ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 17:38
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގެ ތެރެއިން
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުން
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
 
ބަލިތައް ކޮންޓްރޯލްކޮށް، ނައްތައިލުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި ޓާގެޓްތަކާމެދު މަޝްވަރާކޮށްފައިވޭ
 
މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކޮށްފައިވަނީ 22 ޖެނުއަރީން 27 ޖެނުއަރީއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހެޑްކުއާޓަރު، ޖެނީވާގައި ކުރިއަށްދިޔަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެކްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖޭން ބައިވެރިވެ، ބައްދަލުވުމުގެ އެޖެންޑާގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ، ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ކުރިމަތިވަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެކަށީގެންވާގޮތުގައި އިޖާބަދިނުމަށް ކަނޑައެޅިފައިވާ ޕްރޮގްރާމްތަކާއި މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ގެނައުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސިއްހީ ދާއިރާއަށް އަމާޒުކުރެވިފައިވާ ކަންތައްތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްގޮސްފައިވާ މިންވަރާއި، ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. މީގެތެރޭގައި ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް، އަދި ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް ކޮންޓްރޯލުކޮށް ނައްތާލުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި ޓާގެޓްތަކުގެ މައްޗަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައި ވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ރާއްޖޭން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި، ސިއްހީ ނިޒާމު ތައްޔާރުވުމާއި، ރާއްޖެއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރައިމަރީ ހެލްތު ކެއަރގެ އުސޫލުތައް ހަރުދަނާކުރުމާއި، ނައްތާލުމަށް ކަނޑައަޅާފައިވާ ޓީބީ އަދި އެހެން ބަލިތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމަށް މެންބަރު ގައުމުތަކުގެ އެއްބާރުލުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި، 2023ގައި ބޭއްވުނު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 76 ވަނަ ވޯރލްޑް ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި، މި އަހަރުގެ 77 ވަނަ ވޯރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާގެ މައްޗަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ދޭދޭ ގައުމުތަކާ ބައްދަލުވެ، ރާއްޖޭގެ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތާއި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް