ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 22:58
ހައުސިންގ މިނިސްޓްރީއަށް އާންމުން އެއްވުން
ހައުސިންގ މިނިސްޓްރީއަށް އާންމުން އެއްވުން
ރާއްޖެއެމްވީ
ފްލެޓްތަކުގެ މައްސަލަ
ފްލެޓްތަކުގެ މައްސަލަ - އާއްމުން ހައުސިންގ މިނިސްޓްރީގައި 5 ގަޑިއިރު، ޖަވާބެއް ނުލިބުނު
 
އަންގާރަ ދުވަހު މިނިސްޓްރީއަށް އާއްމުން ވަނީ އެއްވެފައި
 
ގެއަށް ދިއުމާ ހަމައަށްވެސް، އާއްމުންނަށް ފްލެޓް ލިބޭނެ ވަގުތަކާމެދު ލިބުނު ޖަވާބެއް ނެތް

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މައްސަލަ ނުނިމި ލަސްވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މީގެ ކުރިން އެތައް ފަހަރަކު ތަކުރާރުކޮށް އާންމުން އެއްވެއްޖެއެވެ. ހައުސިންގ މިނިސްޓްރީއަށް ވެސް އެތައް ފަހަރަކު އާއްމުން އެއްވެއްޖެއެވެ. އަަނެއްކާވެސް އަންގާރަ ދުވަހު 10:30ހާއިރު އެތައް އާންމުންނެއް ހައުސިންގ މިނިސްޓްރީއަށް އެއްވީ، ޖަވާބުދާރީވާނެ ފެންވަރުގެ ބޭފުޅުންތަކަކާއި ބައްދަލުކުރުމަށެވެ. ނަމަވެސް 5 ގަޑިއިރު މިނިސްޓްރީގައި އާއްމުން ހޭދަކުރި ވަގުތަށްފަހު ވެސް ޖަވާބެއް ނުލިބުނެވެ.

އެއްވެފައިވާ އާންމުން އެދެމުން ދިޔައީ ފްލެޓް ލިބޭނެ ތާރީޚެއް ދިނުމަށެވެ. އޭސީސީން ވެސް ވަނީ އަންގާރަ ދުވަހު ވެސް މައްސަލަ ބެލުން އަވަސްކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުދެވެއެވެ. އެއްވެފައިވާ އާންމުންގެ ތެރެއިން 7 މީހަކަށް ހައުސިންގ މިނިސްޓްރީގެ އިސް މީހަކާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް، އަންގާރަ 11ޖަހާ އެހާކަންހާއިރު، އެއްވެފައިވާ އާންމުންނަށް ހައުސިންގ މިނިސްޓްރީން އެންގިއެވެ. ފަހުން އެ އަދަދު 10ށް އިތުރުކުރިއެވެ. ނަމަވެސް އެ ފުރުސަތު ދޭން އާންމުން ބޭނުމެއް ނުވިއެވެ.

އެއީ މަދު އަދަދުތަކުން އާންމުންނާ މީގެ ކުރިންވެސް އެތައް ފަހަރަކު ބައްދަލުކޮށް، ކުރިއެރުމެއް ނުލިބުމުންނެވެ. އެއްވެފައިވާ އާންމުން ގޮވާލަމުން ދިޔައީ 4000 މީހުންގެ ހައްގު ހޯދަން ދިޔަ އެންމެންނާ ބައްދަލުކުރަން މިނިސްޓްރީގެ މީހަކު އަންނަންޖެހޭ ކަމަށެވެ. ސިޔާސީ މަގާމުތަކަށް އެތައް ބަޔަކު އައްޔަންކޮށްފައި ވާއިރު، އެ މިނިސްޓްރީގެ އެއްވެސް މީހަކު އާންމުންނަށް ޖަވާބުދާރީވާން ނާންނަނީ ކީއްވެގެންތޯ އާއްމުން ވަނީ ސުވާލު އުފައްދާފައެވެ. އެއްވެފައިވާ އާންމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އަޅުގަނޑުމެންނަށް މިދިޔަ ހަފުތާގައި ދެއްވި ތާރީޚު މިއީ. މިއަދު ތާރީޚެއް ދޭނެކަަމަށް. މިއަދު އަޅުގަނޑުމެން ގޮތް ހުސްވަނީ. މި ބޭފުޅުންނަށް ވަރިހަމަ. މި ބޭފުޅުން ޖަވާބެއް ނުދެއްވާ.
އާންމުންގެ މީހެއް

އެހެން މީހަކު ބުނީ، ހައުސިންގ މިނިސްޓްރީން މި މައްސަލައިގައި ސީރިއަސްކޮށް ދެކޭކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނީ ތަކުރާރުކޮށް މިނިސްޓްރީއަށް ދިއުމަކީ އާންމުންނަށް ވެސް ފަސޭހަ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި މިނިސްޓްރީގެ އަމަލުތަކާމެދު ލަދުގަންނަންޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވަރަށް ދުވަހު ކެތްކޮށްފަ މި އައީ. އަމިއްލަ ހައްގު ހޯދަން މި އަންނަނީ. ކުޑަ މިނުން ބައްދަލުކޮށްލަން ނުކެރޭ. މިވަރު ވީމަ ލަދުވެތި ދެއްތޯ؟
އާންމުންގެ މީހެއް

މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަމުން ދަނިކޮށް، ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް މި ދެ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޓްވީޓެއް ކުރެއްވިއެވެ. މިއަދު އާންމުން ހައުސިންގ މިނިސްޓްރީއަށް ދިޔައީ އެ ޓްވީޓް ޕްރިންޓްކޮށް، ލެމިނޭޓްކޮށްގެން ކަރުގައި އަޅުވައިގެންނެވެ. އަދި އެ ޓްވީޓާ އެއްގޮތަށް އަމަލުކުރުމަށް ދިޔައީ ގޮވާލަމުންނެވެ.

އާއްމުން ހައުސިން މިނިސްޓްރީ ދޫކޮށް ދިޔައީ ބުދަ ދުވަހު 10 މީހުންގެ ޓީމްތަކަކާ ބައްދަލުކުރަން މިނިސްޓްރީން އެއްބަސްވުމުންނެވެ. އެތަނުން އާންމުން ނެރުނީ އެސްއޯ ފުލުހުން ގެނެސްގެންނެވެ. ގެއަށް ދިއުމާ ހަމައަށްވެސް އާއްމުންނަށް ފްލެޓް ލިބޭނެ ވަގުތަކާމެދު ލިބުނު ޖަވާބެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފި
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ