ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 10:26
މި މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން - މާނޭ (ކ) އޮބަމަޔާން (މ) އަދި ސަލާހު (ވ)
މި މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން - މާނޭ (ކ) އޮބަމަޔާން (މ) އަދި ސަލާހު (ވ)
ބީބީސީ
އެފްރިކާގެ މޮޅު ކުޅުންތެރިޔާ
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި
 
މިދިޔަ އަހަރު މި އެވޯޑު ގެންދިޔައީ އަލްޖީރިއާގެ ރިޔާދް މަހަރޭޒް
 
މި މަގާމަށް ކުޅުންތެރިޔަކު ހޮވާނީ ނެގޭ ވޯޓަކުން
 
މި މަގާމަށް ލިވަޕޫލްގެ ދެ ކުޅުންތެރިޔަކު ވާދަކުރޭ

އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ކޮންމެ އަހަރަކު އެއްފަހަރު ހޮވާ އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މިއަހަރު ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އިއުލާނުކޮށްފިއެވެ.

އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާއިން އާންމުކުރި މި ލިސްޓުގައި މިއަހަރު ހިމެނިފައިވަނީ ލިވަޕޫލްގެ ދެ ވިންގަރުން ކަމަށްވާ މުހައްމަދު ސަލާހުއާ ސަދިއޯ މާނޭގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފޯވާޑް ޕިއާ އެމެރިކް އޮބަމަޔާންއެވެ.

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ސަލާހު މި މަގާމަށް ނޮމިނޭޓްވެފައިވަނީ މިދިޔަ ސީޒަނުގައި ކްލަބް ފެންވަރުގަ އާއި ގައުމީ ފެންވަރުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ކުޅުނު ޓީމު ކަމަށްވާ އިޓަލީގެ އޭއެސް ރޯމާއަށްއަށް އޭނާ ވަނީ 41 މެޗުގައި 19 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ މިސްރުގެ ގައުމީ ޓީމުން 28 އަހަރަށްފަހު ވޯލްޑް ކަޕްގެ ޖާގައެއް ހޯދީ ކޮލިފައިންގެ ފަހު މެޗުގެ ފަހު ވަގުތު ސަލާހު ޖަހައިދިން ޕެނަލްޓީއަކުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މިސްރުން ޖެހި ހުރިހާ ލަނޑެއްގައި ވެސް ސަލާހުގެ ސީދާ ހިއްސާއެއް އޮތްކަން ފާހަގަކޮށްލެވެއެވެ.

މި މަގާމަށް ވާދަކުރާ ލިވަޕޫލްގެ ދެވަނަ ކުޅުންތެރިޔާ ކަމަށްވާ ސެނެގޯލްގެ ސަދިއޯ މާނޭ ވެސް ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިދިޔަ ސީޒަނުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ސައުތްހެމްޕްޓަން ދޫކޮށް ލިވަޕޫލްއަށް ބަދަލުވުމަށްފަހު އެ ޓީމަށް ކުޅުނު 29 މެޗުގައި 13 ލަނޑު ޖަހައިދީފައެވެ. އަނިޔާގެ ސަބަބުން ސީޒަންގެ ފަހު ބައިގައި އޭނާއަށް ނުކުޅެވުނު ނަމަވެސް އަނިޔާއިން އެނބުރި އައިސް އޭނާވަނީ ސެނެގޯލްވެސް ވޯލްޑް ކަޕްއަށް ގެންދިޔުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ގެބޯންގެ ފޯވާޑް ޕިއާ އެމެރިކް އޮބަމަޔާން ވެސް ވަނީ މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޑޯޓްމަންޑަށް ކުޅުނު 46 މެޗުގައި އޭނާ ވަނީ 40 ލަނޑު ޖަހާފައެވެ. އޮބަމަޔާންއަކީ 31 ލަނޑާއެކު ޖަރުމަނުގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ބުންޑެސްލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެއެވެ.  އެހެން ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

މި މަގާމަށް ކުޅުންތެރިޔަކު ހޮވުމަށް ހަމަޖެހިފައިވަނީ އެފްރިކާގެ ގައުމުތަކުގެ ގައުމީ ޓީމުގެ ކޯޗުންނާއި އެ ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މި މަގާމަށް ހޮވޭ ކުޅުންތެރިޔަކު އިއުލާނު ކުރެވިގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ގާނާގެ އެކްރާގައި ބޭއްވޭ 'އެފްރިކަން ފުޓްބޯލް އެވޯޑްސް ގާލާ' ގައެވެ.

މިއަހަރުގެ އެވޯޑު ގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރަނީ ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހުއެވެ. މިދިޔަ އަހަރު މި އެވޯޑު ގެންދިޔައީ ލެސްޓާއިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މުހިންމު ރޯލެއް އަދާކުރި އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދް މަހަރޭޒްއެވެ.

މީގެކުރިން މި މަގާމު ހޯދި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކެމަރޫންގެ ފޯވާޑް ސެމުއެލް އެޓޫއާ އައިވޮރީ ކޯސްޓްގެ ފޯވާޑް ޑިޑިއާ ޑްރޮގްބާގެ އިތުރުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް