ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 12:49
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވާހަކަދައްކަވަނީ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ވާނުވާގައި ތިބޭ ބަންދު މީހުން
ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ: ޕީޖީ ޝަމީމް
 
ކްރިމިނަލް ކޯޓުގައި ޖާގައެއް ނެތް ކަމަށާއި، ވަސީލަތެއް ނެތް ކަމަށް ވިދާޅުވި
 
އެއީ 4 ބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން

ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ވާނުވާއަކީ ޖަލުގައި ތިބޭ މީހުން ކިޔަން ފެށި އެއްޗެއް ކަމަށާއި، ދައުވާއެއް ކޯޓަށް ހުށަަހެޅުމަށްފަހު ޖިނާއީ އިޖުއާރަތުގެ ގާނޫނުގެ 161 ވަނަ މާއްދާގައި ތާވަލެއް ދޭން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް އޮތް ދުވަސް އެނގޭނެ ކަމަށާއި، އަޑުއެހުމަށްފަހު ދެން އޮންނަނީ ކޮންކަމަކާއި ގުޅޭ އަޑު އެހުމެއްކަން ވެސް އެނގޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނުގައި ވާނުވާއެއް ނޯންނާނެ ކަމަށެވެ.

އެމީހުން ބުނަނީ ތިމަންނަމެންނަށް ވާނުވާ ޖަހާފިއޭ. އޭގެ މާނައަކީ ދެން ޝަރީއަތް އޮންނާނެ ދުވަހެއް ވެސް ނޭނގެއޭ. ކިހިނެތް ކަމެއްވާނީ ވެސް ނޭނގެއޭ. އެއީ އަސްލު ވާނުނުވާ އަކީ. އަސްލު ގާނޫނު އޮތް ގޮތުން މިހާރު ވާނުވާއެއް ނޯންނާނެ. އެއީ ގާނޫނު ބުނާ ގޮތުން ދައުވާއެއް ކޯޓަށް ހުށަަހެޅުމަށްފަހު ޖިނާއީ އިޖުއާރަތުގެ ގާނޫނުގެ 161 ވަނަ މާއްދާގައި އެބަ ބުނޭ ތާވަލެއް ދޭންވާނޭ. ޝަރީއަތް ކުރާނެ ގޮތުގެ ތާވަލެއް ދޭންވާނޭ. އެތާވަލް ދިނީމައެއް އަސްލުވާނުވާ އެއް ނޯންނާނެ. އެންމެނަަށް ވެސް އެނގޭ ތިމަންނަގެ ޝެޑިއުލް ތިމަންނަގެ ޝަރީއަތް އޮންނާނީ މިވެނި ދުވަހެއްގައިކަން. ދެން އެދުވަހު ޝަރީއަތް އޮތީމަ އެނގޭނެ ދެން އަންނަ ދުވަހެއްގައި އޮންނާނީ ކޮންކަމެއްކަން. ކިހިނެތްކަން ވާނީ. އެހެންވީމަ ގާނޫނީގޮތުން އަސްލު ވާނުވާއެއް ނޯވޭ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެއީ 4 ބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ކަމަށެވެ. ޝަމީމް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެމީހުން މޮނިޓަރ ކުރާ ކަމަށާއި، ބަންދުގައި ތިބީ ކޮންބައެއްކަން ވެސް އެނގޭ ކަމަށެވެ.

4 ބާވަތުގެ ކުށަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނާއި، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ތިބޭ މީހުންނާއި، މީހުން މެރުމުގެ ދައުވާކޮށްފައި ތިބި މީހުން އަދި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ. މިފަދަ މީހުން މުޖުތަމައުއަށް ދޫކޮށްލުމުން ބައެއް ފަހަރު ކުށް ތަކުރާރުވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިހާރު ތިބޭނީ 4 ބާވަތެއްގެ މީހުން ޖުމްލަ ގޮތެއްގައި. އެންމެ ގިނައިން ތިބޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ކަމަށް ތުހުމަތުކުރެވޭ މީހުން. އޭގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަކީ އޭގެ މީހުން. ދެން އަޅުގަނޑުމެންނަށް ވަރަށް އުދަނގޫ އޭގެ މީހުން ދޫކޮށްލަން. އެދޫކޮށްލާފިއްޔާ އަނެއްކާ ވެސް އެކަހަލަ ކަންތައް ކުރަނީ. އެހެންވެފައި ވެސް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބަލަން އެކަހަލަ މީހެއްގެ ބަންދުން ލުޔެއް ދިނުމުގައި ވެސް ކިހިނެތްތޯ ހެދޭނީ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

މައްސަލަތައް ހައްލުނުވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ދެފަހަރަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށާއި، އެގާނޫނަށް އިސްލާހު ގެނެސްގެން ބޭނުންވާ ނަތީޖާ ނުނެރެވޭ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ފަނޑިޔާރުންނަށް އިތުބާރު ކުރާ ކަމަށާއި، އެއީ ގާބިލް ބޭފުޅުން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ޖާގައެއް ނެތް ކަމަށާއި، ވަސީލަތެއްވެސް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވާނުވާގެ މައްސަލަތައް ހައްލުކުރެވެން އޮތީ ކޯޓަށް ވަސީލަތްތައް ދެވިގެން ކަމަށެވެ

އެހެންކަމުން ކޯޓުގައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މި ސަރުކާރަށް ދަންނަވާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް