ކ. މާލެ
|
8 ޖެނުއަރީ 2024 | ހޯމަ 15:51
ޕީއެންސީގެ ޗެއާރމަން އަދި ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ
ޕީއެންސީގެ ޗެއާރމަން އަދި ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ
ރައީސް އޮފީސް
އަދުރޭގެ އަގު ބޮޑު ފްލެޓްތަކުގެ މައްސަލަ
އަދުރޭ އަގު ބޮޑު ފްލެޓްތައް ގަތް މައްސަލަ: ތިން އަހަރުވީއިރު އޭސީސީން އިތުރު އަޕްޑޭޓެއް ނެތް
 
އޭރު އޭސީސީން ވަނީ މައުލޫމާތުތައް ކަށަވަރު ކުރުމެއް ނެތި މައްސަލަ ފައިލްކޮށްފައި
 
ދެ ފްލެޓްގެ ޖުމްލަ އަގު 9 މިލިއަން ރުފިޔާއަށް އަރާ
 
އަބްދުއްރަޙީމަށް ލޯނެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައިވާކަން އެނގޭކަށް ނެތް

ޕީއެންސީގެ ޗެއާރމަން އަދި ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "ރެހެންދި-6" ފްލެޓްތަކުން އަގު ބޮޑު ދެ ފްލެޓެއް ގަތް މައްސަލައިގެ ތަހުޤީޤު އަދިވެސް ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.

މި މައްސަލައަކީ 8 ފެބްރުއަރީ 2018 ގައި އޭސީސީއަށް ހުށައެޅުނު މައްސަލައެކެވެ. އެހެން ނަމަވެސް މި މައްސަލަ ތަހުޤީޤުކޮށް، ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް 9 ޖުލައި 2018 ގައި ނިންމައި އޭރުގެ އޭސީސީން ވަނީ މި މައްސަލަ ފައިލް ކޮށްފައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މި މައްސަލަ އޭރު އޭސީސީގައި ފައިލް ކޮށްފައިވަނީވެސް އަބްދުއްރަޙީމް ދެއްވި ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އެ މައްސަލައިގެ ތަހުޤީޤު އޭރު އޭސީސީގައި ކުރިއަށް ދަނިކޮށް އަބްރުއްރަޙީމް ވަނީ އެ އެޕާރޓްމަންޓް ބައްލަވައިގަތީ މ.ވިލާދަށުގޭ އަލްމަރުޙޫމް މުޙައްމަދު މަނިކު (ބިސްމަނިކު) ދެއްވި ދީލަތި ލޯނަކަށް ކަމަށް ވިދާޅުވެ އޭސީސީއަށް ސިޓީއެއް ފޮނުވާފައެވެ.

އަދި އޭރު އޭސީސީން ވަނީ މި މައުލޫމާތުތައް ކަށަވަރު ކުރުމެއް ނެތި އެ މައްސަލައިގައި ކޮރަޕްޝަން ނެތް ކަމަށް ނިންމައި މައްސަލަ ފައިލް ކޮށްފައެވެ.

ދައުލަތުގެ ތަޙުޤީޤީ އިދާރާއަކަށް ދޮގު މައުލޫމާތު ދެއްވިކަން އެންމެ ފަހުން ފަޅާ އަރާފައިވަނީ މުޙައްމަދު މަނިކު ނިޔާވެ، އޭނާގެ ވާރުތަމުދާ ބެހުމުގެ މައްސަލައެއް ފެމިލީ ކޯޓުގައި ކުރިއަށްދަނިކޮށެވެ. އެގޮތުން ވާރުތަމުދާ ބެހުމަށް ވާރިސުން ކޯޓަށް ހުށައަޅާފައިވާ އޮޑިޓަރުންގެ ރިޕޯޓުތަކުގައި މުޙައްމަދު މަނިކުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކުން ނުވަތަ އަމިއްލަ އެކައުންޓަކުންވެސް އަބްދުއްރަޙީމަށް ލޯނެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައިވާކަން އެނގެން ނެތްކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އަބްދުއްރަހީމް އަގު ބޮޑުކޮށް ދެ ފްލެޓް ގަތް މައްސަލަ އޭރުގެ އޭސީސީން ނިންމި ނިންމުމުގައި ޝައްކުތަކެއް އުފެދޭ ކަންތައްތަކެއް ހުރުމުންނާއި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެމައްސަލަ އަލުން ބަލަމުންދާ ކަމަށް އޭސީސީން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"ން ހޯމަ ދުވަހު ސުވާލުކޮށްލުމުން އޭސީސީން ބުނީ، މި މައްސަލައިގެ ތަހުޤީޤު އަދިވެސް ކުރިއަށްދާ ކަމަށާއި، މިވަގުތަށް އެ މައްސަލައިގެ އިތުރު އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ.

ދައުލަތުގެ ތަޙުޤީޤީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 521 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކުށެކެވެ.

އޭސީސީން އަލުން މި މައްސަލަ ބަލަން ފަށާފައިވާއިރު، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފްލެޓް ބައްލަވައިގަނެފައި ވަނީ ފްލެޓެއް 4.5 މިލިއަން ރުފިޔާ އަށެވެ. އެ ދެ ފްލެޓްގެ ޖުމްލަ އަގު 9 މިލިއަން ރުފިޔާއަށް އަރާއިރު އެއީ ފެންވަރު ރަނގަޅު ފްލެޓްތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި