ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 17:20
ތެލަސީމިއާއަށް ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތެލަސީމިއާއަށް ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ތެލަސީމިއާއަށް ހޭލުންތެރިކުރުވުން
ތެލަސީމިއާއަށް ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިން ފަށައިފި
 
މި ބަލީގައި 650 ކުދިން މިހާރުވެސް ފަރުވާ ހޯދަމުންދޭ
 
މި ކެމްޕެއިންގެ ދަށުން، ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ސެޝަންތައް ކުރިއަށްގެންދާނެ
 
މަގުސަދަކީ ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުން

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ގައުމީ ކެމްޕެއިން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެމްޕެއިން ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ޚަލީލެވެ.

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގެ މަގުސަދަކީ، ތެލެސީމިއާއާ ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުން ހިމެނެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް)އިން ކުރިއަށްގެންދާ މި ގައުމީ ކެމްޕެއިންގެ ދަށުން، ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުމުގެ ސެޝަން ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން، ސްކޫލްތަކުގެ ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރިކުރުމާއި ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައި، އެ ސްކޫލްގެ ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުގެ ގްރޭޑް 10ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް