ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 07:22
 ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ) ފަލަސުރުޚީ ޕްރޮގްރާމްގައި
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ) ފަލަސުރުޚީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ކޮވިޑްގެ ހާލަތުން އަރައިގަނެވުން
ކޮވިޑްގެ ހާލަތުން އަރައިގަންނަން ފަސޭހަވީ ސަރުކާރާއި އިންޑަސްޓްރީ އާ ގާތްގުޅުމެއް އޮތުމުން: އިސްމާއީލު ހަމީދު
 
މިސަރުކާރުން މަސައްކަތްކުރަމުންދަނީ އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން
 
ރާއްޖެފަދަ ކުޑަ ގައުމަކުން ބޯޑަރު ހުޅުވާލުމަށް ނިންމި ޖެހިލުންކުޑަ ނިންމުމަކީ ދުނިޔެއިން ބަލައިގަންނަ ނިންމުމެއް

ކޮވިޑް-19ގެ ހާލަތުން އަރައިގަނެ އިގްތިޞާދު ހަމައަކަށް އެޅުން އަވަސްވެގެންދިޔައީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގާތްކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރުމުންކަމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ) ވިދާޅުވެއްޖެއެވެ.

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރިޔަށްގެންދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްމާއީލު ހަމީދު ވިދާޅުވީ ކޮވިޑުގެ ހާލަތުން އަރައިގަނެ ފަތުރުވެރިކަން އިހު އޮތް ހިސާބަށް އާދެވުމުގައި ރާއްޖެއިން ދުނިޔެއަށް ނަމޫނާ ދައްކާފައިވާކަމަށެވެ. ރާއްޖެފަދަ ކުޑަ ގައުމަކުން ބޯޑަރު ހުޅުވާލުމަށް ނިންމި ޖެހިލުންކުޑަ ނިންމުމަކީ ދުނިޔެއިން ބަލައިގަންނަ ނިންމުމެއްކަމަށް ވިދާޅުވިއެވެ. ކޮވިޑްގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުން ވެގެންދިޔައީ މުޅި ދުނިޔެއިން ރާއްޖެއާމެދު އިތުބާރު އުފެދުނު ކަމަކަށް ކަމަށް އިސްމާއީލު ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ނިންމި ނިންމުމެއްކަމަށާއި ބައެއް ގައުމުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ބޭނުންވިނަމަވެސް ސަރުކާރުތަކުން ބޯޑަރު ހުޅުވާލުމަށް އެއްބަސްވެފައިނުވާކަމަށެވެ. އޭގެ ނަތީޖާ އެގައުމުތަކުގެ އިގްތިޞާދަށް ކުރިކަމަށާއި އެކަން އެންމެންނަށްވެސް ފެނިފައިވާކަމަށް އިސްމާއީލު ހަމީދު ވިދާޅުވިއެވެ.

އިސްމާއީލު ވިދާޅުވީ މިސަރުކާރުން ކަންކަން ނިންމަނީ ކަމާބެހޭ ހުރިހާ ފަރާތްތަކާވެސް ގުޅިގެންކަމަށާއި އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާ ނިކުތުމަށް އަވަސްވާކަމަށެވެ.

ބޯޓިންގ އެސޯސިއޭޝަން ކުޑަ އެސޯސިއޭޝަނެއް ކަމަށް ބަލަނީ. މިއެސޯސިއޭޝަން ތަމްސީލުކުރާ މެމްބަރުން އެބަތިބި ރައްޖޭގެ ބިޒްނަސް ކައުންސިލުގައި އެސްއެމްއީ ކައުންސިލުގައި އެމްއެމްޕީއާރުސީގައި އިންޑިއަން އޯޝަން ރިމް އޯގަނައިޒޭޝަންގައި މިނިމަމްވޭޖު ބޯޑުގައި މިހެން އެތައް ބައިވަރު ތަނެއްގައި އެބަތިބި. އަޅުގަނޑުމެން ބައިވެރިކޮށްގެން އެކަންކުރަނީ. ހަމައެގޮތަށް މަޓާޓޯ ވެސް އެމްއެމްޕީއާރުސީ ގައި ބިޒްނަސް ކައުންސިލުގައި އެތައް ބައިވަރު ތަނެއްގައި އެބަތިބެން. މިކަހަލަ ބައިވަރު ކަންކަމުގައި ކުރަނީ އަޅުގަނޑުމެންވެސް ލައިގެން. ރާއްޖެ ފެއިލް ވިއްޔާ ފެއިލްވަނީ އަޅުގަނޑުމެންވެސް ލައިގެން ކުރާ ކަންކަމުގައި. އެއީ އަޅުގަނޑުމެންގެ އެޑްވައިޒް ހޯދައިގެން ކަންކަންކުރަނީ. އެހެންވީމާ އެންމެން ބުނި ގޮތަކަށް ނެތް ކަންތައް ނުކޮށްފައެއް. އަޅުގަނޑުމެން ދެކެނީ ކޮންމެ ސަރުކާރެއް އޮތަސް މިގޮތަށް ކަންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް.
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ)

އިސްމާއީލު ހަމީދު ވިދާޅުވީ ބޯޓިންގ އެސޯސިއޭޝަނުން ޕްރޮމޯޓްކުރަން ބޭނުންވާކަންކަން ރަނގަޅު ޕްރޮޕޯސަލް އަކާއެކު އެމްއެމްޕީއާރުސީއަށް ހުށަހެޅުމުން އެކަމެއް ކޮށްދެމުންދާކަމަށާއި އެމާކެޓެއް ކުރުމަށް ބޭނުންވާ ފަންޑުވެސް ލިބޭކަމަށެވެ.

އެމްއެމްޕީއާރުސީ އާ ގުޅިގެން އެކަންކުރެވޭ. އޭގެ އައުޓްކަމް ވެސް ބަލައިލެވޭ. މިދިޔަ އަހަރު ބައިވެރިވިން ޔޫއެސްއޭ އޮލަންޑާގައި އޮތް އިވެންޓެއްގައި ،މިޑިލް އީސްޓްގައި އޮތް ޑައިވިންގ އިވެންޓެއްގައި އަދި ސިންގަޕޯރގައި އޮތް ޕްރޮމޯޝަނެއްގައިވެސް ބައިވެރިވިން. މިއީ ޚާއްސަކޮށް މިއިންޑަސްޓްރީއަށް ދިން ފުރުސަތުތައް. އަޅުގަނޑުމެން ބޯޓިންގ އެސޯސިއޭޝަނާއި މިހާ ގާތްގުޅުމެއް ނެތް އެހެން އެއްވެސް ސަރުކާރެއްގައި.
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ)

އިސްމާއީލު ހަމީދު ވިދާޅުވީ މިހާރު ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ފުޅާވެގެންގޮސްފައިކަމަށާއި ބޭރުގެ ބޯޓުތައް ރާއްޖެއަށް މިހާރު ވަރަށް ގިނައިން އަންނަކަމަށެވެ. އެކަމާއި ގުޅިގެން ޚާއްސަ ގަވާއިދެއްވެސް އެކުލަވާލަންޖެހުނުކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ އަކީ ކުރިންނެތް މާކެޓް ތަކުގެ ފަތުރުވެރިން މިހާރު ގިނަ އަދަދަކަށް ރާއްޖެ އައުންކަމަށް އިސްމާއީލު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް