ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 17:47
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަރުޝަދު ޚާލިދު
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަރުޝަދު ޚާލިދު
ފޭސްބުކް
އަރުޝަދުގެ މައްސަލަ
އަރުޝަދުއާމެދު މީޑިއާތަކުން ސައްހަ ނޫން މައުލޫމާތު ފަތުރާކަމުގެ ތުހުމަތު
 
އަރުޝަދު ހައްޔަރުކޮށްފައިވަނީ ލަންކާއިން އޭނާ ރާއްޖެއަށް ޑީޕޯޓްކޮށްލުމުންކަމަށް މީޑިއާތަކުން ބުނިނަމަވެސް، އޭނާ ލަންކާގައި ހުރީ ސައްހަ ވިސާއެއްގެ ދަށުން ކަމަށް ދިފާއީ ވަކީލު ބުނެފައިވޭ
 
މި މައްސަަލަ ދިރާސާކުރުމުގެ ތެރޭގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުން

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދުއާމެދު މީޑިއާތަކުން ސައްހަނޫން މައުލޫމާތު ފަތުރާފައިވާކަމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައިކޯޓުން މިދިޔަ ޖޫން މަހު ނެރުނު އަމުރުގެ އިސްތިއުނާފު އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑު އެހުމެއް އަންގާރަ ދުވަހު ސުޕްރީމްކޯޓުގައި ވަނީ ބާއްވާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު ހުސްނުއްސޫއުދެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ދިފާއީ ވަކީލު ބުނީ، އަރުޝަދު ހައްޔަރުކޮށްފައިވަނީ ލަންކާއިން އޭނާ ރާއްޖެއަށް ޑީޕޯޓްކޮށްލުމުން ކަމަށް މީޑިއާތަކުން ބުނިނަމަވެސް އޭނާ ލަންކާގައި ހުރީ ސައްހަ ވިސާއެއްގެ ދަށުން ކަމަށާއި، އަދިވެސް އެ ވިސާގެ މުއްދަތު ހަމަނުވާކަމަށެވެ.

މިއީ، ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، އެ އަމުރާ ޚިލާފުވުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި ފުލުހުން، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45ށް އަރުޝަދު ޚާލިދު އެ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލުމަށް ފަހުގައެވެ. އަދި ފުލުހުން ވަނީ އެކަމާގުޅޭ ލިޔުމެއްވެސް އޭނާއަށް ދީފައެވެ.

އަރުޝަދު ހައްޔަރުކޮށްފައިވަނީ، ލަންކާއިން އޭނާ ރާއްޖެއަށް ޑީޕޯޓުކޮށްލުމުން އެނބުރި ރާއްޖެ އައުމުން، މިހިނގާ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ ލަންކާއިން ޑީޕޯޓުކޮށްލީ އެ ގައުމުން ދުބާއީއަށް ދިއުމުން ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ލަންކާއަށް ފޮނުވާލުމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ނުގެން ގޮސް ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ. އަރުޝަދު ހައިކޯޓަށް ހާޒިރުވެފައިވަނީ އަމިއްލައަށް ކަމަށް ވާއިރު، ހައިކޯޓުންވެސް ވަނީ އޭނާގެ ބަންދާ މެދު ދެން ގޮތެއް ނުނިންމޭނެކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުން މި މައްސަލައިގައި އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުުރާއަތުގެ ގާނޫނާއި ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި، އަރުޝަދުގެ ބަންދާމެދު ގޮތެއް ނިންމައިދޭންވާނެ ކަަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. ސަބަބެއްކަަމަށް ބުނެފައި ވަނީ، އަރުޝަދު ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން ހުށަހަޅާފައި ވަނިކޮށް އެ އަމުރުު ނެރެދީފައި ނުވާތީއާއި، އަމުރު ނެރެނުދޭ ސަބަބު ހާމަކޮށްފައި ނުވާތީކަމަށެވެ. އަދި އެފަދަ ނިންމުމެއް ނުނިންމާ ސަބަބު ހާމަކޮށްދޭން ވާނެ ކަމަށް ދައުލަތުން ދެކޭކަމަށް ވަނީ ބުނެފައެެވެ. މީގެ އިތުރުން އަރުޝަދު ހައްޔަރުކޮށްފައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރަށް ފުލުހުން އަމަލުކޮށްފައި ނުވުމަކީ އެ ނިންމުމަށް ހުރަސްއެޅޭކަމެއް ކަމުގައި ނުދެކޭކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

ދިފާއީ ވަކީލު ބުނެފައިވަނީ، މި މައްސަލައިގައި "އަރުޝަދުއަށްވާތީ" އޭނާ ބަންދުގައި ބަހައްޓަންޖެހޭކަމަށް ބުނާއިރު، އެކަމާގުޅޭ ގާނޫނީ ސަބަބެއް ދައުލަތަށް ނުދެއްކޭކަމަށެވެ. އަދި އޭނާއަކީ ދައުލަތަށް ފިލައިގެން އުޅޭ މީހެއްކަަމަށް ބުނިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ދިފާއީ ވަކީލް ވަނީ ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ފުރުން މަނާކޮށް، މާލެއިން ބޭރަށް ދާނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ކަނޑައަޅާފައިވާކަމަށާއި އެ ހާލަތު ބަދަލުނުވާނަމަ އެކަމަށް ބަހުސް ކުރެވިދާނެކަަމަށް ގަބޫލުނުކުރާކަމަށް އޭނާ ބުންޏެވެ.

މި މައްސަަލަ ދިރާސާކުރުމުގެ ތެރޭގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް