ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 11:41
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ރާއްޖެއެމްވީ
ބްރިޖުގައި ބާރަށް ވެހިކަލް ދުއްވާ މައްސަލަ
ސިނަމާލެ ބްރިޖްގައި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވި 120 މީހުންނަށް ނަސޭހަތުގެ މެސެޖް ފޮނުވައިފި
 
އުޅަނދު ދުއްވި ބާރުމިން އަދި ލޭން ބަދަލުކުރިކަން ދެނެގަންނާނީ ބްރިޖުގައި ހަރުކޮށްފައިވާ ކެމޭރާތައް މެދުވެރިކޮށް
 
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށް އިލްތިމާސްކޮށްފައިވޭ

ސިނަމާލެ ބްރިޖްގައި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވި 120 މީހުންނަށް ނަސޭހަތުގެ މެސެޖް ފޮނުވާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖްގައި ދުއްވަން ހުއްދަ ކޮށްފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރުމާ ގުޅިގެން އާދިއްތަ ދުވަހުގެ ހެނދުނު 07:30 އިން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި 120 ނަސޭހަތުގެ މެސެޖް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އަދި އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނަށް 15 އޯކްޓޫބަރު 2023 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށެވެ.

ފުލުހުން ބުނީ އުޅަނދު ދުއްވި ބާރުމިން އަދި ލޭން ބަދަލުކުރިކަން ދެނެގަންނާނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމޭރާތައް މެދުވެރިކޮށް ކަމަށެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސިނަމާލެ ބްރިޖު އަދި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް ގިނަ އެވެ. އެގޮތުން މިމަހުގެ ތެރޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންނަށް އަނިޔާވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް