ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 02:02
އަލީ ފާސިރް (ސެންޓޭ): އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި
އަލީ ފާސިރް (ސެންޓޭ): އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި
އިމޭޖަސް.އެމްވީ
އެފްއޭ ކަޕް
އެފްއޭ ކަޕް: ޓީސީއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ނިއު
 
މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ނިއު ކަޓުވާލީ ޓީސީ
 
ފައިނަލުގައި ނިއު ނުކުންނާނީ ޓީސީއާއި ދެކޮޅަށް
 
ނިއުއި ން ވަނީ 4-0 އިން ގްރީން ބަލިކޮށް އެފްއޭ ކަޕްގެ ފައިނަލްގެ ޖާގައެއް ހޯދާފައި

އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ ޓީމަކަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޮވިއްޖެއެވެ.

ނިއުއިން އެފްއޭ ކަޕްގެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 4-0 އިން ކްލަބް ގްރީން ސްޓްރީޓް ބަލިކޮށްގެންނެވެ. މި މެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުގެ ކެޕްޓަން އަލީ ފާސިރް (ސެންޓޭ) ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައެވެ. ކުއާޓާގައި ނިއު ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ސެންޓޭ ކުޅެފައިވާ ނުވާއިރު ގްރީންއާ ދެކޮޅަށް ކުޅުނު ސެމީގައި އަލީ އަޝްފާގް (ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) ނިއުގެ ޓީމުން ފެނިފައެއް ނުވެއެވެ.

މުޅި މެޗު ވެސް ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނިއު އިން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނިއުއަށް މެޗުގެ ލީޑު ލިބިގެން ދިޔައީ މެޗުގެ ހަތްވަނަ މިނެޓުގައި ސެންޓޭ ޖަހައިދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ވެސް ނިއުއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު އެ ހަމަލާތަކުގެ ހުރަހަކަށް ވެގެން ގޮސްފައި ވަނީ ގްރީންގެ ގޯލްކީޕަރު އަހުމަދު ފައިރޫޒްއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ފުރަތަމަ ހާފު ނިންމާލި އިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތަކުގެ ތެރެއިން ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން އިރު ނިއު އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ސެންޓޭއެވެ. ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ޖެހި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.

ނިއުއާ ދެކޮޅަށް ނުކުންނަ ޓީސީ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ނިއުއަށް އޮތީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުވެފައެވެ. ނިއު ފައިނަލަށް ދިޔުމާ އެކު ޓީސީއަށް ވަނީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވެފައެވެ. އެއީ ޓީސީ އިން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައިވާތީއެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ނިއު ކަޓުވާލީ ޓީސީއެވެ. މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް