ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 17:34
މަގުތަކަށް ކުނި އަޅާފައި
މަގުތަކަށް ކުނި އަޅާފައި
މާލެ ސިޓީ ކައުންސިލް
މަގުތަކަށް ކުނި އެޅުމުގެ މައްސަލަ
މަގުތަކަށް ކުނި އެޅި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި
 
ޖޫރިމަނާކުރަނީ 500 ރުފިޔާއިން

ފެބްރުއަރީ މަހުން ފެށިގެން މަގުމަތީގައި ކުނި ބެހެއްޓި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ މަގުތައް މަތީގައި ކުނި ބެހެއްޓުމުގެ މައްސަލަ ބޮޑުވެފައިވާއިރު ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ވަނީ ގިނަ އަދަދަކަށް ކުނި އަޅާފައެވެ. ރޯދައަށް ގޭތެރެ ސާފުކޮށް ގޭގައި ގެންގުޅޭ ފަރުނީޗަރާއި އެހެނިހެން ތަކެތި ވަނީ މަގުތަކަށް ނެރިފައެވެ. އެހެންކަމުން އެތަކެތި ނެގުމުގައި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އަދިވެސް މާލެ ސަރަހައްދުގެ މަގުތަކަށް ގިނަ އަދަދަކަށް ކުނި ވަނީ އަޅާފައެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިހުން ޖޫރިމަނާކުރެއެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500 ރުފިޔާއިންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހޯމަ ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހޯމަ ދުވަހު އެންމެ ހަތަރު ގަޑިއިރު ތެރޭގައި 22.5 ޓަނުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށެވެ. އަދި ފާއިތުވި 16 ދުވަސްތެރޭ މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. މިއީ 25 ފޫޓު ހުންނަ ނުވަ ކޮންޓެއިނަރުގެ ކުނި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވާ ކުނިބުނީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާދީއްތަ ދުވަހު އެކަނިވެސް މާލޭ މަގުމަތިން ވަނީ 59.6 ޓަނުގެ ކުނި ނަގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް