ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 09:58
ޖަޔަސޫރިޔާއަކީ ބްރެޒިލްގެ އިތުރުން ކޮލަމްބިއާ، ޕެރޫ، ޗިލީ، އާޖެންޓީނާ ސުރިނާމްއަށް ކަނޑައަޅުއްވާފައިވާ އެމެބްސެޑަރ
ޖަޔަސޫރިޔާއަކީ ބްރެޒިލްގެ އިތުރުން ކޮލަމްބިއާ، ޕެރޫ، ޗިލީ، އާޖެންޓީނާ ސުރިނާމްއަށް ކަނޑައަޅުއްވާފައިވާ އެމެބްސެޑަރ
ރޮއިޓަރސް
ސްރީ ލަންކާގެ ދާޚިލީ ހަނގުރާމަ
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި
 
ޖަޔަސޫރިޔާގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ދެކުނުއެފްރިކާގައި ގާއިމްވެފައިވާ އިންޓަނޭޝަނަލް ޓްރޫތް އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ފަރާތުން
 
ލަންކާގެ 26 އަހަރުގެ ދާޚިލީ ހަނގުރާމައިގައި އެންމެ ލޭ އޮހޮރުވުން ބޮޑުވީ 2007 އާ 2009 އާ ދެމެދު

ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު މަރުހަލާގައި އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު ކުރެވިފައިވާ އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރ އެއް ކަމަށްވާ ޖަގަތް ޖަޔަސޫރިޔާ ދިފާއު ކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން އަޅުގަނޑު ފުރުސަތެއް ނުދޭނަން ދުނިޔޭގެ އެއްވެސް މީހަކު ޖަގަތު ޖަޔަސޫރިޔާ ނޫނީ އަސްކަރިޔާގެ އެހެން އެއްވެސް ވެރިއެއް ނޫންނަމަ މި ގައުމުގެ ހަނގުރާމައިގެ ބަތަލެއްގެ ގައިގާ ހިފާކަށް" ސްރީލަންކާ ފްރީޑަމް ޕާޓީގެ ކޮންވެންޝަންގައި އާދީއްތަ ދުވަހު ވާހަކަދައްކަވަމުން ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ މި ރައްދު އައިސްފައި މިވަނީ ދެކުނު އެމެރިކާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ކުރީގެ ޖެނެރަލެއް އަދި މިހާރު ސްރީ ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ ޖަގަތް ޖަޔަސޫރިޔާގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅިތާ ހަފްތާއެއް ފަހުންނެވެ.

ޖަގަތު ޖަޔަސޫރިޔާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ 2009 ވަނަ އަހަރު ނިމުނު ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު މަރުހަލާގައި އަސްކަރިއްޔާގައި އޭނާ ބެލެހެއްޓެވި ޔުނިޓުން ހޮސްޕިޓަލްތަކަށް ހަމަލާދީ މީހުން މަރައި، ވަގަށްނަގައި އަދި އެތައް ހާސް ބަޔަކަށް އަނިޔާކޮށްފައި ވާކަމަށް ތުހުމަތުކޮށްފައެވެ.

ބްރެޒިލްގެ އިތުރުން ކޮލަމްބިއާ،ޕެރޫ،ޗިލީ،އާޖެންޓީނާ ސުރިނާމްއަށް ސްރީލަންކައިން ކަނޑައަޅުއްވާފައިވާ އެމެބްސެޑަރގެ މަގާމު ފުރުއްވަނީ ޖަޔަސޫރިޔާއެވެ.

އޭނާއާ ދެކޮޅަށް ދައުވާ ހުށަހެޅި ގްރޫޕުން އުއްމީދު ކުރަނީ ސަރަހައްދީ ސަރުކާރުތަކުން ތަހުގީގެއް ފަށައި ޑިޕްލޮމެޓިކް އިމްތިޔާޒްތައް އަތުލައި އޭނާ ފޮނުވާލާނެ ކަމަށެވެ.

ޖަޔަސޫރިޔާގެ މައްސަލަ  އާޖެންޓީނާ، ޗިލީ،އަދި ޕެރޫއަށް  ހުށަހަޅާފައިވާއިރު ސުރިނާމްއިންވަނީ ޕެޓިޝަން ގަބޫލުކުރުމަށް ދެކޮޅުހަދާފައެވެ.

ސްރީ ލަންކާގެ އަސްކަރިއްޔާއިންވެސްވަނީ ޖަޔަސޫރިޔާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.

ސިރިސެނާގެ ވާހަކަ ފުޅު ބެލެވެނީ އެ ގައުމުގެ އާބާދީ ބޮޑު ސިންހަޅައިންގެ ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅެއްގޮތުގައެވެ. ސިންހަޅައިން ގެންދަނީ ބައިމަދު ތަމަޅައިންގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޖަރީމާ ހިންގިކަމަށް ތުހުމަތު ކުރެވޭ ސިފައިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދެކޮޅު ހަދަމުންނެވެ.

ސިންހަޅައިންގެ ސިންހަޅަ ފިކުރަށްގޮސް ހުސްވެފައި ތިބި ފަރާތްތަކުގެ ތެރޭގައި ރައީސް ސިރިސެނާ ގަބޫލު ކުރެވިފައި އޮންނަނީ ސިންހަޅައިންނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.

ޖަޔަސޫރިޔާގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ދެކުނުއެފްރިކާގައި ގާއިމްވެފައިވާ އިންޓަނޭޝަނަލް ޓްރޫތް އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ފަރާތުންނެވެ.

ލަންކާގެ 26 އަހަރުގެ ދާޚިލީ ހަނގުރާމައިގައި އެންމެ ލޭ އޮހޮރުވުން ބޮޑުވީ 2007 އާ 2009 އާ ދެމެދުގައެވެ. މި ހަނގުރާމައިގައި 100،000 މީހުން މަރާލާފައިވާކަމަށް އެ ޖަމާއަތުން ލަފާކުރެއެވެ.

ލިބަރޭޝަން އޮފް ޓައިގަރސް އޮފް ޓެމިލް އީލާމްގެނަމުގައި ވަކިވެގަތުމަށް މަސައްކަތްކުރި ލަންކާގެ ތަމަޅައިންނާ އެ ގައުމުގެ ސަރުކާރުގެ ސިފައިންނާ ދެމެދު ކޮށްފައިވާ ހަނގުރާމައިގެ ފަހު މަރުހަލާގައި އެކަނިވެސް 40،000 އާއި 70،000 އާ ދެމެދުގެ މީހުން މަރުވެފައިވާކަމަށް އދ ން ލަފާކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
50%
50%
0%
ކޮމެންޓް