ކ. މާލެ
|
27 މާރޗް 2024 | ބުދަ 13:21
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
13 އަހަރުގެ ކުއްޖާގެ މަރު
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި 2 ހެއްކެއްގެ ހެކިބަސް ނަގައިފި
 
ދައުވާ އުފުލީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހީމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް
 
މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ދައުވާ އުފުލީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހީމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ.

މި މައްސަލައިގައި މަރުގެ ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ވަނީ ކުށް ސާބިތުވެފައެވެ.

ޒިހާނަށް ކުރާ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ މިހާރު އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާގައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި 2 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.

އެއީ އެ ކުއްޖާ ލާފައިވާ ފޮށި އެ ސަރަޙައްދުން ނެގުމުގައި ޙަރަކާތްތެރިވި ދެ ފުލުހެއްގެ ހެކިބަހެވެ. އެގޮތުން އެ ކުއްޖާ ރަހީނުކޮށް އޭނާއަށް ޖިސްމާނީ އަނިޔާދީ މަރާލުމަށްފަހު ފޮއްޓަކަށް ލައި ޅުމާލެ ފޭސް 2 ގެ އިރު އުތުރު ފަޅުތެރެއަށް އެއްލާލާފައިވާ ކަމަށް މި މައްސަލައިގައި ދައުލަތުން އުފުލި ދައުވާގައި ބުނެފައިވެއެވެ.

މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި އަޑުއެހުމުގައި ގާޒީ ވަނީ ކޯޓުގެ ޖާގައިގެ ދަތިކަމާހެދި މައްސަލަ ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރިކަން ފާހަގަ ކުރައްވާފައެވެ.

ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތައް ސާބިތު ވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ޤަސްދުގައި މީހަކުމެރުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ 5 ދަޢުވާ، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ 3 ދަޢުވާ، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުން، ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން، އެ ކުއްޖާއާއެކު، މީހަކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް