ކ. މާލެ
|
22 މެއި 2023 | ހޯމަ 14:03
ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ރައީސް އޮފީސް
ޗެކް ރިޕަބްލިކް އަދި މެލޭޝިއާ
ޗެކް ރިޕަބްލިކް އަދި މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި
 
މިއަހަރަކީ، ޗެކް ރިޕަބްލިކްއާއި ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 30 އަހަރު ފުރޭ އަހަރު
 
ދިވެހިރާއްޖެއިން މެލޭޝިޔާ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1968ގައި

ޗެކް ރިޕަބްލިކް އަދި މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗެކްރިޕަބްލިކް އާ ސަފީރު މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، މިއަހަރަކީ، ޗެކް ރިޕަބްލިކްއާ ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ.

އަދި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.ޗެކްރިޕަބްލިކްގެ އާ ސަފީރުއެކު ބޭއްވި މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ފޮރިން އިންވެސްޓްމެންޓްތަކަށް އެކި ދާއިރާތަކުން ފުރުޞަތުތައް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި، ޗެކްރިޕަބްލިކްގެ އިންވެސްޓަރުންނަށްވެސް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތު އޮތް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާ އަދި ތިމާވެއްޓާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.ރައީސުލްޖުމްހޫރިއްޔާ އާއި ޗެކްރިޕަބްލިކްގެ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.

އޭގެ އިތުރުން، މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމްވެސް ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މެލޭޝިޔާގެ އާ ސަފީރު މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޙްނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ދިވެހިރާއްޖެއާ މެލޭޝިޔާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ މެދުގައި އިޤުތިޞާދީ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުން ސޮއެކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދެޤައުމު މެދުގައި ނިމިފައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާކަން ފާހަގަކުރައްވައިފައެވެ.

މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި - ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިދާރީހިންގުމުގައި ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް، މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެލޭޝިޔާއިން ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމަށް ރާއްޖެއިން މަރުޙަބާކިޔުމުގެ ޝައުޤުވެރިކަން އޮތްކަމަށާއި، ދެޤައުމުގެ ދެމެދުގައި ކުރެވޭ ފްލައިޓް ދަތުރުތައް އިތުރުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިޔަށް އޮތްތަނުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

ދިވެހިރާއްޖެއިން މެލޭޝިޔާ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1968ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް