ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 11:47
ޔައުގޫބް އަބްދުﷲ
ޔައުގޫބް އަބްދުﷲ
މަޖިލިސް
ރާއްޖޭގެ ދަރަނީގެ ހާލަތު
ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ، އެ ނޫން ހާލަތެއް ނެތް - ޔައުގޫބް
 
ދަރަނިވެރިވާތަން ފެންނަ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށް ޔައުގޫބް ވިދާޅުވި
 
އެ ގަރާރަށް ބަހުސްކުރައްވަމުން ޔައުގޫބް ވިދާޅުވީ އެފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅީތީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް

ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ ކަމަށާއި ރާއްޖެ ބަނގުރޫޓު ވާނެ އެ ނޫން ހާލަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ވަނީ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރަށް ބަހުސްކުރައްވަމުން ޔައުގޫބް ވިދާޅުވީ އެފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅީތީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ގަރާރަކީ ހުށަހެޅުމުން ރާއްޖޭގެ އިގްތިސާދު ރާއްޖޭގެ އިގްތިސާދު ނެގެހެއްޓިފައި އޮތުމާއި، ރާއްޖޭގައި ސިޔާސީ ހަމަޖެހުމުން އޮތުމުން އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ހުށަހެޅި ގަރާރެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ގަރާރަކީ ނަފްރަތު އޮވެގެން ހުށަހެޅުއްވި ގަރާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލަންކާ އެކޭ އެއް ގޮތަށް ރާއްޖެ ދަރަނިވެރިވާތަން ފެންނަ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށެވެ. މިިދިޔަ 3 އަހަރު ތެރޭގައި ރާއްޖެއިން ނަގާފައިވާ ލޯނުތައް ނުދެއްކޭނެ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ދައްކާ ވާހަކަ އާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔައުގޫބް ވަނީ މިހާތަނަށް އައި އިރު ރާއްޖެ ދަރަނިވެރިވެގެން އެއްވެސް މީހެއްގެ މުސާރަ ނުދެވި ވޭތޯ އަދި ރާއްޖޭގެ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ލިބެން ޖެހޭ އެއްވެސް ޚިދުމަތެއް ނުލިބި އެބައޮތްތޯ ސުވާލު އުފައްދަވާފައެވެ. ޔައުގޫބް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވާނެ ކަމަށް މީގެ ކުރިން ވެސް އެކި ފަރާތްތަކުން ވާހަކަދެއްކި ކަމަށެވެ. މިދިޔަ އަހަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް ވިދާޅުވި ކަމަށާއި އެފަދަ ކަމެއްގެ އަލާމާތެއް ވެސް އަދި ފެންނަން ނެތް ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި މުސްތަގްބަލުގައި ވެސް ރާއްޖެ އެފަދަ އަނދަވަޅަކަށް ނުވެއްޓޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ރާއްޖެ އަށް ދިމާވި އިގްތިސާދީ އެންމެ ދަތި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކަަމަށް ފާހަގަކުރައްވާ ޔައުގޫބް ވިދާޅުވީ އެ ހާލަތުން ރާއްޖެ އަަރައިގަނެ ރާއްޖެ އަށް ވުރެ އިގްތިސާދީ ގޮތުން މާ ކުރި އަރާފައިވާ ޤައުމުތަކަށް ވުރެ އަވަހަށް ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖަހާފައިވާ ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ރާއްޖޭގެ އިގްތިސާދަށް ނައި ހީނަރުކަމެއް ދެން އަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޔައުގޫބް ވަނީ ރާއްޖޭގައި ފުރަތަމަ ލޯނު ނަަގަން ފެށީ އެމްޑީޕީގެ ވެރިކަމުގައި، ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ކަމަށާއި އެއީ ގެއްލުންވާ ކަމެއް ނަމަ ކުރިން ވެސް އެމްޑީޕީ އިން އެކަން ނުކުރީސް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބްގެ އެ ވާހަކަތަކަށް ފަހު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ "ބެދޭ މަޅި" އެއް ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޔައުގޫބުގެ ވާހަކަތަކަށް ރައީސް ނަޝީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް