ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 12:53
ކުންފުނިތައް އުފެއްދުމާއި ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އާންމުކުރުން
ކުންފުނިތައް އުފެއްދުމާއި ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އާންމުކުރުން
އޭސީސީ
ކުންފުނިތަކުގެ ހިންގުން
ކުންފުނިތައް އުފެއްދުމާއި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އާންމުކޮށްފި
 
ކުންފުނިތައް އުފެއްދުމާއި، ރަޖިސްޓަރީކުރުން އަދި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ
 
މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ގެންނަ ފެންނަ 18 ލަފާ މި ކަރުދާހުގައި ހުށަހަޅާފައިވޭ

ކުންފުނިތައް އުފެއްދުމާއި ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އާންމުކޮށްފިއެވެ.

މި ހުދުކަރުދާސް އާންމުކޮށްދެއްވީ މިކަމައްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ބުރާސްފަތި ބޭއްވި ރަސްމިއްޔާތެއްގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއެވެ.

އޭސީސީން މައުލޫމާތު ދޭ ގޮތުގައި މި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިތައް އުފެއްދުމުގައި އެ ކުންފުނިތަކުގެ ހަޤީޤީ ވެރިންގެ މައުލޫމާތު އެއްކުރެވޭ މިންވަރު ދެނެގަނެ، ކުންފުނިތަކުން ހިންގާ އަދި ބައިވެރިވާ ކޮރަޕްޝަނުގެ ޢަމަލުތަކާ ގުޅުވައިގެން "ޕްރޮސީޑްސް އޮފް ކޮރަޕްޝަން ލޯންޑަރ" ކުރުމުގައި ބައިވެރިވާ ހާލަތުގައި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު އޮންނަ ގޮތް ދެނެގަތުމެވެ.

އަދި ދުނިޔޭގެ ގައުމުތަކުގައި ޢަމަލުކުރާ ބައެއް އުސޫލުތައް ދެނެގަނެ، ކުންފުނިތައް އުފެއްދުމާއި، ރަޖިސްޓަރީކުރުން އަދި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއެކު އިސްލާހުކުރުމަށް ލަފަޔާއި އިރުޝާދުދިނުންވެސް މި ކަރުދާހުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމްވަނީ ކުންފުނިތަކުގެ ކަންކަން ރެގިއުލޭޓްކުރުމުގައި މިހާރު ދިމާވާ މައިގަނޑު ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި އޭސީސީން ތައްޔާރުކުރާ ހުދުކަރުދާސްތަކުގެ ހޯދުންތަކުގެ މުހިއްމުކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުންފުނިތަކުގެ ކަންކަން ރަނގަޅުކުރުމަށް މަގުފަހުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިތުރު ހުދުކަރުދާސްތައް އެކުލަވާލުމުގެ މުހިއްމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ދެއްކެވި ވާހަކަފުޅުގައި އޭސީސީގެ ރިސަރޗް ޓީމުން ކުރައްވާ މުހިއްމު މަސައްކަތްތައްވަނީ ފާހަގަކުރައްވާފައެވެ.

އަދި ކޮމިޝަނުގެ މަސައްކަތްތައް ވޭތުވެދިޔަ 1 އަހަރާއި 7 މަސްދުވަހުގެ ތެރޭގައި ބައްޓަންކުރެވުނުގޮތާއި ކޮމިޝަނުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތައްކަށް އޭސީސީގެ ނާއިބު ރައީސް ވަނީ އަޅުއްވާލައްވާފައެވެ.

މި ދިރާސާއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އިތުރުން ގުޅުންހުރި ބައެއް އެހެން އިދާރާތަކުންވެސް ގުޅުންހުރި މަޢުލޫމާތު ވަނީ ހޯދާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ބައެއް މައުލޫމާތު ހޯދާފައިވެއެވެ.

އޭސީސީން މައުލޫމާތު ދޭ ގޮތުގައި މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ކުންފުނިތަކުގެ ބެނެފިޝަލް އޯނަރުންގެ މައުލޫމާތު އެންމެ ފުރިހަމައަށް ނުބެލެހެއްޓުންމާއި، ހުށަހެޅޭ މައުލޫމާތު ވެރިފައިކުރުމުގެ މަރުހަލާއެއް ނެތުމުގެ އިތުރުން، "ބިޒްނަސް ޕޯޓަލް" ގައި ބެނެފިޝަލް އޯނަރުންގެ މައުލޫމާތު ހާމަނުކުރުން ފަދަ ކަންކަން ހިމެނެއެވެ.

އޭގެ އިތުރުން، ސަބްސިޑިއަރީ ކުންފުނިތައް ހަރުދަނާކަމާއެކު ރެގިއުލޭޓް ނުކުރެވުމާއި، ސަރުކާރުގެ ކުންފުނިތައް އުފައްދާއިރު އެއް މަޤްސަދެއް ހާސިލްކުރުމަށް އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނި އެފެއްދުމުގެ ފުރުސަތު އޮތުމުގެ މައްސަލަވެސް ފާހަގަކޮށްފައިވެއެވެ.

އަދި ތަފާތު މަޤްސަދުތަކުގައި ކުންފުނިތައް އުފައްދައި، އެކި ސަބަބުތަކާހެދި ބައެއް ކުންފުނިތައް އުފެއްދުމުގެ މަޤްސަދު ބަދަލުވެ އިޤްތިސާދަށް ފައިދާވާ މިންވަރަށް މަސައްކަތް ނުކުރެވުމާއި، ކުންފުނިތައް ޒިންމާދާރުކުރުވުމުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް ލިބިދީފައިނުވުމާއި، އިދާރާތަކުން ގުޅިގެން ކުރެވެ މަސައްކަތް މަދުކަން ވަނީ ފާހަގަކޮށްފައެވެ.

މިއާއެކު ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ގެންނަ ފެންނަ 18 ލަފާ މި ކަރުދާހުގައި ހުށަހަޅާފައިވެއެވެ.

މި ހުދުކަރުދާސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް