ކ. މާލެ
|
16 ޖޫން 2023 | ހުކުރު 15:20
އެފްޑީސީން ތަރައްގީކުރަމުން އަންނަ ޓަވަރެއް
އެފްޑީސީން ތަރައްގީކުރަމުން އަންނަ ޓަވަރެއް
ރާއްޖެއެމްވީ
ބޯހިޔާވަހިކަމުގެ މަޝްރޫއު
ހުރިހާ ޓަވަރެއްގެ އަމަލީ މަސައްކަތެއް ފެށިއްޖެ، މި އަހަރުގެ ނިޔަލަށް 8 ޓަވަރުގެ މަސައްކަތް ނިމޭނެ
 
އެހެން މަޝްރޫޢުތަކާއި ޚިލާފަށް ސަލާމަތީ ގޮތުންވެސް މުހިއްމުކަންކަން މިފެލްޓުތަކުގައި ޤާއިމުކުރެވިފައިވޭ
 
ކޮންކްރީޓް މަސައްކަތުގައި ބޭނުންކުރާ "ރީއިންފޯރސްޑް ސިމެންޓް'

ހުރިހާ ޓަވަރެއްގެ އަމަލީ މަސައްކަތެއް ފެށިއްޖެ ކަމަށާއި، މި އަހަރުގެ ނިޔަލަށް 8 ޓަވަރުގެ މަސައްކަތް ނިމޭނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ އަމަލީ މަޝްރޫއާ ގުޅޭގޮތުން އެ ކުންފުނިން ބުނީ މިދިޔަ ހަފްތާގައި އެއް ޓަވަރުގެ ސްޓްރަކްޗަރ ވަނީ އެއްކޮށް ނިންމާލާފައި ކަމަށެވެ. އަދި އެޓަވަރުގެ ފިނިޝިންގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަމާޒަކީ ޓައިމްލައިނާ އެއްގޮތަށް 32 ޓަވަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ހުރިހާ ޓަވަރެއްގެ އަމަލީ މަސައްކަތް ފެށުނީ އެއް ފަހަރަކާ ނޫން ކަމަށާއި، ބައެއް ބިންތައް ބޭނުން ކުރަމުން ދިޔައީ މެޓީރިއަލް ބަހައްޓަން ކަމަށެވެ. އަދި މެޓީރިއަލް ހުސްވާ ވަރަކަށް މަސައްކަތް ފަށަމުން ދާ ކަމަށެވެ. އަދި މިހާރު ހުރިހާ ޓަވަރެއްގެ ވެސް އަމަލީ މަސައްކަތް ފެށި، ގްރައުންޑުން މައްޗަށް އަރާފައި ހުންނާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެއް ޓަވަރުގެ ސްޓްރަކްޗަރގެ މަސައްކަތް އެއްކޮށް ނިމި އެޓަވަރުގެ ފިނިޝިންގ މަސައްކަތް މިހާރު ކުރިއަށްދަނީ. އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ފުރަތަމަވެސް ޕްރޮޖެކްޓްގެ ޓައިމްލައިނާއި އެއްގޮތަށް މަސައްކަތް ޑެލިވަރކުރުން
ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރ، އަޙްމަދު ޝަމޫލް ޢަބްދުﷲ

މިހާތަނަށް ކޮށްފައި ހުރި މަސައްކަތަށް ބަލާއިރު 10 ފްލޯއަށްވަރު މައްޗަށް 6 ޓަވަރު ވަނީ ނެގިފައެވެ. އެއް ކޮންޓްރެކްޓަރަކީ ޖޭއެމްސީ އަދި އަނެއް ކޮންޓްރެކްޓަރަކީ އެންބީސީސީއެވެ. މިހާތަނަށް 31 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޓައިމްލައިނަށް މަސައްކަތް ކުރަމުން އަންނަ އިރު، ފޭސް 1 ގެ ހުރިހާ ޓަވަރެއް ނިންމުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ކޯޕަރޭޝަނުން ބުނީ އިމާރާތްތަކުގެ ސްޓްރަކްޗަރ އަކީ ކޮންކްރީޓް ސްޓްރަކްޗަރއެއް ކަމަށާއި، އިމާރާތް އަވަސްކުރަން ވެގެން، ކޮމާޝަލް ފްލޯތައް ނިންމާފައި ބޭނުން ކުރަނީ މުޅި އިމާރާތުގެ ފާރުތައް އެލުމިނިއަލް ތަތްގަނޑެއް ޖަހާފައި ކޮންކްރީޓް އަޅައިގެން ހަދާ ގޮތަށެވެ. މިގޮތަށް މަސައްކަތް ކުރުމުން ފްލޯއެއް 10 ދުވަހާއި 14 ދުވަސް ތެރޭގައި ނިމެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރ، އަޙްމަދު ޝަމޫލް ޢަބްދުﷲ ވިދާޅުވީ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާކަމަށެވެ.

ކޮމެންޓް