރިޔާ އާއި ހަމައަށް، މި ގެނެސްދެނީ، ކުރަހަމުން މި ގެންދާ ޓީ އަކުރެއްހެން ސިފަކުރެވޭ ހޮސްޕިޓަލުގެ ޒަމާނެވެ.

ކުރީން އަޅުގަނޑު ދެންނެވި ހޮސްޕިޓަލުން، ޑޮކްޓަރަށް ދައްކަން ކޮންމެ ދުވަހަކު، އެ ދޫކުރާ 18 ސްލިޕަކީ، އެ ހާލަތުގައި ރަންކިލޯއެއް، ދިވެއްސަކަށް ލިބުމަށްވުރެ، އަގުބޮޑު އެއްޗެކެވެ. އެހެން މިދެންނެވީ، އެ ސްލިޕުގެ ޒަރީޢާއިން، ހިލޭ ޑޮކްޓަރަށް ދެއްކި، ކުރާންޖެހޭ އޮޕަރޭޝަނެއް ހިލޭ ކުރެވި، ހިލޭ ބޭސްވެސް ލިބޭތީއެވެ.

މިދެންނެވި "ޖަވާހިރު ސްލިޕް" އެދުވަހު އެއީ، ހަމައެކަނި އައްޑޫ ރައްޔިތުންނަށް ޚާއްސަވާ އެއްޗެއްގެ ގޮތުގައި، ވުމުގެ ބަދަލުގައި، އެމީހުން އެ ސްލިޕު، ސިއްޙީ މުހުތާދެއްގައި އަތޮޅަށް ފައިބެހުރި ކޮންމެ ދިވެއްސަކަށްވެސް ދިނެވެ. ފަރުވާއަށް އައީ ކޮން ރަށެއްގެ ކާކުތޯ؟ ސުވާލުކުރުމެއް ނެތިއެވެ. އެހެން ކަމުން، ތިލަދުންމަތީންވެސް، މެދުރާއްޖެ ތެރޭންވެސް، ހައްދުންމަތިންވެސް އަދި ހުވަދޫ އަތޮޅުންވެސް، ކިތަންމެ ދިވެއްސަކު، މި ޚިދުމަތް ހޯދަން އައްޑުއަށް ދަތުރު ކުރިއެވެ. އެމީހަކު އެ އައި ސިއްޙީ މުހުތާދެއް ފުއްދިއެވެ.

ކިތަންމެ ދިވެއްސެއްގެ ހަނދާންތަކާއި ގުޅިފައިވި، މިދެންނެވި ހޮސްޕިޓަލު ބަންދުވީ، 1965ގައި އާކުރެވުނު، ކުރީގެ އެއްބަސްވުން، އަލުން އިސްލާޙުކޮށް 1965ން 1986ށް، ބަދަލުކޮށްފައި އޮތްވާމެ، އިނގިރޭސިން 1976ގައި، ގަމުން ފައިބަން ނިންމި ހިސާބުންނެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން، އިނގިރޭސިން ދުނިޔޭގެ އެތައް މިތާނގައި ހަދައިފިހުރި، މިފަދަ އަސްކަރީ މަރުކަޒުތައް، ބަންދު ކުރަން ނިންމި ނިންމުމުގެ ނަތީޖާއެވެ.

ގަމުގެ ހޮސްޕިޓަލު

އެހައިތަނުން، މިދެންނެވި ތާރީޚުގައި ގަމުގައިހުރި އިނގިރޭސިވިލާތުގެ ދިދަ ބާލައި، ދިވެހިސަރުކާރުން އެ ރަސްމިއްޔާތަށް ފޮނުއްވި މަންދޫބު، އަލް މަރުޙޫމް ކޮލި އަލީ ޢުމަރު މަނިކާއި، އިނގިރޭސިން އެ ދިދަ، ޙަވާލު ކުރިއެވެ. އޭރު 1965ގައި ރާއްޖެއަށް އޮތީ އިނގިރޭސިން މިނިވަންކަންދީ، އެގްރިމަންޓުގައި ސޮއި ކޮށްފައެވެ.

ގަމުގެ ހޮސްޕިޓަލު ބަންދުވި އިރު، އިނގިރޭސި ސަރުކާރުގެ ފަރާތުން، ދިވެހި ސަރުކާރަށް ކަނޑުމަތީ ހަސްފަތާލު " ގޯލްޑަންރޭ" އޮތީ، ހަދިޔާ ކޮށްދީފައެވެ. އޭގެ އިތުރުން އިނގިރޭސިންގެ ޚަރަދުގައި މާލޭގައި ހޮސްޕިޓަލެއް ޢިމާރާތްކޮށް، ޙަވާލުވެސް ކޮށްފައެވެ. މި ހަސްފަތާލަކީ، މިހާރު އޭޑީކޭ ހޮސްޕިޓަލް އެހުރި ބިމުގައި ކުރިން ހިނގަމުންދިޔަ "ސެންޓްރަލް ހޮސްޕިޓަލް" އެވެ.

ކޮންމެއަކަސް މިހައިތަނުން، އެތަކެއް ދިވެއްސެއްގެ ސިއްޙީ މުހުތާދުތައް، ފުއްދި މަޝްހޫރު " އާރު.އޭ.އެފް މެޑިކަލްސެންޓަރ" ގެ ހަނދާންތަކުގެ ސަފުޙާ، ބަންދުވެގެން އެދަނީ، ހަމައެކަނި އިނގިރޭސިން ފޭބުމަކުންނެއް ނޫނެވެ. އޭރު އޮތް ސަރުކާރުން ގަމާއި ޙަވާލު ވުމަށްފަހު، ކިޔައިދެމުން މި އަންނަ މެޑިކަލް ސެންޓަރުގައި ހުރި، އެކްސްރޭ މެޝިނާއި، ތިއޭޓަރުގައި އޮޕަރޭޝަންކުރަން ބޭނުންކުރާ ސާމާނު ސްޓްރެލައިޒްކުރަން ހުރި އޮޓޯކްލޭވް މެޝިނާއި، މިފަދަ ހުރިހާ މެޝިންތަކާއި ސާމާނެއް، މާލެއަށް ގެންނަން ފެށުމާއި ހަމައިންނެވެ.

ޑޮކްޓަރުންބަލާ ދެ ކޮޓަރިއާ، ޑެންޓަލް ޚިދުމަތްދޭ ތަނަކާއި، ލެބޯޓަރީއަކާއި އެކްސްރޭ ކޮޓަރިއަކާއި، ފާމަސީއަކާއި، ވޯޑެއްގެ މައްޗަށް ބިނާވެފައި ހުރި، "އާރު.އޭ.އެފް މެޑިކަލްސެންޓަރ" ގެ ސާމާނު، އެތަނުން ނެރެ، އެ ހޮސްޕިޓަލާ ދާދި ކައިރީގައި އޮތް ފާލަމުގައި އޮތް ބޯޓަކަށް، ބަރުކުރަމުން ގެންދިޔަ މަންޒަރަކީ، މިދެންނެވި ހޮސްޕިޓަލުގެ ޚިދުމަތުގެ ބާބުގެ ނިމުމެވެ.

އެހެން ނަމަވެސް، އެހައިތަނުން އެ، ހުޅުވެނީ އެ ބާބަކަށް ނިމުމެއް ނެތް، އާ ބާބެއްގެ ހަނދާންތަކެވެ. "ފަރުވާއަށް އައީ ކޮންރަށެއްގެ ކާކުތޯ ނާހާށެވެ!" "މެހުމާންދާރީގައިހުރެ،ހިލޭ ބޭސްކޮށްގެން ދުރުވާށެވެ!"، މިހެން އައްޑޫން އިވެމުން އެދިޔަ މެހުމާންދާރީގެ ހަނދާން ތަކުގެ ބާބެވެ.

މި ދެންނެވި ބާބުން ހުޅުވައިލި ކޮންމެ ސަފުޙާއަކުން، މިއަދުވެސް ފެންނާން އޮތީ، އައްޑޫ ރައްޔިތުންގެ އޯގާތެރިކަމެވެ. ދިވެހި ރައްޔިތުންގެ މައްޗަށް، އެމީހުންގެ ހިތުގައި އޮތް ލޯތްބެވެ. ހިތްހެޔޮ ކަމެވެ. އެ ޒަމާނަކީ، ޒަމާނީ ސިއްޙީ ފަރުވާއަށް ދިވެހިން އެންމެ އެދިއެދި ދުވަހެވެ. އެދުވަހު، ދިވެހީންނަށް ޚިދުމަތުގެ އަތް ދިއްކޮށްލީ އައްޑޫންނެވެ. އެއީ، މިއަދުގެ ނަމުން ނަމަ، ރާއްޖޭގެ އެންމެ ދެކުނުގައި އޮތް " އައްޑޫސިޓީ" އެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް