ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 13:16
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
މޮންޒާ އަށް އަތުން އިންޓަ އަށް ފަސް ލަނޑުގެ މޮޅެއް
 
މޮޅާއެކު އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 20 މެޗުން 51 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާނުން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މޮންޒާގެ ދަނޑުގައި ކުޅުނު މެޗު އިންޓަ އިން ކާމިޔާބު ކުރީ 5-1 އިންނެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އިންޓަ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ލީޑު ނަގައިދިނީ ހަކާން ޗަނޮނޮގްލޫ އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރިކޯ ޑިމާކޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮންޒާ އިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަަލައި ނުގަތުމަށެވެ.

ދެ ވަނަ ހާފުގައި އިންޓަގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރީ ޗަނޮނޮގްލޫ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މާކަސް ތުރަމް އެވެ. މެޗުގައި މޮންޒާގެ ހަމައެކަނި ލަނޑު، 69 ވަނަ މިނެޓުގައި މަތެއޯ ޕެސިނާ ޖެހީ ލިބުނު ޕެނަލްޓީންނެވެ. އިންޓަގެ ހަތަރު ވަނަ ލަނޑު މާޓިނޭޒް ޖެހީ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. އެ ޓީމުގެ ފަހު ލަނޑު، އޭގެ ހަތަރު މިނެޓު ފަހުން ޖެހީ ތުރަމް އެވެ.

މޮޅާއެކު އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 20 މެޗުން 51 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ޔުވެންޓަސް އަށް 46 ޕޮއިންޓު ލިބެނީ އެއް މެޗު މަދުން ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް