ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 00:36
އަހުމަދު ސަލީމް ހޯރަފުށީގައި ބޭއްވި "ހުއްޓި ނުތިބެން" ޖަލްސާގައި ވާހަކަދައްކަވަނީ
އަހުމަދު ސަލީމް ހޯރަފުށީގައި ބޭއްވި "ހުއްޓި ނުތިބެން" ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެ އޮންލައިން
ހޯރަފުށީގެ ތަރައްޤީ
މިދިޔަ 5 އަހަރު އަތުރާލީ ހޯރަފުށީ ދާއިރާގެ ތަރައްޤީގެ މައިބަދަ، ހުއްޓި ތިބެވޭކަށް ނެތް - ސަލީމް
 
5 އަހަރުން ހޯދި ތަރައްޤީ ގެއްލިދާން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށް ސަލީމް ވިދާޅުވި
 
ހޯރަފުށީ ދާއިރާ އަށް އަދިވެސް ވަރަށް ބައިވަރު އިންވެސްޓްމެންޓް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި
 
ގައުމު ހަމަމަގަށް ނޭޅި އެއްވެސް މީހަކަށް އުފަލެއް ނުލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

މިދިޔަ 5 އަހަރު ހޯރަފުށީގައި ތަރައްޤީގެ މައިބަދަ އަތުރާލާފައިވާ ކަމަށާއި ހުއްޓި ތިބެން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އޭނާގެ ކެމްޕެއިން ހަރަކާތް ރަސްމީކޮށް ފެށުމަށް ހޯރަފުށީގައި ބޭއްވި "ހުއްޓިނުތިބެން" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މީގެ 5 އަހަރު ކުރިން ހޯރަފުށި ތަރައްޤީކުރަން ފެށި މަސައްކަތް ހުއްޓާލަން އަދި ގާތްވެސް ނުވާ ކަމަށާއި ކުރަން ހުރި ބައިވަރު ކަންކަން އަދި ކުރިއަށް އެބަ ހުރި ކަމަށް އެނާ ވިދާޅުވިއެވެ.

ރާއްޖެ ދުށް އެންމެ ތަނަވަސް، އުފެއްދުންތެރި ސިކުނޑިތައް އެ ރަށަށް އުފަން ވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެ ރަށަކީ އެ ރަށެއްގެ މީހުން ރާއްޖޭގެ އެކި ދާއިރާތަކުން ކުރި ހޯދަން އަބަދުވެސް މަސައްކަތް ކުރާ ބަޔަކު ތިބި ރަށެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ވިޔަފާރި އާއި އިގްތިޞާދުގެ ގޮތުން ބެއްޔަސް ކުރިއެރުމާއި ތަރައްޤީގެ ނާރެހެއްގެ ގޮތުގައި ހޯރަފުށި ނުދެކޭ ޒަމާނެއް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކާބަފައިންގެ ޒަމާނުން ފެށިގެން ހޯރަފުށީގައި ތިބީ ތަރައްޤީ އާއި ކުރިއެރުމަށް ލޯބި ކުރާ ބައެއް ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

އިހަވަންދިއްޕޮޅު ސަރަހައްދަކީ ވިޔަފާރީގެ މައި ބަނދަރު ކަމަށާއި، އެކަން ވާން ޖެހޭނީ ވެސް އެގޮތަށް ކަަމަށް ސަލީމް ވިދާޅުވިއެވެ. އެކަން ގުދުރަތީ ގޮތުން ވެސް އޮތް ގޮތަކީ އެއީ ކަަމަށް ސަލީމް ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ބަނދަރަކީ ވަނގާރުގައި އޮތް ބަނދަރު ކަމަށް ވެސް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. އޭރު ސިޔާސީ ގޮތުން ނުފޫޒު ގަދަ އެތައް ބަޔަކު އެ ސަރަަހައްދުގައި އުޅުނު ކަމަށާއި މިހާރު ވެސް މަޑު ކުރަމުން ދަނީ އެ ދުވަސް އިއާދަކުރުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ. ކާބަފައިންގެ ޒަމާނަށް ބަލާއިރު ސަރުކާރުން ކަމެއް ކޮށްދެން ދެން އަތް އުރާލައިގެން ތިބުމަކީ އެ ސަރަހައްދުގެ މީހުންގެ ކިބައިން ފެނުނު ކަމެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ. ހޯރަފުށީގެ ތާރީހަށް ބަލާއިރު ފާހަގަކުރެވޭ އެތައް ޝަހުސިއްޔަތުތަކެއް ފެނިގެން ދިޔަކަމަށް ސަލީމް ވިދާޅުވިއެވެ.

ވަރަށް ގިނަ ވާހަކަ މި ދެންނެވީ. އެހެންނަމަވެސް އެއީ އާ ވާހަކަ އެއް ނޫން. މި ރަށުގެ ތާރީޙު، ބޭސްވެރިކަމުން ބެލިޔަސް، އިލްމީ ހުނަރާއި ފިގުުހު އިލްމަށް ބެލިއަސް، ނައިބު ކަމަށް ބެލިއަސް، މި ރަށުގެ ސައްދާދު އިބްރާހިމް ކަލޭފާނާއި، ނައިބު އަލި ތަކުރުފާނުގެ ހިތްވަރުން އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ. އަޅުގަނޑު މިދަންނަވަނީ އެ ދުވަސް އަނބުރާ ގެންނަ ވާހަކައެއް. އެ ހިތްވަރު އަނބުރާ ގެނައުމުގެ ވާހަކަ. މިއީ ކޮށްފަ އޮތް ކަމެކޭ. މިއަދުވެސް އެކަން ވާނެ އޭ. ހުއްޓި ތިބެވޭކަށް ނެތޭ.
އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާ އަށް އަދިވެސް ވަރަށް ބައިވަރު އިންވެސްޓްމެންޓް ބޭނުންވާ ކަމަށާއި އެހެންކަމުން ހުއްޓި ތިބެވެން ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. އޮންނަ ސަރުކާރާއި، ފެންނަން ހުންނަ އެއްވެސް ވެރިއަކީ ރައްޔިތުން އެދޭ ގޮތް ނޫން އެހެން ގޮތެއް ބޭނުންވާނެ މީހެއް ނޫން ކަަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން އެންމެން އެއް އަޑަކުން ވާހަކަދައްކާ އެކުގައި މަސައްކަތް ކުރާ ބަޔަކަށް ވަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް އިތުރަށް ވިދާޅުވި ރައްޔިތުން އެދޭ ކަންކަން ހޯއްދަވާދެއްވާނެ ކަމަށާއި، ރައްޔިތުން އިސްކުރައްވާނެ ކަމަށެވެ. ހޯރަފުށްޓަށް ބޭނުންވާ ކަންކަން ކުރުމަށް އެހީ ހޯދުމަށާއި، ސަރުކާރާއި އިދާރާތަކާއި އެކު ރެއާއި ދުވާލު މަސައްކަތް ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ކުއްލި ފައިދާ އަކަށް ރައްޔިތަކު ދީލާލުމުގެ ބަދަލުގައި އަބަދާއި އަބަދު ރައްޔިތުންނަށް ފައިދާ ވާނެ ގޮތެއް ހޯދާދޭން މަސައްކަތް ކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން، އަގުތައް ތިރިކުރުމަށާއި، މާލެ ނުގޮސް ޚިދުމަތް ދެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ޒަމާނުގެ ތަރައްޤި އަކީ ޕްލޭންކޮށް ހިސާބު ޖަހައިގެން ގެނެވޭ ތަރައްްޤީ އެއް ކަަމަށް ސަލީމް ވިދާޅުވިއެވެ. އަދި ކަމާއި ގުޅޭ ޤާބިލް މާހިރުންނާއި ގުޅުން ބާއްވައިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ތަރައްޤީ އަށް ބޭނުންވާ ޤާނޫނީ އިސްލާހުތައް ވެސް ގެންނަން ޖެހޭ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. އަދި 5 އަހަރު ކުރިން ހޯރަފުށި ތަރައްޤީ ކުރެވޭނެ ގޮތުގެ ޕްލޭން ހަދާ ނިންމާފައިވާ ކަމަށާއި އެ ޕްލޭން ތަންފީޒުކުރާނެ ގޮތާއި އެ ޕްލޭނަށް ފައިސާ ހޯދާނެ ގޮތްތައް ދެނެގަނެވިފައިވާ ކަަމަށް ވިދާޅުވިއެވެ. އެއަށް ފަހު ދެން ހުއްޓި ތިބެގެން ނުވާނެ ކަަމަށް ސަލީމް ވިދާޅުވިއެވެ. މިދިޔަ 5 އަހަރުން ހޯދި ތަރައްޤީ ގެއްލިދާން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި އެކަމަށްޓަކާ އެއް އަމާޒަކަށް، އެކުގައި ކުރިއަށް ދާން ޖެހޭ ކަަމަށް ސަލީމް ވިދާޅުވިއެވެ. އެކަން އެގޮތަށް ކޮށްފި ނަމަ ސަރުކާރު ޖަވާބުދާރީކުރުވާ، ތަރައްޤީގެ ކަންކަން ހޯރަފުށްޓާއި ހަމައަށް އަންނާނެކަން ޔަޤީންކުރައްވާނެކަން ސަލީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް